އަވަހާރަ ކޮށްލާފައިވާ އިރާނުގެ ގުދުސް ފޯރސްގެ ކޮމާންޑަރު ގައްސާމް ސުލައިމާނީގެ ހަދާނުގައި، އޭނާގެ ސޫރަ ސިފަވާގޮތަށް އިރާނުގައި އިފްތިތާހުކުރި ބިނާއަށް، އިފްތިތާހު ކުރިތާ މާގިނަ އިރެއް ނުވަނީސް، ކާކުކަން ނޭގޭ މީހަކު ގެއްލުން ދީފިކަމުގައި އިރާނުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އިރާނުގެ އެލީޓް ރިވޮލިއުޝަނަރީ ގާރޑުގެ، ގައުމުން ބޭރުގެ އޮޕަރޭޝަންތަކާބެހޭ ޤުދުސް ފޯސްގެ އެންމެ އިސް ކޮމާންޑަރު ގައްސާމް ސުލައިމާނީ އަވަހާރަ ކޮށްލާފައިވަނީ، 2020ވަނަ އަހަރުގެ ޖެނުއަރީމަހުގެ 3 ވަނަ ދުވަހު، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޯޑަރަށް ސުލައިމާނީއަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގައެވެ.
ސުލައިމާނީ އަވަހާރަ ކޮށްލާފައިވަނީ، ބަޢުދާދު އެއަރޕާޓުން ވަޑައިގަންނަވަނިކޮށް، އިރާގުގެ ފެލްޓިނެންޓެއް ކަމުގައިވާ އަބޫ މަހުދީ އަލް މުހަންދިސްއާވެސް އެކީއެވެ.
މިހަމަލާގައި ސުލައިމާނީ އަވަރާވުމާއިއެކު، މެދުރިއުމަތީގައި ހަނގުރާމައި ބިރުވެރިކަން އިންތިހާއަށް އުފެދިގެން ގޮސްފައި ވެއެވެ.
ފާއިތުވެދިޔަ ހަފްތާގެ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ސުލައިމަނީގެ ހަނދާނުގައި އޭނާގެ ސޫރަ ދައްކުވައިދޭ ބިނާއެއް ބަހައްޓާފައިވަނީ، އިރާނުގެ ހުޅަގު ދެކުނުގެ ސިޓީއެއް ކަމުގައިވާ ޝާޙުރެކޯޑުގައެވެ. އެހެންނަމަވެސް އެދުވަހުގެ ހަވީރުގެ ވަގުތެއްގައި، އެ ބިނާގައި ކާކުކަން ނޭގޭ މީހަކު ހަލިފާން ރޯކޮށްފައިވާ ކަމަށް އިސްނާ ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައި ވެއެވެ. އަދި އެނޫހުން މިއަމަލު ސިފަ ކޮށްފައިވަނީ "ލަދުވެތި އަމަލެއްގެ" ގޮތުގައެވެ.
"ގައުމަށް ޢައްދާރުވުމުގެ މި ޢަމަލު ހިންގާފައިވަނީ ކަނު އަނދިރީގަ، އެއީ، ކަނު އަނދިރީގައި، ބަޢުދާދު އެއަރޕޯޓު ކައިރީގައި ހިންގި ފަދަ ބޮޑު ޖަރީމާއެއް،" އިސްނާ ނޫހުގައި އިރާނުގެ ދީނީ އިލްމުވެރިއެއް ކަމުގައިވާ މުހައްމަދު އަލީ ނެކޯނަމް އާންމުކުރި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
މީގެ ދެއަހަރު ކުރިން ސުލައިމާނީ އަވަހާރަ ކޮށްލެވުނު ފަހުން އިރާނުގެ އެކި ހިސާބުތަކުގައިވަނީ، ސުލައިމާނީގެ ބުދުތައް ބެހެއްޓިފައެވެ. އަދި އޭނާގެ ޕޯސްތަރުތައް އިރާނުގެ އެތަން މިތަނުން ފެންނާން ހުރެއެވެ.
އިރާނުގެ ގައުމީ ޓީވީ IRIB އިންވަނީ މިއަމަލު ކުށްވެރި ކޮށްފައެވެ. ސުލައިމާނި އަވަހާރަ ކޮށްލެވުނުތާ ދެއަހަރު ފުރުން އިރާނުގައި ފާހަގަ ކުރަމުންދަނިކޮށް ހިންގި މިއަމަލް ގައުމީ ޓީވީން ސިފަ ކޮށްފައިވަނީ، "ގައުމަށް ގެއްލުން ދިނުމުގެ" އަމަލެއްގެ ގޮތުގައެވެ. ސުލާއިމާނީ އަވަހާރަ ކޮށްލި ތާރީޚް ފާހަގަ ކުރުމުގެ ގޮތުން، އެގައުމުގައި މިހާރު ގެންދަނީ ގިނަގުނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ.