އެންމެން މަސައްކަތް ކޮށްގެން ކޯވިޑްގެ އަދަދު ތިރިކުރަން މަޖުބޫރުވެއްޖެ: މައުމޫން

އެންމެން މަސައްކަތް ކޮށްގެން ކޯވިޑްގެ އަދަދު ތިރިކުރަން މަޖުބޫރުވެއްޖެ: މައުމޫން

ރާއްޖޭގައި މިއަދު ކޯވިޑްގެ ނުރައްކާ ފެނިގެންދަނީ ބޮޑުވަމުންދާ މަންޒަރުކަމަށާއި، އަދަދުތައް ތިރިކޮށް، ކޯވިޑްގެ ނުރައްކާ ކުޑަކުރުމަށް އެންމެ އެކުގައި މަސައްކަތް ކުރަން މަޖުބޫރު ވެއްޖެ ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވީ ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، އިއްޔެ އެކަނިވެސް 1،200 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވުމުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސް މައުމޫން ވިދާޅުވީ، އަދަދުތައް މިހާރު ހުރި ނިސްބަތުން މިއީ ވަރަށް ކަންބޮޑުވާ އަދަދެއްކަމަށެވެ. މިއަދު އެންމެން ގުޅިގެން އަދަދުތައް ތިރިކުރަން މަޖުބޫރު ވެފައިވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ކޯވިޑަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިއްޔެ 1،200 އަށްވުރެ މައްޗަށް އަރައިފި. މިއީ ވަރަށް ކަންބޮޑުވާ އަދަދެއް. އެންމެން މަސައްކަތް ކޮށްގެން އަދަދު ތިރިކުރަން މަޖުބޫރުވެއްޖެ.

– ރައީސް މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވާ ކޮންމެ ހާލަތެއްގައި ރައީސް މައުމޫން ގެންދަވަނީ ކަމާއި ގުޅުންހުރި އިދާރާތަކުން އެކަމަށް ދޭންޖެހޭ ސަމާލުކަން ދެއްވައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 1209 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މީގެ ތެރެއިން 575 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި ރަށްރަށުން 408 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުން 155 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި 4 މީހަކު ވަނީ ސަފާރީތަކުން ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 103581 އަށް އަރާފައެވެ.

އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރު ވަނީ އިތުރުވާން ފަށާފައެވެ. މިވަގުތު 5975 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 26 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ރާއްޖޭގައިވެސް ފެތުރެމުން އަންނާތީ ކޯވިޑުން ދިފާޢުވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ. އެގޮތުން ބަލީގެ ޢަލާމާތްތައް ހުރި މީހެއްނަމަ ވީއެންމެ އަވަހަކަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން މީހުންގެ ތެރެއަށް ނިކުމެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އަދި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކުއެޅުމަށާއި ގައިދުރުކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޢެންމެން މަސައްކަތްކޮށްގެން މިގައުމުން އިންޑިއާ ސިފައިން ބަާލަން މައުމޫނު ގޮވަންވީނު.

Leave a Reply

Your email address will not be published. Required fields are marked *