ދުނިޔޭގެ މަޝްހުރު ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިކްގެ ވިސާ ކެންސަކްކުރުމަށްފަހު އޭނާ ޑީޕޯޓު ކޮށްލުމަށް އޮސްޓްރޭލިއާ ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެގައުމުން ކޯޓުން ތާއީދު ކުރުމާއި ގުޅިގެން، އޮސްޓްރޭލިއަން އޮޕެން ޓެނިސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ގެއްލި އަދި ތަށި ދިފާޢު ކުރުމުގެ ފުރުސަތުވެސް އޭނާއަށް ގެއްލިއްޖެއެވެ.
އުމުރުން 34 އަހަރުގެ، ސާބިއާށް އުފަން މަޝްހޫރު ޓެނިސް ކުޅުންތެރިޔާގެ ވިސާ ކެންސަލްކުރުމަށްފަހު ވިސާ އަލުން ނުދިނުމަށް، އެގައުމުގެ އިމިގްރޭޝަން މިނިސްޓަރ އެލެކްސް ހޯކްސް ނިންމަވާފައިވާ ނިންމުމަށް ފެޑެރަލް ކޯޓުގެ 3 ފަނޑިޔާރުންވަނީ ތާޢީދު ކޮށްފައެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ނިންމުމަށް ކޯޓުން ތާޢީދު ކޮށްފައިވަނީ މިމައްސަލައަކީ އާންމު މަސްހަލަތާއި ގުޅުންހުރި މައްސަލައެއްކަމަށް ބަލާ އެއަށް ބަރޯސާ ކޮށްފައެވެ.
ކޯވިޑް19 ވެކްސިން މިހާތަނަށް ޖަހާފައިނުވާ، ޖޮކޮވިކަށް ވިސާ ނުދިނުމަށް އޮސްޓްރޭލިއާ ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެގައުމުގެ ކޯޓުން ތާޢިދު ކުރުމާއި ގުޅިގެން، އެގައުމުން އޭނާ ޑީޕޯޓު ކުރަންދެން އޭނާ ހުންނަން ޖެހުނީ މެލްބަންގެ ޑިޓެންޝަން ސެންޓަރެއްގައި ބަންދުގައެވެ.
އޮސްޓްރޭލިއާއިން އާންމުކޮށް ޑީޕޯޓު ކުރުމަށް ނިންމާ ނިންމުމަށްފަހު، ޖެހިގެން އަންނަ 3 އަހަރު އެފަރާތަކަށް އެގައުމަށް ވަނުން މަނާ ކުރެވެއެވެ.
ޖޮކޮވިކް ކޯވިޑް ވެކްސިން ޖަހާފައި ނުވުނުގެ ސަބަބުން، އޭނާއަށް އޮސްޓްރޭލިއާއިން ދިން ވިސާ ކެންސަލް ކުރުމާއި ގުޅިގެން އުފެދުނު މައްސަލަ އޮސްޓްރޭލިއާގެ ކޯޓު މަރުހަލާތަކުގައި ކުރިޔަށްދާތާ 11 ދުވަސްވެގެން ގޮސްފައިވަނިކޮށް، ކޯޓުގެ އެންމެ ފަހުގެ ނިންމުމާއެކު، އަގުބޮޑު ޓެނިސް މުބާރާތް، އޮސްޓްރޭލިއަން އޮޕެން 21ވަނަ ފަހަރަށް ކާމިޔާބުކޮށް، ރެކޯޑް ގާއިމްކުރުމަށް އޭނާއަށް ލިބިގެންދިޔަ ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ.
ކޯޓުގެ ނިންމުމާއި ގުޅިގެން ޖޮކޮވިކް ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއީ އޭނާ "އިންތިހާއަށް ހިތާމަ ކުރާ" ނިންމުމެއް ކަމަށާއި އެހެންނަމަވެސް، އޭނާ ޑީޕޯޓު ކުރުމަށް ނިންމާފައިވާ ނިންމުމަށް "އޮސްޓްރޭލިއާގެ އިދާރާތަކަށް ފުރިހަމައަށް އެބާރުލުން" ދޭނެ ކަމުގައެވެ.
"ފާއިތުވެދިޔަ ހަފްތާގައި ހުރިހާ ފޯކަސްއެއް އަހަރެންނަށް އަމާޒުވެގެން ދިޔަކަމުގައި ވިނަމަވެސް އަހަރެން އެކަމާ ހިންހަމަ ޖެހޭ، އަދި އުއްމީދު ކުރަނީ މިހާރު އެންމެންނަށްވެސް އަހަރެން އިންތިހާއަށް ލޯބިވާ މި ކުރިވަރަށް ހުރިހާ ސަމާލުކަމެއް ދެވޭނެކަމަށް،" ޖޮކޮވިކް ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އޮސްޓްރޭލިއާން އިމިގްރޭޝަން މިނިސްޓަރ ހޯކްސް ޖޮކޮވިކްއަށް ވިސާ ނުދޭން ނިންމާފައިވަނީ، އޭނާ އޮސްޓްރޭލިއާގައި ހުރުމުން އޮސްޓްރޭލިއާގެ އާންމު ސިއްޙަތަށް ނުރަގަޅު އަސަރުކޮށް، އަދި "އާންމު އުސޫލުތައް" ދެމެހެއްޓުމުގައި ގޮންޖެހުން ކުރިމަތިވެ، އަދި އޭގެ އިތުރުން އެހެން މީހުން ވެކްސިން ޖެހުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ހުރަސް އެޅިދާނެކަމަށް ބުނެއެވެ.
އޮސްޓްރޭލިއަން އޯޕެން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުގައި ޖޮކޮވިކް ކުޅެންޖެހޭ ފުރަތަމަ މެޗް ކުޅެން ހަމަޖެހިފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ.
އޮސްޓްރޭލިއާ ސަރުކާރުން އޭނާއަށް ދީފައިވާ ވިސާ އެންމެ ފުރަތަމަ ކެންސަލް ކޮށްފައިވަނީ، ކޯވިޑް ވެކްސިނާއި ގުޅޭގޮތުން އޭނާ ދެކެމުންދާ ގޮތުގެ މައްޗަށް ބަރޯސާ ކޮށްފައެވެ. އެހެންނަމަވެސް އެންމެ ފުރަތަމަ އޭނާގެ ވިސާ އޮސްޓްރޭލިއާ ސަރުކާރުން ކެންސަލް ކުރިކުރުން އެގައުމުގެ ކޯޓަކުންވަނީ، އުސޫލީ މައްސަލަތަކަށް ބިނާކޮށް ބާތިލް ކޮށްފައެވެ. ކޯޓުން އެފަހަރު އޭނާގެ ވިސާ ކެންސަލްކުރި ކުރުން ބާތިލް ކޮށްފައިވަނީ އޭނާ ޑިޓެންޝަން ސެންޓަރުގައި 4 ދުވަސް ހޭދަ ކުރިފަހުންނެވެ.
އެއަށްފަހު، ދަށުކޯޓުގެ ނިންމުން އޮސްޓްރޭލިއާ ސަރުކާރުން އިސްތިއުނާފް ކުރުމާއި ގުޅިގެން އިސްތިއުނާފް މައްސަލަ ނިމެންދެން އޭނާ ބަހައްޓާފައިވަނީ އިމިގްރޭޝަންގެ ހޮޓަލެއްގައެވެ. ޖޮކޮވިކް ކޯވިޑް19 ވެކްސިން ޖަހާފައި ނުވަނީ، ފާއިތުވި ޑިސެމްބަރުމަހުގެ 16ވަނަ ދުވަހު އޭނާ ކޯވިޑަށް ޕޮޒިޓިވްވެ އެބަލިން ރަގަޅުވެފައިވާ ވާތީ، ވެކްސިން ޖެހުމަށް އޭނާގެ މައްޗަށް މަޖުބޫރުވާ ހާލަތެއް ނެތުމުންނެވެ.
އަދި އޮސްޓްރޭލިއާ ސަރުކާރުން އެންމެ ފުރަތަމަ ވަނީ ވެކްސިން ނުޖަހާ އޭނާ އެގައުމަށް ވަނުމުގެ ހުއްދަ ދީފައެވެ. އެހެންނަމަވެސް ކޯވިޑް ވެކްސިން ނުޖަހާ އޮސްޓްރޭލިއާއަށް ވަނުމުގެ ފުރުސަތު އެންމެ ފުރަތަމަ އޭނާއަށް އޮސްޓްރޭލިއާ ސަރުކާރުން ދިނުމާއި ގުޅިގެން އެނިންމުން އެގައުމުގައި ސިޔާސީ ބޮޑު ބަހުސަކަށް ވެގެން ދިޔައެވެ. އަދި އަންނަ މޭމަހު ފެޑެރަން އިންތިޚާބާއި ކުރިމަތިލައްވާ އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށް ކުރިމަތިލާންޖެހުން ސިޔާސީ ގޮންޖެހުމަކަށް އެމައްސަލަ ވެގެން ދިޔައެވެ.
ޖޮކޮވިކް ޑީޕޯޓުކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެގައުމުގެ ފެޑެރަލް ކޯޓުން މިއަދު ތާއީދު ކުރުމާއި ގުޅިގެން ބޮޑުވަޒިރު މޮރިސަން ވަނީ ކޯޓުގެ މި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ވިދާޅުވެފައިވަނީ، ކޯޓުގެ މިނިންމުމުން އެގައުގެ ބޯޑަރުތައް ހިމާޔަތްކޮށް އަދި އޮސްޓްރޭލިއާގެ ސަލާމަތާއި ރައްކާތެރިކަމަށް ކޯޓުގެ މިނިންމުމުން އެހީތެރި ވެދޭނެ ކަމަށެވެ.