ގދ.ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދުގެ މައްޗަށް ޖިންސީ ކުށްތަކެއް ތުހުމަތުތަކެއްގައި ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތު ނުވާކަމަށް ކަނޑައަޅައި ގައްދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ މިނިވަންކޮށްފިއެވެ.
ގައްދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިމެންދެން އޭނާ ހުރީ ވެސް ގދ. ތިނަދޫގައި ހުންނަ ފުލުހުންގެ ކަސްޓޯޑިއަލްގައި ބަންދުކޮށްފައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ދަނިކޮށް ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ބަންދު ކޮށްފައި ވަނީ ރަނގަޅު ތުހުމަތުތަކެއްގައި ކަމަށް ޕީޕީއެމްއާއި ޕީއެންސީއިން ޤަބޫލެއް ނުކުރެއެވެ.
ގައްދޫ ކައުންސިލް ރައީސްގެ މައްސަ ސާބިތުނުވާކަމަށް ނިންމުމުން އޭނާ ވަނީ މިއަދު އޮފީހަށް ނިކުމެ މަސައްކަތާއި ހަވާލުވެ ވަޑައިގެންފައެވެ.
ގައްދޫކައުންސިލް ރައީސަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 2 މައްސަލައެއްގައި ދަޢުވާ އުފުލާފައިވެއެވެ. އެއީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
މުޙައްމަދު އަޙްމަދަކީ މީގެ ކުރިންވެސް އެރަށު ކައުންސިލް މެމްބަރުކަން އަދާކޮށްފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުއްޓާ އޭނާއަށް ވަނީ 2015 ވަނަ އަހަރު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައެވެ. އެ މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ އިރު، އެ މައްސަލަ އަދި ފަށާފައެއް ނުވެއެވެ. ރަށު ކައުންސިލު ރައީސްކަމަށް ކުރިމަތިލުމަށް އޭނާއަށް ޕީޕީއެމްއިން ޓިކެޓު ދިން އިރުވެސް އޭނާއަށް އޮތީ އެ މައްސަލައިގައި ދައުވާކޮށްފައެވެ.