އިންތިޚާބުގައި ވާދަކުރުމުގެ ޝައުގު އެބަހުރި، އެކަމަކު ރައީސާއި ވާދަކުރާ ހިސާބަކަށް ނުދާނެ: ނަޝީދު

އިންތިޚާބުގައި ވާދަކުރުމުގެ ޝައުގު އެބަހުރި، އެކަމަކު ރައީސާއި ވާދަކުރާ ހިސާބަކަށް ނުދާނެ: ނަޝީދު

ގުޅުންހުރި

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ވާދަކުރައްވާ ހިސާބަށް ކަންކަން ނުދާނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަރވިއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނު އަބަދުވެސް ވިސްނުންފުޅު ގެންގުޅުއްވާކަމަށެވެ. އެވިސްނުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނީ ކޮން ކެނޑިޑޭޓެއްތޯ އަދި ނިންމާފައި ނުވާކަމަށެވެ. ނަމަވެސް އިންތިޚާބުގައި ރައީސް ޞާލިހާއި ވާދަކުރެއްވާ ހިސާބަށް ކަންކަން ނުދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެދެބޭފުޅުންނަަކީ އެއަށްވުރެ މާގާތް އެކުވެރި ދެބޭފުޅުންކަމަށްވާއިރު، އޭގެ ކުރިން ކަންކަން ނިމި ސާފުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުވަނީ މިއިންޓަރވިއުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވަރަށް ބޮޑަށް ތައުރީފްވެސް ކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ހުރި މައްސަލަތައް ހައްލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންދާ މަސައްކަތްޕުޅަކީ ތައުރީފް ހައްގު މަސައްކަތްތަކެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަދި އެމްޑީޕީއަށް އެއްދައުރު މުހިންމު ކަމަށެވެ. ބަރުލަމާނީ ނިޒާމަށް ތަކުރާރުކޮށް ވަކާލާތުކޮށް ވާހަކަ ދައްކަވަމުންދާ ރައީސް ނަޝީދު މި އިންޓަރވިއުގައި އެވާހަކަ މާބޮޑަށް ދައްކަވާފައި ނުވެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއިމެދު ރައީސް ނަޝީދުވެސް އަދި ރައީސް ޞާލިހުވެސް ސީދާ ވަކި ގޮތެއް އަދި ނިންމަވާފައި ނުވެއެވެ. އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅިގެންދާނީ އެމްޑީޕީގެ ތެރޭގައި ބާއްވާ ޕްރައިމަރީ އަކުންނެވެ. ނަމަވެސް ޕްރައިމަރީއަކާއި ނުލައި ރައީސް ޞާލިހަށް އިތުރު ދައުރަކަށް ޓިކެޓް ދޭންޖެހޭކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ގެންދަނީ ވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ