ކޯޓް ޢަމުރެއްގެ ދަށުން މިއަދު ހައްޔަރުކުރި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ދޫކޮށްލައިފިއެވެ.
ޖާބިރު ދޫކޮށްލާފައިވާކަން އޭނާގެ އާއިލާއިން ކަށަވަރުކޮށްދިންނަމަވެސް، ދޫކޮށްލީ ކޮން ޝަރުތުތަކަކާއެކު ކަމެއް ސާފެއްނުވެއެވެ.
ޖާބިރު ކޯޓް ޢަމުރެއްގެ ދަށުން މިއަދު ހައްޔަރުކުރީ ގއ.އަތޮޅުގެ ފަޅުރަށެއްގައި ހުންނަވަނިކޮށެވެ. ޖާބިރު ފަޅުރަށަކުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ގދ. ތިނަދޫން ކަމަށް އެނގިފައި ވެއެވެ. ތިނަދޫން މާލެެ އަށް ގެނެސް، ޖާބިރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ. އެއީ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކުރަން ސިވިލް ކޯޓުން ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމަށެވެެ. ޖާބިރު ހައްޔަރުކުރީ ޔޮޓް ޓްއާސްއާއި ދެކޮޅަށް ސިޓީ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
19 ވަނަ މަޖިލީހަށް އިންތިޚާބުވުމަށްފަހު ޖާބިރުގެ ފަރާތުން ފެނިގެންދާ އަމަލުތަކާއިމެދު ގިނަބައެއްގެ ކަންބޮޑުވުން އެކި ފަހަރުމަތީން ވަނީ ފާޅުކޮށްފައެވެ. ޚާއްސަކޮށް އިސްލާމްދީނާއި ގުޅޭގޮތުން ދައްކަވަމުންދާ ވާހަތަކާއި، މަޖިލީހުގައި އަޑުގަދަކޮށް، އެހެން މެމްބަރުންނަށް އުދަނގޫ ކުރުމާއި، މަޖިލިސް ކައިރީ މުޒާހަރާކުރުމާއި، އާންމު ފަރުދުންގެ ގެދޮރަށް ގެއްލުންދިނުންފަދަ ކަންކަން ޖާބިރު ވަނީ ހިންގާފައެވެ.
އަދި މިފަހުން އޭނާ ވަނީ އއ.މަތިވެރީގައި ހުންނަ އޭނާގެ ގެސްޓު ހައުސްއަށް ފައިސާ ނުދައްކައި އެރަށު މީހުންނަށް އިންޒާރުދިން މައްސަލާގައިވެސް އެރަށު މީހުންނާއިވެސް ކުރިމަތި ލުމަކަށް ގޮސްފައެވެ.
ކޮމެންޓު ފޮނުވާ