ޚިޔާލު ފާޅުކުރުމުގެ ހައްޤަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް، ހުރަސްނޭޅޭނެ: ޝިޔާމް

ޚިޔާލު ފާޅުކުރުމުގެ ހައްޤަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް، ހުރަސްނޭޅޭނެ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2022 09:46
0

އެއްވެ އުޅުމާއި ޚިޔާލު ފާޅު ކުރުމަކީ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ ހައްޤެއް ކަމަށާއި، އެހައްގަށް ހުރަސް ނޭޅޭނެކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ މާލޭގައި ކުރި މުޒާހަރާ ހުއްޓުވައި، ގިނަ ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިންޑިއާ އައުޓްގެ ނަމުގައި ހިންގެ މި ހަރަކާތުގެ ތެރެއިން 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުންކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިއެންމެން ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.

އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލައި ޝިޔާމްކުރި ޓުވީޓުގައި ވިދާޅުވީ އެއްވެސް އުޅުމާއި ޚިޔާލު ފާޅު ކުރުމަކީ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއްކަމަށެވެ. އެހައްގަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ބޭނުންވާ ވަގުތެއްގައި އެކަނި ދޭން އޮންނަ ހައްގެއް ނޫންކަމަށެވެ. އަދި މުޒާހަރާ ހުއްޓުވުމުގައި ފުލުހުންގެ އަމަލުތައް ހުރީ ޣައިރު ޒިންމާދާރު ގޮތަކަށް ކަމުގައި ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ރައީސް ޞާލިހަށް ފެނިވަޑައިގަތީމާ ދެއްވާ އެއްޗެއްނޫން. އެއީ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދޭ އަސާސީ ހައްޤެއް. ފުލުހުންގެ ޢަމަލުތަކަކީ ޣައިރު ޤާނޫނީ އަމަލުތަކެއް.

– ޝިޔާމް ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަން ކަމާއިއެކު ފުކުރު ކުރުމާއި، އިސްލާމީދުނުގެ އަސްލަކާއި ޚިލާފް ނުވާނެ ގޮތެއްގެ މަތީން އެމީގެ ބުއްދިއަށް ފެންނަ ގޮތަކާއި، ޚިޔާލުތައް ދުލާއި، ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅު ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތަކެއް ކުރަމުންދާއިރު، ސަރުކާރުން ބުނެފައިވަނީ މިހަރަކާތަށް ޖާގަ ނުދޭނެކަމަށެވެ. އަދިމިއީ އަވަށްޓެެރި ޤައުމުތަކާއި އޮތް ގުޅުން ހީނަރުކޮށް ރާއްޖޭގެ މަސްލަހަތަށް ގެއްލުންވާގޮތަށް ހިންގޭ ހަރަކާތަކަށްވުމުން މިހަރަކާތް ހިންގުމަށް ޖާގަ ނުދޭނެކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަނުން ގެންދަނީ މުޅި ރާއްޖޭގައި މިހަރަކާތް އިތުރަށް ފުޅާކޮށް ހިންގަމުންނެވެ. ޚާއްސަކޮށް މާލޭގައި މިހަރަކާތް ގެންދަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.