ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، އަބަދުވެސް އޮންނަނީ ކޮންމެވެސް ސިޔާސީ މޫސުމެއް ބޯމަތި ވެފައެވެ. ބައެއް ފަރަށް ސަރުކާރުގެ އެތެރޭގެ ހަލަބޮލިކަން އިންތިހާއަށް މައްޗަށް ގޮސް މުޅި ގައުމު އެ ތަޅާފޮޅުމުގެ މައްޗަށް ހުއްޓިދެއެވެ. ސަރުކާރުގެ އެތެރޭގައި ހިމެނޭ ސިޔާސީ ޕާޓިތަކުގެ މެދުގައި އުފެދޭ ދެބަސްވުމާއި މިކޯޅުންތަކުގައި ސިޔާސީ ވެރިން އެކަކު އަނެކެއްގެ ކަރުގައި ހިފާ ހިސާބަށް ކަންތައް ދިއުމަށްފަހު، އެއަޑުތައް ފަނޑުވެގެން ދިއުމާއި ހަމައިން އިދިކޮޅު ލީޑަރުގެ ޝަރީއަތެވެ. އެ ޝަރީއަތާއި ގުޅިގެން މަގުމަތީގައި ކުރެވޭ މުޒާހިރާތަކެވެ.
އަދި، މިހުރިހާ ސިޔާސީ ހަލަބޮލިކަމަކާއި އުދާސްތަކެއްގެ ފަހަތުގައި ދެތިން ސިޔާސީ ލީޑަރަކު ތިއްބެވިއިރު، ސާފުކޮށް ފެންނާން އޮތް އެއް ހަގީގަތަކީ، ހުރިހާ ސިޔާސީ ޗަރުކޭހަކަށްވެސް ފުރިހަމައަށް ރައްޔިތުން ނަށަމުން ގެންދާކަމެވެ. ސީޔާސީ ޕާޓިތަކުންނާއި އަދި އެޕާޓީތަކުގެ ވެރިންގެ ޖަޒުބާތު ބަންޑުން ކޮށްލުމަށްޓަކާ، ކުރިޔަށް ގެންދާ ހުރިހާ ސިޔާސީ ހަރަކާތެއްގެވެސް ހަގިގީ ބައިވެރިންނަކީ ރައްޔިތުންކަމެވެ. ޕާޓީ ކުލައިން ޓީޝާޓުތައް ލައިގެން މަގުތައްމައްޗަށް ނިކުމުގެ، މި ސިޔާސީ ހަރަކާތްތަކާއި ޗަރުކޭސްތަކަށް ދިރުން ގެނައުމުގައި، ހުރިހާވެސް ގުރުބާނީއެއް ވަމުންދާ ފަރާތަކީ ނިކަމެތި ރައްޔިތު މީހާ ކަމެމެވެ.

ބަރުލަމާނީއަށްފަހި އިންޑިއާ އައުޓު!
2021ވަނަ އަހަރު ފެށިގެން އައިއިރު ރާއްޖޭގެ ސިޔާސީ މަސްރަހުން އެންމެ ބޮޑަށް ފާހަގަވާން އޮތް އެއްކަމަކީ ކޯވިޑް ނުރައްކަލާ އެކީވެސް، ސަރުކާރުގެ އެތެރޭގައި އުފެދިގެން ދިޔަ ސިޔާސީ ވާދެވެރިކަމެވެ. ރައީސް ސާލިހާއި، މަޖިލިސް ރައީސް ނާޝީދާ ދެބޭފުޅުންގެ ޚިޔާލު ގިނަ ކަންކަމުގައި ދެކަފިވެ، އަމިއްލަފުޅު ޕާޓީ ދެ ފެކްޝަނަކަށް ބެހި، އެ ސިޔާސީ ކޯޅުމުގެ ތެރެއިން އުފަންވެގެންދިޔަ އިތުރު އެހެނިގެން ސިޔާސީ ހަރަކާތްތަކެވެ.
މިގޮތުން ފެންނާންއޮތް އެންމެ ބޮޑު އެއް ހަރަކާތަކަށް ވެގެން ދިޔައީ ރައީސް ނަޝީދު އިސްވެ ހުންނަވާ އޭރު ކުރައްވަން ފެއްޓެވި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތްތަކެވެ. ރައީސް ސާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށްފަހު، ރައީސް ނަޝީދު އޭރު އިއުލާން ކުރެއްވީ، ބަރުލަމާނީ ނިޒާމަކަށް ރައްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށްޓަކާ، އިދިކޮޅު ޕާޓީއާއި އެކީ މަސައްކަތް ކުރެއްވުމަށެވެ. އަދި އެމަގުން މަސައްކަތް ކުރެއްވުމަށްޓަކާ، ބަރުލަމާނީ ކެމްޕޭންވެސް ފެއްޓެވިއެވެ.
މި ކެމްޕޭނަށް މަޖިލިސް ބައެއް މެމްބަރުން ނެރުއްވާ، ޓީމުތައް އެކުލަވާލައްވާ، ޕެޓިޝަނެއްގައި ސޮއި ކުރައްވަންވެސް ފެއްޓެވިއެވެ. އަދި މިޕެޓިޝަނަށް ސޮއި ހޯއްދެވުމަށް ޓީމުތައް ރާއްޖެތެރޭގެ ރަށްތަކަށް ފުރުވާވެސް ލެއްވިއެވެ. އެތައް ބަޔަކު މި މަސައްކަތައް ނެރުއްވާ، ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ވަރަށް އަވަހަށް އަންނާނޭކަމުގެ އުއްމީދުގައި، ނަޝީދަށް ތާއީދުކުރާ އެތައް އެކްޓިވިސްޓަކު އެމައްސައްކަތުގައި އުޅެން ފަށާފައިވެސް ވެއެވެ.
އަދި ހަމަ އެއާއެކު، ރައީސް ސާލިހާމެދު އުފެދިގެންދިޔަ ޖަޒްބާތުތަކާއި އަދި އުދާސްތައް އެންމެ އުހަށް ދަތުރުކޮށް، ދެބޭފުޅުންވެސް ނޫސްވެރިންގެ ބައްދަލުވުންތަކާއި އަދި އެކިއެކި ފޯރަމްތަކުގައި، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ގޮންޖައްސަވާ ވާހަކަވެސް ދައްކަވާފައި ވެއެވެ. އަދި ވަކީން ޚާއްސަކޮށް ފާހަގަވެގެން ދިޔަ އެއްކަމަކީ، އެ ދުވަސްވަރަކީ ބަރުލަމާނީ ކެމްޕޭންގެ ނަމުގައި ރައީސް ނަޝީދު ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ކެމްޕޭން މެކުހަށް ޖެއްސެވި ދުވަސްވަރަށް ވެގެންދިޔަ ކަމެވެ.

އެހެންނަމަވެސް، ނަޝީދު މާލެ ވަޑައިގަތުމާއެކު، ދުވަސްކޮޅަކަށްފަހު މިހަރަކާތްތަކުގެ އަޑުތައް ފަނޑުވެ، ބަރުލަމާނީ ކެމްޕޭންގެ އަޑުތައް މިވަނީ އެކީކަހަލަ ގޮތަކަށް ހިނދިގެން ގޮސްފައެވެ. ތައްޔާރު ކުރަމުންދިޔަ ޕެޓިޝަންގެ މަސައްކަތްތައްވެސް ހުއްޓުމަކަށް އައިސް، އެ ކެމްޕޭނަކީ ކޮންގޮތަކަށް ކުރިޔަށް ދިޔަ ކެމްޕޭނެއް ކަމާމެދު އެތައް ބައެއްގެ ހިތްތަކުގައި ގިނަގުނަ ސުވާލުތަކެއް އުފެދިއްޖެއެވެ.
އެއަށްފަހު ދެންއައީ އިންޑިއާ އައުޓު މޫސުމެވެ. މިމޫސުން ފެށިގެން އައީ، މިސަރުކާރުން އިންޑިއާ ސަރުކާރާއެކީ ކުރި ދިފާޢީ އެއްބަސްވުމަކާ ހިސާބުން ކަމަށް ވީނަމަވެސް، މި މޫސުމުގެ ހަގީގީ ފެށުން ގުޅި ލާމެހިގެން ދިޔައީ ރައީސް ޔާމިން ޖަލަށް ލެވުނު ހިސާބުން ކަމުގައި ދެންނެވިދާނެއެވެ.
ސަބަބަކީ، އިދިކޮޅު ލީޑަރު މިނިވަން ކުރުމަށް ގޮވާލާ މަގުމަތީގައި މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކަކަކީ މި ހަރަކާތުގެ ބައިވެރިންގެ ގޮތުގައި ފެނިގެން ދިއުމެވެ. އަދި އެއަށްފަހު، ސުޕްރީމް ކޯޓުގެ ހުކުމާ ހަމައިން، ރައީސް ޔާމިން މިނިވަން ވުމާއެކު، އެޕާޓީން މިވަނީ މިކެމްޕޭން އިތިރު ގިޔަރު ތަކަކަށް މައްޗަށް ޖައްސާލާފައިވެސް މެއެވެ.
މިގޮތުން އިދިކޮޅު ޕާޓީއަށް ތާއީދުކުރާ އެތައްބަޔަކު މިއަދު އުޅެމުން ދަނީ، އިންޑިއާ އައުޓު ކެމްޕޭނުގައި ވަރަށްވެސް އަވަދި ނެތިއެވެ. ދިދަތައް ހިފައިގެން، ހަރަކާތުގެ ކުލައިން ހެދުން ލައިގެން، ޝުއޫރު ފާޅުކުރުމުގައި މަގުތައް މަތީގައި ދުވެ ނަގަނީއެވެ.
އެހެންނަމަވެސް، މިކެމްޕޭން ރައްޖޭގެ އެކި ރަށްތަކަށް ފުޅާ ކުރެވިގެން ގޮސްފައިވި ނަމަވެސް، ނަތީޖާއަކީ ކޮބައިކަމެއް އަދި އަންދާޒާވެސް ކޮށްލަން ދައްޗެވެ. ސަރުކާރާ ދެކޮޅަށް ނަޝީދުގެ ހިތުގައި އުފެދިގެން ދިޔަ ޖަޒުބާތުތަކާއެކީ އުފަންވެގެން ދިޔަ ބަރުލަނީ ކެމްޕޭން ފަދައިން، ކުރިޔަށްދާ ރައީސް ޔާމީންގެ ޝަރީއަތްތަކާ އެކީ މި ކެމްޕޭނަށް ވެގެންދާނެ ގޮތެއްގެ ސުވާލުތަކަކީ، ކުރިޔަށް އޮތް ތަނުގައި ޖަވާބު ލިބިގެންދާނެ ސުވާލުތަކެއް ކަމުގައި ބެލެވެއެވެ.

ހުރިހާ ބެރަކަށްވެސް ނަށަމުންދަނީ ރައްޔިތުން!
ރާއްޖޭގައި އެކި މޫސުމަށް ތިލަވަމުންދާ އެކި ސިޔާސީ ކެމްޕޭންތަކުން ފެންނާން އޮތް އެންމެ ބޮޑު އެއް ހަގީގަތަކީ، އެކި މޫސުމަށް ސިޔާސީ ވެރިން ޖައްސަވާ އެކި ބެރަށް ރައްޔިތުން ފައި ހަމަކޮށް ނަށަމުންދާ ދިއުމެވެ. މި ސިޔާސީ ޗަރުކޭސްތަކުގެ މައްޗަށް ރައްޔިތުން ވަޖިދު ވަދެ، އެކަންކަމުގެ މައްޗަށް ހިތް ދޫކޮށްގެން ތިބި މިންވަރެވެ. އަދި، ގިނަ ފަހަރަކަށް މި ޗަރުކޭސްތައް އެތައް ގިޔަރެއް ކުރިޔަށް ޖެހިގެންދަނީ ސިޔާސީ ލީޑަރުންގެ މި ބެރު ދުންމާރިއަށް އެކްޓިވިސްޓުން ވަޖިދުވަދެ، ދިރިއުޅުމުގެ އެހެނިހެން ހުރިހާ ޒިންމާތަކެއް ދޫކޮށް، މި މަސައްކަތުގައި މަޝްއޫލުވުމުގެ ނަތީޖާއެއްގެ ގޮތުންވެސް މެއެވެ.
އެހެންނަމަވެސް، ފެންނާން އޮތް ހަގީގަތަކީ، މިގޮތުން އުފެދޭ ޖަޒުބާތުގައި ޖެހި، ޕާޓީ ކުލައިން ހެދުންލައިގެން މަގުމަތީގައި ދުވެނަގާ ރައްޔިތުން މީހާއަށް މިއިން އެއްވެސް ހަރަކާތެއްގެ ފޮނި މީރުކަމެއް ލިބިގެން ނުދާތަނެވެ. އަދި އޭގެ ބަދަލުގައި ގިނަފަހަރަށް މިގޮތުން ހިންގޭ ހަރަކާތްތަކުގެ ޝިކާރައަކަށްވެސް، ބައެއް ފަރާތްތަކުން ޖަލަށް ދާންޖެހި، މުޅި ހަޔާތް ގުރުބާން ކުރަން ޖެހިފައިވާ އެތައް ބަޔަކުވެސް މާޒީވެދިޔަ ތަނުން ފެންނާންވެސް އެބަ ތިއްބެވެ. ރާއްޖޭގައި ހިންގިފައިވާ އެހާރާއި މިހާރުގެ ސިޔާސީ ގިނަ ހަރަކާތްތަކަށް ފުންކޮށް ނަޒަރެއް ހިންގާލުމުން މި ހަގީގަތް ވަރަށްވެސް ރަގަޅަށް ސާފުވާން އެބައޮތެވެ.
އެހެންކަމުން، މިއީ މިއަދު ސިޔާސީ ޗަރުކޭސްތަކަށް ނައްޓަވަމުން ގެންދަވާ ރައްޔިތުން ފުންކޮށް ވިސްނާލަންވީ ވަރަށްވެސް ބޮޑު ހަގީގަތެއްކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
ކޮމެންޓު ފޮނުވާ