"އިންޑިއާ އައުޓް" ކެމްޕެއިންގައި ރައީސް ޔާމީން މިއަދު ހަވީރު ނިލަދޫއަށް

"އިންޑިއާ އައުޓް" ކެމްޕެއިންގައި ރައީސް ޔާމީން މިއަދު ހަވީރު ނިލަދޫއަށް

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2021 01:09
0

އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން މިހާރު ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފ. ނިލަންދޫއަށް މިއަދު ހަވީރު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ބޭލުމަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން ކުރަމުންދާ ކެމްޕެއިންގައި ރައީސް ޔާމީން ވަނީ މިހާތަނަށް 2 ރަށަކަށް ވަޑައިގެންފައެވެ. ޖަލު ބަންދުގައި 2 އަހަރެއްހާ ދުވަހު ހުންނެވުމަށްފަހު މިނިވަންވެ ވަޑައިގެން ސިޔާސީ މަސައްކަތްތަކުގައި ގެންދަވަނީ ވަރަށް ގިނަ ވަގުތު ހޭދަކުރައްވަމުންނެވެ. ޚާއްސާކޮށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ހިންގާ ހަރަކާތަކީ ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ހިންގާ ހަރަކާތެއްކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން މިއަދު ނިލަންދޫއަށް ވަޑައިގަންނަވާއިރު، އެމަނިކުފާނުގެ އިސްތިގުބާލަށް އެރަށް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރެވިފައެވެ. ނިލަންދޫއަކީ ރައީސް ޔާމީނަށް ބޮޑު ތާއީދެއް އޮންނަ ރަށަކަށްވާއިރު އެމަނިކުފާނު އެރަށަށް ކުރައްވާ ދަތުރުގައި ބޮޑު ތަރުހީބެއް ލިބިގެންދާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

މިދަތުރު ފުޅުގައި މިއަދު ނިލަންދޫގައި ބާއްވާ ހަރަކާތްތަކާއި އަދި މިރޭ އެރަށުގައި ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިންޑިއާ އައުޓް ކެމްޕޭން އަތޮޅު ތެރެއަށް ފުޅާކޮށް ރައީސް ޔާމީން އެންމެ ފުރަތަމަ ވަޑައިގަންނަވަން ނިންމެވީވެސް ނިލަންދޫ އަށެވެ. ނަމަވެސް މޫސުން ހުރިގޮތުން ރައީސް ޔާމީން ދަތުރުފުޅު ފެއްޓެވީ މިދިޔަ ބުރާސްފަތި ދުވަހު ކ. ގުރައިދޫންނެވެ. އަދި ހުކުރު ދުވަހު ވަނީ ކ. ތުލުސްދޫ އަށް ވަޑައިގެންފައެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ފަށާފައިވާ ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުންވަނީ މިހަރަކާތް ހިންގުމަށް ދެން ޖާގަ ނުދޭނެކަމަށް ބުނެފައެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިހަރަކާތް ދެން ހުއްޓުވޭނެ ގޮތެއް ނެތްކަމަށެވެ. އިންޑިއާ އައުޓް ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.