ވ.އަތޮޅު އާރަށް ކުއްޔައްދިނުމުގެ މުޢާމަލާތާ ގުޅޭ ފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލު ކޮށްފިއެވެ.
މާދަމާ މިއަޑުއެހުން ބޭއްވުމަށް ތާވަލު ކޮށްފައިވަނީ ހެނދުނު 9:30 އަށެވެ. އާރަށުގެ މައްސަލައިގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށްކުރީ މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، މިމައްސަލައިގައި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.
މިމައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށީ މި މަހުގެ ދެވަނަ ދުވަހުއެވެ. އެ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ހައްގުތައް ކަށަވަރުކުރުމުގެ ބައެވެ. އެދުވަހު ބައެއް ލިޔެކިޔުންތައް ރައީސް ޔާމީނަށް ލިބިވަޑައިގަތީ އެ ދުވަހު ކަމަށްވުމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކޯޓުގައި ވިދާޅުވީ ލިޔުންތައް ބަލައި ދިރާސާކުރަން އެކަށީގެންވާ ވަގުތު ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ މާދަމާ އަދި މިމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި އަޑުއެހުންތައް ކުރިއަށް ގެންދިއުމަށެވެ.
ވ.އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާއިރު، ގއ. ވޮޑަމުލާ މައްސަލައިގައި ރައީސް ޔާމީނު 5 އަހަރަށް ޖަލަށްލުމަށް ކުރި ޙުކުމް ސުޕްރީމްކޯޓުންވަނީ ބާތިލުކޮށްފައެވެ.
އެހެން ނަމަވެސް އާރަށުގެ މައްސަލައިގެ އިތުރުން ރ.ފުއްގިރި ކުއްޔަށްދޫކުށްގެން ލިބުނު 1.3 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ.
ކޮމެންޓު ފޮނުވާ