70،000ރ. ގެ އުޖޫރައަކާއެކު، ހެލްތު މިނިސްޓްރީގެ އާ ޑީޖީއަކަށް ޑރ. އަޝްރަފް

70،000ރ. ގެ އުޖޫރައަކާއެކު، ހެލްތު މިނިސްޓްރީގެ އާ ޑީޖީއަކަށް ޑރ. އަޝްރަފް

ގުޅުންހުރި

ހުސްވެފައިވާ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް ޑރ. އަހްމަދު އަޝްރަފް އައްޔަނުކުރައްވައިފިއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި މިހާތަނަށް 14 އަހަރު ޚިދުމަތް ކުރައްވާފައިވާ އަޝްރަފް މި މަގާމަށް ސިވިލް ސާވިސް ކޮމިޝަނުން އައްޔަންކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއުލާނު ކުރީ މިދިޔަ އަހަރު ޖޫންގައެވެ.

އެ ކޮމިޝަނުން މި މަގާމު އިއުލާނުކުރީ 70،000ރ. މުސާރައަކާއެކު އެވެ. އެއީ މުސާރައިގެ ގޮތުގައި މަހަކު 54،430ރ. ގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 530ރ. އެވެ. މިއީ ސިވިލް ސާވިސްގެ މަގާމުތަކަށް ބަލާއިރު އެންމެ ބޮޑު މުސާރަ ދޭ މަގާމެވެ. އަދި މިއީ ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެ ބޮޑު ޒިންމާއެއް ކަނޑައެޅިފައިވާ އެއް މަގާމެވެ.

ބައެއް ހޮސްޕިޓަލްތައް ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާފައިވާ ޑރ. އަޝްރަފް ވަނީ އައިޖީއެމްއެޗްގައި ވެސް މަސައްކަތް ކުރައްވާފައެވެ. ސިއްހީ ދާއިރާގައި 14 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ އަޝްރަފް ގްރެޖުއޭޓްވެފައިވަނީ ޔޫކްރޭންގެ މެޑިކަލް ސްކޫލަކުންނެވެ.

ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު ޑރ. އަޝްރަފްގެ ކުރިން އެންމެ ފަހުން ފުރުއްވީ ޑރ. ޝީޒާ އަލީއެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި މަގާމުން ޑރ. ޝީޒާ ވަކިވެވަޑައިގެންފައި ވަނީ މި މަގާމަށް ކަނޑައަޅާފައިވާ ޓާމް ފުރިހަމަ ވުމުންނެވެ. މި މަގާމަށް އައްޔަން ކުރަނީ ހަތަރު އަހަރު ދުވަހަށެވެ.

ހެލްތުގެ ޑީޖީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖީގެ މަގާމުގެ ބައެއް މަސްއޫލިއްޔަތުތައް ސިއްޙީ ދާއިރާ ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި ގާނޫނުތައް ހެދުމަށް މިނިސްޓްރީ އަށް ލަފާދިނުމާއި، ސިޔާސީ ގޮތުންނާއި ފަންނީ ގޮތުން ކަނޑައަޅާ ސިއްހީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ބޭރު ގައުމުތަކުގެ އެހީ ހޯދުމަށް އިރުޝާދު ދިނުމާއި، ސިއްހީ ދާއިރާގެ މީހުން ބިނާކުރުމަށް މުއައްސަސާތަކާ އެކު މަޝްވަރާކޮށް، އެ ކަމަށް މަގުފަހި ކޮށްދިނުމާއި، ރާއްޖެ އަށް ކުރިމަތިވާ ކާރިސާތަކާ ގުޅިގެން ސިއްހީ ދާއިރާގެ ފަންނީ ލަފާދޭ އިސް މީހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އިތުރުން ސިއްހީ ދާއިރާ އާއި ހެލްތު މިނިސްޓްރީއާ ގުޅުން ހުރި އެހެން ކަންކަމުގައި ލަފާދޭ އެންމެ އިސް މީހެއްގެ ގޮތުގައި މަސައްކަތް ކުރުން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ