ކިޔަވާ ކުއްޖެއްގެ ގޮތުގައި ސަރުކާރާ ދެކޮޅު މުޒާހިރާތަކަށް ނުކުތް އެކްޓިވިސްޓަކު ޗިލީގެ ރައީސްކަމަށް

ކިޔަވާ ކުއްޖެއްގެ ގޮތުގައި ސަރުކާރާ ދެކޮޅު މުޒާހިރާތަކަށް ނުކުތް އެކްޓިވިސްޓަކު ޗިލީގެ ރައީސްކަމަށް

Author
ހުސެއިން
20 ޑިސެމްބަރ 2021 11:17
0

ކިޔަވާ ކުއްޖެއްގެ ގޮތުގައި ޗިލީގެ ސަރުކާރާ ދެކޮޅަށް މުޒާހިރާ ކުރުމުގައި އެންމެ އިސްކޮށް އުޅުނު އެކްޓިވިސްޓެއް ކަމަށްވާ، ގާނޫނުހަދާ މަޖލިހުގެ ވާތުފިޔައިގެ މެމްބަރަކު ޗިލީގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގެ 99 އިންސައްތަ ވޯޓު ގުނާ މިހާރު ނިމިފައިވާއިރު، ގެބްރިއެލް ބޮރިކް ވަނީ ޖުމްލަ ވޯޓުގެ 56 އިންސައްތަ ކާމިޔާބު ކޮށްފައެވެ. އޭނާއާއި ވާދަކުރެއްވި ކޮންޒަވޭޓިވް ކެނޑިޑޭޓް ޖޯސް އެންޓޯނިއޯ ކާސްޓަށް ކާމިޔާބު ކުރެވިފައިވަނީ ވޯޓުގެ 44 އިންސައްތައެވެ.

އިންތިޚާބުގެ ނަތީޖާ ޔަގީން ވުމާއެކު އިދިކޮޅު ކެނޑިޑޭޓު ކާސްޓު ވަނީ ވަގުތުން ބަލި ގަބޫލުކޮށް، އިންތިޚާބު ކާމިޔާބު ކުރެއްވި ގެބްރިއެލް ބޮރިކް އަށް މަރުހަބާ ވިދާޅުވުމަށްޓަކާ އޭނާއި ބައްދަލު ކުރާ މަންޒަރުގެ ފޮޓޯއެއް ޓުވީޓު ކޮށްފައެވެ.

މިހާރު އުމުރުން 35 އަހަރުގެ ގެބްރިއެލް ބޮރިކް ވެވަޑައިގަންނަވާނީ ޗިލީގެ ތާރީޚުގައި ވެރިކަމަށް ވަޑައިގަންނަވާ އެންމެ ޒުވާން ބޭފުޅާއަށެވެ.

ދައުރު ފުރިހަމަކުރައްވާ ވަޑައިގަންނަވާ މިހާރުގެ ރައީސް، ކޮންޒަރވޭޓިވް ބިލިއަނަރެއް ކަމުގައިވާ، ސެބަސްޓިއަން ޕިނޭރާވަނީ ގެބްރިއެލް ބޮރިކްއަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅުއްވާ، އިންތިގާލީ 3 މަސްދުވަހުގެ ތެރޭގައި އޭނާގެ ފުރިހަމަ ތާއީދު ދެއްވާނެކަމަށް ވިދާޅުވެފައެވެ.

"އަހަރެން ވެގެންދާނީ ޗިލީގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް،" މިހާރުގެ ރައީސް ޕިނޭރާއާއި އެކީ ކުޑަ ވަގުތުކޮޅަކަށް ޓީވީގައި ވާހަކަ ދައްކަވަމުން ގެބްރިއެލް ބޮރިކް ވިދާޅުވެފައި ވެއެވެ.

ބޮރިކް އެންމެ ފުރަތަމަ ސިޔާސީ މަސްރަހަށް ވެދެ ވަޑައިގެންނެވީ، އެތައް އަހަރެއް ވަންދެން ޗިލީއަށް އިގްތިސާދީ ކުރިއުން ގެނުވި، އެހެންނަމަވެސް، ރައްޔިތުންގެ މެދުގައި އޮތް މާލީ ހަމަހަމަކަން ނެތިގެންދިޔަ އިގްތިސާދީ ސިޔާސަތު ކަމުގައިވާ، ޗިލީގެ މާކެޓް އޮރިއެންޓެޑް އިކޮނޮމިކް މޮޑެލްއާއި މެދު ރައްޔިތުންގެ ހިތްކުގައި އުފެދިގެން ދިޔަ ރުޅިވެރިކަމުގެ ތެރެއިންނެވެ.

ރައްޔިތުންގެ މެދުގައިއޮތް މި އިގްތިސާދީ ތަފާތުތަކުގެ ނަތީޖާއެއްގެ ގޮތުން 2019ވަނަ އަހަރު އެގައުމުގައި ސަރުކާރާ ދެކޮޅަށް އެތަކެއް ރައްޔިތުން މަގުތަކަށް ނިކުމެފައި ވެއެވެ. އަދި ހަމަ މި ނުޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުން އުފެއްދުންތެރިކަމަށް ތާއީދު ކުރާ ވާތުފިޔައިގެ މީހުންގެ ބާރުގަދަވެ، އެއްތައް ޒަމާނެއް ވަންދެން އެގައުމުގައި އަމަލް ކުރަމުންއައި، ޚުދުމުޚްތާރު ވެރިކަމަށް ޖާގަދެމުންއައި ގާނޫނު އަސާސީ އިސްލާހު ކުރެވިގެން ދިޔައެވެ.

ޗިލީގެ އެންމެ ދެކުނަށް ނިސްބަތްވާ ބޮރިކް ވަނީ ކިޔަވާ ކުއްޖެއްގެ ހައިސިއްޔަތުން ސެންޓިއާގޯގައި ހުންނަ ޔުނިވަރސިޓީ އޮފް ޗިލީގެ ފެޑެރޭޝަން އޮފް ސްޓޫޑަންސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާފައެވެ.

އަދި 2014ވަނަ އަހަރު، އުމުރުން އެންމެ 20 އަހަރުގައި ޗިލީގެ ދަށުގޭގެ މެމްބަރެއްގެ ގޮތުގައި އެގައުމުގެ ނޭޝަނަލް ކޮންގްރެސް (ގާނޫނުހަދާ މަޖިލިސް) އަށް އޭނާވަނީ ވަންނަވާފައެވެ. އޭނާ ތަމްސީލު ކުރައްވާފައިވަނީ، އެގައުމުގެ އެންމެ ދެކުނުގެ އާބާދީ ބޮޑު ސަރަހައްދެއް ކަމުގައިވާ މަގަލަނިސްއެވެ.

ރިޔާސީ ކެމްޕޭންގައި އޭނާވަނީ، 1973 އިން 1990 އަށް، ކުރީގެ ޚުދުމުޚްތާރު ވެރިޔާ ޖެނެރަލް އޮގަސްޓޯ ޕިނޯޗޭ ގެންގުޅުއްވި އިގްތިސާދީ ސިޔާސަތު ކަމުގައިވާ "ނިއޯލިބަރަލް" އިކޮނޮމިކް މޮޑެލް "ވަޅުލައްވާނެ"ކަމަށް ވައުދުވެ ވަޑައިގެންފައެވެ. އަދި މުއްސަދިން މަހުޖަނުންގެ އަތުން ދައުލަތަށް ޓެކްސް ނަންގަވާ، އިގްތިސާދީ ހަމަހަމަ ކަން ގާއިމްކުރައްވާ، އިޖުތިމާޢީ އެހީތެރިކަން އިތުރު ކުރައްވާ، އަދި ތިމާވެށި ހިމާޔަތް ކުރެއްވުމަށް އެފައިސާ ޚަރަދު ކުރައްވާނެކަމަށް އޭނާވަނީ ވައުދުވެ ވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.