ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގައި އިސް ދައުރެއް އަދާކުރައްވަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް އެޕާޓީން ވަކިކޮށް ދިނުމަށް ހުށަހަޅައިފިއެވެ.
އަދާލާތު ޕާޓީގެ ރައީސް ޝައިޚު އިމްރާން އަބްދުﷲ އަށް އެޑްރެސް ކުރައްވައި އަނާރާ ފޮނުވި ސިޓީގައި އެޕާޓީން ވަކިވާ ސަބަބު މާބޮޑަށް ހާމަކޮށްފައި ނުވެއެވެ. ވިދާޅުވެފައވަނީ މިވީ ދުވަސްތަކުގައި އަދާލަތު ޕާޓިން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާކަމަށެވެ.
އަޅުގަނޑު ޢަދާލަތު ޕާޓީގެ މެންބަރުކަމުން ވަކިކޮށް ދެއްވުން އެދި ދެންނެވީމެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި މަނިކުފާނާއި ޕާޓީގެ އެންމެހާ މެމްބަރުންގެ ފަރާތުން އަޅުގަނޑަށް ލިބުނު އެހީތެރިކަމާއި އެއްބާރުލު ނިހާޔަތަށް ޝުކުރު އަދާކުރަމެވެ.
– އަނާރާ ވިދާޅުވެފައިވެއެވެ.
އަދާލަތު ޕާޓީން ފަހަކަށް އައިސް އެޕާޓީ އުފެއްދުމުގެ މަޤުސަދާއި ސިޔާސަތާއި ޚިލާފަށް ގިނަ ކަންތައްތަކެއް ނިންމައި، އަދި އަދާލަތު ޕާޓީގެ ސިޔާސަތާއި ޚިލާފް އެތައް ކަމެއް ހިނގަމުންދާއިރުވެސް ބަސް ނުބުނެ ތިބޭ މައްސަލާގައި އެޕާޓީގެ ކުރީގެ ގިނަ މެމްބަރުންތަކެއް ވަނީ ފާޑިކުޔާފައެވެ.
އަދާލަތު ޕާޓީއަކީ ދީނާއި ޚިލާފަށް ހިންގާ ގިނަ ކަންކަމުގައި ބަސްބުނެ، ފާޑު ކިޔަމުންދަ ޕާޓީއަކަށްވާއިރު، މިސަރުކާރުން ވެރިކަމަށް އައިފަހުން ފެންނަ އެފަދަ އެއްވެސް ކަމަކަށް އަދާލަތު ޕާޓީން މާބޮޑު ސަމާލުކަމެއް ދީފައި ނުވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާނަކީ މިސަރުކާރުގެ ހޯމް މިނިސްޓަރެވެ. އަދި އެޕާޓީގެ މަތިފަޑީގެ ގިނަ ބޭފުޅުންނަކީ ސަރުކާރުގެ އިސް މަޤާމުތަކެއް އަދާ ކުރައްވަމުންދާ ބޭފުޅުންތަކެކެވެ.
ކޮމެންޓު ފޮނުވާ