ރާއްޖޭގެ 6 ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކޮށްދޭނެ ފަރާތްތައް ހޯދުމަށް އަނެއްކާ ވެސް އިއުލާންކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން 6 ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވައިލައިފައިވާ ކަމަށެވެ.
މި މޮޑެލްގެ ދަށުން އެއާޕޯޓް އަޅާ ރަށްތަކާއި ހިނގާ ހަރަދުތައް
ހދ. މަކުނުދޫ – 23.3 މިލިއަން ޑޮލަރު
ށ. ބިލަތްފަހި – 23.6 މިލިއަން ޑޮލަރު
ބ. ތުޅާދޫ – 21.9 މިލިއަން ޑޮލަރު
ތ. ވިލުފުށި – 33.3 މިލިއަން ޑޮލަރު
ފ. މަގޫދޫ – 8.2 މިލިއަން ޑޮލަރު
ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) – 23.6 މިލިއަން ޑޮލަރު
މި މޮޑެލްގެ ދަށުން ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު، އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ. އީމެއިލުން ނަމަ ޝައުގުވެރިކަން ފާޅުކުރާނީ [email protected] އަށެވެ. ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާއިރު އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަން އަންގާފައިވެއެވެ.
މި ރަށްތަކުގައި އެއާޕޯޓު އެޅުމަށް ހިނގާނެ ހަރަދުތައް ވެސް މިނިސްޓްރީގެ އިއުލާނުގައި ވަނީ ހިމަނައިފައެވެ. އެގޮތުން މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރު، ބިލަތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު، ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު އަދި މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރުގެ އިތުރުން ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް ވަނީ 23.6 މިލިއަން ޑޮލަރުގެ ހަރަދެއް ކަނޑައަޅައިފައެވެ.
ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ސަރުކާރުން މިއަދު އަލުން އިއުލާންކުރިއިރު ފ. މަގޫދޫ އާއި ރ. އަތޮޅު ދެކުނު ބިތުގައި އަޅަން ނިންމާފައިވާ އެއާޕޯޓަކީ މުޅިން އަލަށް އިއުލާންކުރި ދެ އެއާޕޯޓެވެ.
ކޮމެންޓު ފޮނުވާ