މޫނު ބުރުގާ އެޅުމަކީ، ޤާނޫނުއަސާސީން ލިބިދޭ އެއްވެސް ހައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަން އަންނަންޖެހޭނެ ސަބަބެއް ކަމަށް ނުދެކޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.
އެމްއެންޕީން ފަދައިން ބުނެފައިވަނީ މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ހުރަސް ނޭޅުއްވުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބައެއް ސްކޫލުތަކުގައި ހަރަކާތްތެރިވާ މޫނު ބުރުގާ އެޅި ޓީޗަރުންނަށް ބުރުގާ ނެގުމަށް އަންގާފައެވެ.
އެމްއެންޕީން ބުނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މޫނު ބުރުގާ އެޅުމަކީ އިސްލާމްދީނުގައި ލާޒިމްކޮށްފައިވާ ކަމެއްކަމާމެދު ދީނީ އިލްމުވެރިންގެ މެދުގައި ހިލާފް އުފެދިފައިވާއިރު، މޫނު ބުރުގާ އެޅުމަކީ ލާޒިމްކަމެއްކަމަށް ދެކޭ ރައްޔިތުން ދިވެހިރާއްޖޭގައި ދިރިއުޅޭކަމީ އަޅުގަނޑުމެން ޤަބޫލު ކުރަންޖެހޭ ހަގީގަތެއްކަމަށް އެ ޕާޓީން ދެކޭކަމަށެވެ.
އެހެންކަމުން، މޫނު ބުރުގާ އެޅުމަކީ މިފަރާތްތަކަށް ޤާނޫނުއަސާސީން ލިބިދޭ އެއްވެސް ހައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަން އަންނަންޖެހޭނެ ސަބަބެއް ކަމަށް ނުދެކޭކަމަށާއި، އެޕާޓީން ޤަބޫލުކުރާ ގޮތުގައި މޫނު ބުރުގާ އެޅުމަކީ އެއްވެސް ފަރާތަކަށް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޮތް ހުރަހަކަށްވެގެން ނުވާނެކަމަށް އެމްއެންޕީން ބުންޏެވެ.
އަދި މިފަދަ ކަމެއް މަނާކޮށް އެއްވެސް ފަރާތެއްގެ ހައްޤެއް ހިފަހައްޓާކަމަށްވާނަމަ، އެކަން ކުރަންވާނީ މިކަމާ ގުޅޭގޮތުން ދީނީ އިލްމުވެރިން ހިމެނޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުންކަމަށްވެސް މިޕާޓީން ދެކެމެވެ.
– އެމްއެންޕީން ނެރުނު ބަޔާނުގައި ވެއެވެ.
އަދާލަތު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ތުނބުޅި ބެހެއްޓުމާއި މޫނު ބުރުގާ އެޅުން ފަދަ ކަންކަމާ ގުޅޭގޮތުން ކުރާ ތަފާތު ކުރުންތައް ނައްތާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ކަން ފާހަގަކޮށް، އެ ސިޓީގައިވަނީ މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ސްކޫލްތަކުގައި މަސައްކަތް ކުރަން ހުރަސް އެޅޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ސިޔާސަތު މުރާޖަކޮށްދޭން އެދޭ ކަމަށެވެ. އަދި އެކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ނިންމާ ގޮތެއް އެ ޕާޓީއަށް އަންގަން އެދޭ ކަމަށް ވެސް އެ ސިޓީގައިވެއެވެ.
އަދާލަތުގެ ސިޓީގައި ބުނެފައިވަނީ ހެދުން އަޅަންޖެހޭނީ އިސްލާމީ މިންގަނޑުގެ ތެރެއިން ކަމަށެވެ. އެހެންކަމުން މޫނު ބުރުގާ އަޅައިގެން ތިބޭ ޓީޗަރުންނަށް ވެސް ހިދުމަތް ކުރުމަށް ފުރުސަތު އޮންނަން ވާނެ ކަމަށެވެ. ސޓީގައި ވަނީ މީހަކު މޫނު ބުރުގާ އެޅުމަކީ އެމީހެއްގެ ގާބިލް ކަމަށް އަސަރު ކުރާނެ ކަމެއް ނޫން ކަމަށްވެސް ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ