ރާއްޖޭގެ މިނިވަންކަން މިއަދު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި، މިނިވަންކަން ދޫކޮށްލުމަށް ދިވެހި ރައްޔިތުން ޖާގަ ދީގެން ނުވާނެކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް ޔާމީން މިއަދު ހަވީރު ނިލަންދޫއަށް ވަޑައިގެންނެވުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް އެމަނިކުފާނަށް ދަންނަވާފައެވެ. ނިލަންދޫ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގޭ ހަރަކާތެއްކަމަށެވެ.
އިންޑިއާއާއިއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކަކީ، މިއަދު ނުރައްކާތެރި އެތައްކަމެއް އޮތް އެއްބަސްވުންތަކެއް ކަމަށާއި، މިއެއްބަސްވުންތަކަކީ ނުރައްކާތެރިކަން ބޮޑު އެއްބަސްވުންތަކެއްކަމަށެވެ. މިއަދު ދިވެހި ރައްޔިތުން މިކަންކަމައި ދެކޮޅަށް ނިކުމެ މަސައްކަތް ކުރަމުންދާއިރުވެސް އެއްބަސްވުންތަކުގައި ނުރައްކާތެރިކަން އޮތްމިންވަރު ސަރުކާރަށް ވަރަށް ސާފުވާނެކަމަށެވެ. ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ނިގުޅައި ގަތުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދީގެން ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ވާހަކަ ދައްކާ މީހުން ދައްކަމުންދާ ވާހަތަކަކީ، އިންޑިއާއިން ފިޔާ، އަލުވި ބިސް އެތެރެނުވެދާނެ ކަމަށް ބުނެކަމަށާއި، ނަމަވެސް މިއީ އެއްވެސް ހަމަޖެހޭ ވާހަކައެއް ނޫންކަމަށެވެ. އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތަކެއްޗަކީ ހިލޭ ދޭ ތަކެއްޗެއްނޫންކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވަ ސާމާނު އިންޑިއާއިން ގެނައުމަކީ ދިވެހި ރާއްޖޭގައި އަސްކަރީ ސިފައިން ބައިތިއްބައިގެން ރާއްޖެ އަޅުވެތި ކުރުމަށް ދެވޭ ހުއްދައެއް ނޫންކަމަށެވެ.
މިއަދު މިކަންކަމަށް ރައްދުދެއްވާ ބޭފުޅުންނަށް މިމައްސަލައިގެ ސީރިއަސްކަން ދިވެހި ރައްޔިތުންނަށް ހާމަކުރަން ފަސްޖެހެނީ މިއަދު މިކަން އޮތް ހާލަތުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިއަދު ސަރުކާރު އޮތީ އިންޑިއާއިން ކޮންމެ އެއްޗެއް ބުންޏަސް އެކަމަށް ދެބަސް ނުވެވޭ ހިސާބުގައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މިމީހުން މިމީހުންގެ އަނބިން ދޫކޮށްލިޔަސް އިންޑިއާގެ އަތުން ދޫކޮށް ނުލާނެ.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިކަން ފެށިގެން މިދިޔައީ އެމަނިކުފާނު ވެރިކަމުގައި 2018 ވަނަ އަހަރު ފެބްރުއަރީ މަހު ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު ހުކުމަށްފަހު ކަމަށެވެ. ބޭރުގެ ބައެއްގެ އަތުގައި ހިފައިގެން ވެރިކަމަށް އައިބަޔަކު ދެން ކުރިއަށްދާނީވެސް އެބައެއްގެ ހިމާޔަތުގައި ކަމަށާއި، މިއަދު މިއޮތީ އެދަތުރު ޖެހިފައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިއަދު އިންޑިއާ އައުޓް ޓީޝާޓުގައި ނިލަންދޫއަސް ވަޑައިގެންނެވިއިރު، އެމަނިކުފާނަށް އިންޑިއާ އައުޓް ޖައްސަވައިގެން ނުހިންގެވޭނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުންވަނީ މިހަރަކާތް ހުއްޓުވާނެކަމުގެ އިންޒާރު ދީފައެވެ.
ކޮމެންޓު ފޮނުވާ