އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތް ދެން އިތުރަށް ކުރިއަށް ގެންދަން ޖާގަ ނުދޭނެކަމުގެ އިންޒާރު ސަރުކާރުން ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖެއާއި އިންޑިއާއާއި އޮތް ގުޅުމަށް ބުރޫއަރާ ގޮތަށް އަދި ރާއްޖޭގެ ހަމަޖެހުން ގެއްލުވާލުމަށް ހިންގާ ހަރަކާތަށް ދިވެހި ސަރުކާރުން ޖާހަ ނުދޭނެކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ޚާއްސަކޮށް ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ ހަރަކަތަކީ ޤައުމަށްވެވޭ ޚިޔާނާތެއްގެ ގޮތުގައި އަލީ ޒާހިރު ވަނީ ސިފަކުރައްވާފައެވެ. އަދި މިއީ ހިންގޭ ބޮޑު ޖަރީމާއެއްކަމަށާއި، މިކަން ކުރަން ދިވެހި ސަރުކާރުން ޖާގަ ނުދޭނެކަމަށެވެ. ރާއްޖޭގެ ހަމަޖެހުމާއި ސުލްހަ މަސްލަހަތު ހިފެހެއްޓުމަކީ ސަރުކާރުން އަބަދުވެސް އިސްކުރާނެ ކަމެއްކަމަށާއި އެއްވެސް ބަޔަކަށް ޤައުމުގެ މަސްލަހަތު ނަގާލަން ސަރުކާރުން ޖާގަ ނުދޭނެކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
މިއީ ޚިޔާލު ފާޅު ކުރުމެއްވެސް ނޫން، މިއީ ޤައުމާއި ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއް، މިކަން ކުރާކަށް ދިވެހި ސަރުކާރުން ޖާގަ ނުދޭނެ.
– އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ މިސަރުކާރުން ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމަށް ހުރަސް ނާޅާނެކަމަށެވެ. ނަމަވެސް މުޅި މުޖުތަމައުގެ އަމާންކަން ގެއްލޭގޮތަށް ހިންގޭ ހަރަކާތްތަކުން ގެއްލުންވެގެންދާނީ ރައްޔިތުންނަށް ކަމަށާއި، އެކަންކަން ހުއްޓުވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރޭވިގެން ހިންގޭ މިފަދަ އެއްވެސް ހަރަކާތަކަށް ދިވެހި ސަރުކާރަކުން ޖާގަ ނުދޭނެކަމަށެވެ.
ރާއްޖެއާއި އިންޑިއާއާއޮތް ގުޅުން ހީނަރު ކުރުމަށް މިކުރެވޭ މަސައްކަތުން ނުބައި ނަތީޖާއެއްވެސް ނިކުމެދާނެކަމަށް ބިރު ހީވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދެޤައުމުގެ އާންމު ރައްޔިތުންގެ މެދުގައި މިކަމުގެ ނުބައި ރޫހެއް އުފެދި ނުބައި ނަތީޖާއަކަށް ދިއުމުމުގެ ބިރު މިއަދު އޮތްކަމަށެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިހަރަކާތް ދެން ނުހުއްޓުވޭނެކަމަށެވެ. އަދި މިހަރަކާތް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާކޮށް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެކަމަށެވެ. މިހަރަކާތް ހުއްޓުވޭނެ ގޮތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުންކަމަށް އިދިކޮޅުން ވަނީ ބުނެފަައެވެ.
ކޮމެންޓު ފޮނުވާ