ކޮންމެ ފަހަރަކު ވޯޓުން ބޭރުން ބަޣާވާތް ކޮށްގެން ކަންކަން ހާސިލް ކުރައްވަން ނޫޅުއްވުމަށް އެމްޑީޕީގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެމްއެންޕީއަށް ގޮވާލާއިފިއެވެ.
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި މިހާރުވެސް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ވައްޑެ ވިދާޅުވީ އިންތިޚާބުގެ ގޮތް ނިންމާނީ ވޯޓުން ކަމަށެވެ.
ވޯޓަކާއި ނުލައި ބަޣާވާތުން ކަންކަން ނިންމުމަކީ މިއަދު ކުރެވޭނެ ކަމެއް ނޫންކަމަށް ވައްޑެ ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވާ ގޮތް ނިންމާނީ ވޯޓުން ކަމަށާއި، އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ އިންތިޚާބުގައި، ގޮތް ނިންމާވީ ވޯޓުންކަމަށް ވައްޑެ ވިދާޅުވިއެވެ.
ގޮނޑި ލިބޭނީ ވޯޓުލައި ނިމުނީމަ ވޯޓުން މޮޅުވެގެން، ކޮންމެ ފަހަރަކު ވޯޓުން ބޭރުން ބަޣާވާތް ކޮށްގެން ކަންކަން ހާސިލް ކުރައްވަން ނޫޅުއްވާ.
– ވައްޑެ ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާ އަށް އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އަބްދުލް ހަންނާނު އިދުރީސްގެ ކޮމަންޑޫ ކެމްޕޭނު އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ މަޖިލީހުގައި ތިއްބަވާ މެމްބަރުން ކުރަންޖެހޭ ކަމަކީ ރައްޔިތުންގެ ޝުއޫރުތައް އިއްވުން ކަމަށާއި އެގޮތުން މި ޝުއޫރުތައް އެމްއެންޕީން ބޭއްވި ޖަލްސާތަކުގައި އިއްވުމުން ސަރުކާރުން އަޑުއަހާ އެ ކަންކަން ރައްޔިތުންނަށް ހާސިލުވާން ފަށާފައިވާ ކަމަށެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް މިހާރު ވެސް މި ގޮނޑި ލިބިއްޖެ.
– ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މި ކެމްޕޭނު ތެރޭގައި އެމްއެންޕީން އަދާކުރީ މަޖިލީހުގައި މެމްބަރެއް އަދާކުރަންޖެހޭ ރޯލު ކަމަށާއި އެމްއެންޕީ އަކީ ޒިންމާދާރު އަދި ސަރުކާރުން ވެފައިވާ ވައުދުތައް ހަނދާންކޮށްދޭނެ ޕާޓީއެއް ކަމަށެވެ. އަދި ރައްޔިތުން އެދޭ ކަންކަމުގެ އަޑު އެމްއެންޕީން އިއްވާނެ ކަމަށާއި ހަންނާނު ގޮނޑި ކާމިޔާބު ކުރުމަށްފަހު ވެސް ދާއިރާ އަށް ކަންކަން ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ