ޗަރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުންގެ ސްކޮލަޝިޕަށް 493 މީހަކު ކުރިމަތިލައިފި

ޗަރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުންގެ ސްކޮލަޝިޕަށް 493 މީހަކު ކުރިމަތިލައިފި

Author
މުޙައްމަދު ޝަޒައިމް
20 ޖެނުއަރީ 2022 06:01
0

ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީންކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހުޅުވާލި 150 ސްކޮލަޝިޕަށް މުއްދަތު ހަމަވިއިރު 493 ފަރާތަކުން ކުރިމަތިލައިފިއެވެ.

ރާއްޖޭގައި ތިބެގެން ކިޔަވަން ހުޅުވާލި މި ސްކޮލަޝިޕްތަކުގައި އޭސީސީއޭ ސްކިލްސް ލެވެލް، އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް، ސީމާ މެނޭޖްމަންޓް ލެވެލް އަދި ސީމާ ސްޓްރެޓީޖިކް ލެވެލްއަށް ކިޔެވޭނެ އެވެ.

ސްކޮލާޝިޕް ސްކީމްގެ ދަށުން ދޭ އިނާޔަތްތައް:
– ރަޖިސްޓްރޭޝަން ފީ
– އެނުއަލް ސަބްސްކްރިޕްޝަން ފީ (ކިޔެވުން ފުރިހަމަ ކުރަމުންދާ މުއްދަތުގައި)
– އެގްޒެމްޝަން ފީ
– އެގްޒާމް ފީ
– ބުކް އެލަވަންސް
– ޓިއުޝަން ފީ (ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ޔުނިވާސިޓީ ނުވަތަ ކޮލެޖެއްގައި ކިޔަވާނަމަ)

ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގައި ގިނަ މޮޑިއުލްތައް ނިންމާފައިވާ ފަރާތްތައް ނުވަތަ ކުރިން ފުރިހަމަކޮށްފައިވާ ކޯހެއްގެ ސަބަބުން ގިނަ މޮޑިއުލްތަކަކަށް އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އިސްކަންދިނުމާއެކު އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކެނޑިޑޭޓުން ހޮވަން އިސްކަންދެވޭނެއެވެ.

ސްކޮލާޝިޕްގެ ދަށުން ނޮމިނޭޓް ކުރެވޭ ފަރާތްތައް މިނިސްޓްރީއިން ނޮމިނޭޓްކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަން ޖެހެއެވެ. ތިން މަސް ދުވަހުގެ ތެރޭގައި ކިޔަވަން ނުފަށައިފިނަމަ ސްކޮލަޝިޕް ކެންސަލް ކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނަށް ލިބިގެންވެއެވެ.

މިއީ، ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީންކުރުމަށް ޚާއްޞަކޮށްގެން ހުޅުވާލި މިފަދަ ފުރަތަމަ ސްކޮލާޝިޕެވެ. މި ސްކޮލާޝިޕް ސްކީމުން ޕަބްލިކް ސެކްޓަރ އަށް 50 ފުރުސަތު ޚާއްސަކޮށްފައިވާއިރު، ސަރުކާރުގެ އެކިއެކި އިދާރާތަކާއި އޮފީސްތަކުގެ މާލީ ދާއިރާގައި މިހާރުވެސް މަސައްކަތް ކުރަމުންދާ ވަރަށް ގިނަ ފަރާތްތަކެއް ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓަންޓުންގެ ގޮތުގައި ޕަބްލިކް ސެކްޓާގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ހަރަކާތްތެރިވާން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މި ދާއިރާ އިތުރަށް ހަރުދަނާ ވެގެންދާނެ އެވެ.

އިތުރު މައުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓު www.mohe.gov.mv އިން ލިބެން ހުންނާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.