އޭޖީ ރެކިވަޑައިގެންފި، ވާހަކަ ދެއްކެވީ މަރުގެ އަދަބު އުވާނުލާނެކަން ދުނިޔެއަށް ހާމަކުރުމަށް

އޭޖީ ރެކިވަޑައިގެންފި، ވާހަކަ ދެއްކެވީ މަރުގެ އަދަބު އުވާނުލާނެކަން ދުނިޔެއަށް ހާމަކުރުމަށް

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2020 05:44
0

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމާއި ގުޅޭގޮތުން އެޓާނީ ޖެނެރަލް ހާމަކޮށްދެއްވީ މަރުގެ އަދަބު އުވާނުލާނެ ކަން ދުނިޔެއަށް އަންގައިދިނުން ކަމަށް ވިދާޅުވީ އެޓާނީ ޖެނެރަލްގެ އޮފީހުން އޭޖީ ދިފާއު ކުރައްވައިފިއެވެ.

އެ ބައްދަލުވުމުގައި އޭޖީ ރިފްއަތް ވިދާޅުވީ ރާއްޖޭގެ ގާނޫނުލްއުގޫބާތުން މަރުގެ އަަދަބު މުޅިން އުވައިލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާންމުންގެ ޚިޔާލު ވެސް އެކަމަށް ހޯދައިގެން ކަމަށެވެ. މަރުގެ އަދަބު މި ވަގުތަށް ނުރަސްމީކޮށް ހުއްޓާލާފައިވާ ސިޔާސަތު ސަރުކާރުން ދަމަހައްޓަމުން ދާނެ ކަމަށް ރިފްއަތު ވަނީ ވިދާޅުވެފައެވެ.

އޭޖީގެ ވާހަތައް ދިފާއުކޮށް ނެރުނު ބަޔާނެއްގައި ވިދާޅުވީ ޔޫ.ޕީ.އާރު. އަކީ، ރިވިއުގެ ކޮންމެ ސައިކަލްއެއްގައި އެ ޤައުމަކަށް ލިބޭ= ރިކޮމެންޑޭޝަންތައް އެ ޤައުމަކުން ތަންފީޛުކޮށްފައިވާ މިންވަރު، ޖެހިގެން އަންނަ ސައިކަލްގައި، ބައިނަލްއަޤުވާމީ މުޖުތަމަޢަށް ތަފްޞީލުކޮށްދޭންޖެހޭގޮތަށް ބައްޓަންކުރެވިގެން ކުރިއަށްގެންދާ ޕްރޮސެސްއެއްކަމަށެވެ.. އެގޮތުން، ޔޫ.ޕީ.އާރު. ގެ މިހާރު މި ކުރިއަށްދާ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖެއިން ހުށަހަޅަންޖެހެނީ، 2015 ވަނަ އަހަރު ކުރިއަށްދިޔަ ޔޫ.ޕީ.އާރު. ގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބުނު ހުށަހެޅުންތައް ތަންފީޛުކުރެވިފައިވާ މިންވަރާއި އޭގެ ފަހުން ލިބިފައިވާ ކުރިއެރުންތަކެއްކަމަށެވެ.

އެގޮތުން ޔޫ.ޕީ.އާރު. ގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބުނު ހުށަހެޅުންތަކަށް ހެޅުންތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލައި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމަށް 25 ޤައުމަކުން ހުށަހެޅުންތައް ލިބިފައިވޭ. އަދި، އިއްޔެ ބޭއްވުނު ރިވިއު ސެޝަންގެ ކުރިން، ޤައުމުތަކުން ދިވެހިރާއްޖެއަށް ފޮނުވާފައިވާ އެޑްވާންސް ސުވާލުތަކުގައިވެސް، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ޤައުމުތަކަކުން ސުވާލުތަކެއް ކޮށްފައިވާކަން ފާހަގަކުރަން. ކަންމިހެން އޮތުމުން، އިއްޔެ ކުރިއަށްދިޔަ ސެޝަންގައިވެސް، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލުމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ގިނަ ހުށަހެޅުންތަކެއް ދިވެހިރާއްޖެއަށް ލިބޭނެކަމަށް ލަފާ ކުރެވުނު.

– އޭޖީ އޮފީހުގެ ބަޔަނުގައި ވެއެވެ

ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވެފައި، އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ކަންކަމަށް ދިވެހިރާއްޖޭގައި ޖާގަ ދެވިގެން ދިއުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް ކަމަށް ނުވާތީ، ދިވެހިސަރުކާރުގެ މަރުގެ އަދަބާގުޅޭ ސިޔާސަތަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫންއަސާސީ އާއި ޤާނޫނުތަކުގައި ބިންވަޅު ނެގިފައިވާގޮތްކަމަށް މި ބަޔާނުގައިވެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޛުކުރަން ފެށުމަށްވުރެ ކުރިން ދިވެހިރާއްޖެއިން ފުރަތަމަ އިސްކަންދޭނީ، ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ޢަދުލު އިންޞާފުގެ ނިޒާމެއް ޤާއިމްކުރުމަށް ކަމަށެވެ.

މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބައިނަލްއަޤްވާމީ މައިދާނުގައި މީގެ ކުރިންވެސް ހާމަކޮށްފައިވާ ސިޔާސަތެއްކަމަށާއި، އެގޮތުން ޑިސެންބަރު 2018 ގައި ކުރިއަށްދިޔަ އ.ދ. ގެ 73 ވަނަ ޢާންމު މަޖިލީހުގައި، މަރުގެ ޙުކުމް ތަންފީޛުކުރުން ހުއްޓުވުމާގުޅޭ އ.ދ. ގެ ޤަރާރާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، މި ސިޔާސަތު ހާމަކޮށްފައިވާކަމަށެވެ. މީގެ އިތުރުން ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ އެންޑް ކްރުއަލް، އިންހިއުމަން އޯރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓްގެ ދަށުން އޮކްޓޫބަރު 2019 ގައި ދިވެހިރާއްޖެއިން ހުށަހެޅި ފޮލޯ-އަޕް ރިޕޯޓުގައިވެސް ދިވެހިރާއްޖޭގެ މި ސިޔާސަތު ހާމަކޮށްފައިވާކަމަށެވެ.

އިއްޔެ ކުރިއަށްދިޔަ ޔޫ.ޕީ.އާރު. ގެ ދިވެހިރާއްޖޭގެ ސެޝަންގައިވެސް މަރުގެ އަދަބު އުވާލުމަށް ގާތްގަނޑަކަށް 29 ޤައުމަކުން ގޮވާލާފައިވެއެވެ. އެ ހުށަހެޅުންތަކާމެދު ދިވެހިރާއްޖެއިން ޕޮޒިޝަނެއް ނަގަންޖެހެނީ 14 ޑިސެންބަރު 2020 ގެ ކުރިންނެވެ. ނަމަވެސް ސެޝަން ފެށުމުގެ ކުރިންވެސް މި ސަރުކާރުން އިޢުލާންކޮށްފައިވާ ފަދައިން، މި ސެޝަންގައި ދިވެހިރާއްޖެއަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ހުށަހެޅުމެއް ދިވެހިރާއްޖެއިން ބަލައެއް ނުގަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.