ޔުނައިޓްޑް އެމިރޭޓްސްގެ ދުބާއީގައި ކުރިޔަށްދާ އެކްސްޕޯ 2020އަށް މި ޑިސެމްބަރު މަހުގެ 20ވަނަ ދުވަހާ ހަމައަށް 7 މިލިއަން މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތްތަކުން ހާމަ ކޮށްފިއެވެ.
2019ވަނަ އަހަރުގެ ފަހުކޮޅު ކޯވިޑް19 ދުނިޔެއަށް އާންމުވާން ފެށިފަހުން، ބައިނަލް އަގުވާމީ ފެންވަރުގައި ބޭއްވޭ މިފަދަ އެންމެ ބޮޑު އިވެންޓު މިއަހަރު އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހު އިފްތިތާހު ކުރިފަހުން މިމަހުގެ 20ވަނަ ދުވަހާ ހަމައަށް 7,167,591 މީހުން މިއިވެންޓް ބާއްވަމުންދާ ސައިޓަށް ޒިޔާރަތް ކޮށްފައިވާކަމަށް ރެކޯޑް ކުރެވިފައިވާކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތަތަކުން ވަނީ ބުނެފައެވެ.
ޔޫއޭއީގެ ގައުމީ ނިއުސް އޭޖެންސީ WAM އިން ހޯމަދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެގައުމުގައިވެސް ކޯވިޑް19ގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާ ގުޅިގެން، ގައިގޯޅިކޮށް ކުރިޔަށް ގެންދާ ބައެއް އިވެންޓްތައް، އެކްސްޕޯ އިންތިޒާމްކުރާ ފަރާތްތަކުން މިހާރުވަނީ ވަގުތީގޮތުން ސަސްޕެންޑް ކޮށްފައެވެ
މިގޮތުން ސަސްޕެންޑް ކޮށްފައިވާ ހަރަކާތްތަކުގެ ތެރޭގައި މިއުޒިކް ޝޯތަކާއި، އާރޓިސްޓުންގެ ބައެއް ހަރަކާތްތައްވެސް ހިމެނެއެވެ. އަދި މީގެ އިތުރުން، އެކްޕޯގައި ކޯވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމްތައް އިތުރު ކުރުމުގެ އިތުރުން، އެކްސްޕޯގައި ފްރޮންޓް ލައިނުގައި މަސައްކަތް ކުރާ ފަރާތްތަކާއި އަދި މުނިފޫހި ފިލުމުވުމުގެ ބައިގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންވެސް ޕީސީއާރު ޓެސްޓު ހެދުން މިހާރުވަނީ މަޖުބޫރު ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އެކްސްޕޯގައި ގައުމުތަކުގެ ޕެވިވިލިއޮންތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ހިލޭ ކޯވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.
ފާއިތުވެދިޔަ މުއްދަތުގައި 7 މިލިއަނަށްވުރެ ގިނަ މީހުން މި އެކްސްޕޯއަށް ޒިޔާރަތް ކޮށްފައިވާއިރު، އޮންލައިންކޮށް (ވާރޗުއަލްކޮށް) އެކްސްޕޯއަށް ޒިޔާރަތް ކުރި މީހުންގެ އަދަދު މިހާރުވަނީ 31.6 މިލިއަނަށް އަރާފައެވެ. އެކްސްޕޯ 2020 ކުރިޔަށްދާނީ 2022ވަނަ އަހަރުގެ މާރޗްމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށެވެ.
ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި، އަދި އެކި ފަންނުތަކުގައި މަޝްހޫރު ތަރިންވެސް ދަނީ މި އެކްސްޕޯއަށް ޒިޔާރަތް ކުރަމުންނެވެ. މިގޮތުން، ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި، ލިއޮނެލް މެސީ، އެކްސްޕޯ 2020 ދުބާއީއަށް ދާދި ފަހުންވަނީ ޒިޔާރަތް ކޮށްފައެވެ. މި ޒިޔާރަތުގައި މެސީވަނީ، އެކްސްޕޯ ދުބާއީގެ ޔޫއޭއީގެ ޕެވިލިއަންގެ އިތުރުން އާޖެންޓީނާގެ ޕެވިލިއަށްވެސް ޒިޔާރަތްކޮށް އޮފިޝަލުންނާއި ބައްދަލު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ