އިންޑިއާ އައުޓް ހަރަކާތަކީ ބޮޑު ޖަރިމާއެއް، އެ ކެމްޕެއިން ބަލައެއް ނުގަންނަން: ނާޒިމް

އިންޑިއާ އައުޓް ހަރަކާތަކީ ބޮޑު ޖަރިމާއެއް، އެ ކެމްޕެއިން ބަލައެއް ނުގަންނަން: ނާޒިމް

Author
މުޙައްމަދު ޖިމީ
19 ޑިސެމްބަރ 2021 07:41
0

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިނަކީ ބޮޑު ޖަރީމާއެއްގެ ގޮތުގައު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ސިފަކުރައްވައިފިއެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކާނަލް ނާޒިމް ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕެއިނަކީ ވަކި ބަޔަކު ފައިދާ ނެގުމަށް ހިންގާ ބޮޑު ޖަރީމާއެއްކަމަށާއި އެ ކެމްޕެއިން ބަލައި ނުގަންނަކަމަށެވެ. ނަމަވެސް ރާއްޖޭގައި ބޭރު ގައުމެއްގެ އަސްކަރީ ސިފައިން ތިބުމަކީ ދިވެހި ރައްޔިތުން އެދޭ ކަމަކަށް ނުވާތީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަށް އެ ޕާޓީން ވެސް ތާއީދު ނުކުރައްވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ޤާނޫނާއި ޚިލާފް އެތައް ކަމެއް ފޮރުވުމަށް ހިންގާ ހަރަކާތެއްގެ ގޮތުގައި ސިފަކުރައްވަމުން ނާޒިމް ވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ވަކި ޤައުމަކާ ދެކޮޅަށް ފާޅުގައި ނުކުމެ ހުންނެވުމަކީ ޤަބޫލު ކުރެވޭކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ގައުމެއްގައި ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައި ހުރި ބޭފުޅަކު ގައުމެއްގެ ނަން ޖަހައިގެން ނުކުމެ ހުރެ އެގޮތަށް ނުކުމެ ހުންނެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން.

– މުޙައްމަދު ނާޒިމް

ނާޒިމް މިހެން ވިދާޅުވެފައިވާއިރު އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓް ތުރުކުރައްވައިގެން ރައީސް ޔާމީން ވަނީ ދާދިފަހުން މާލެ އަތޮޅު ގުރައިދޫއަށާއި، ތުލުސްދޫއަށް ވަޑައިގެންފައެވެ.

ނާޒިމްގެ ވާހަކަފުޅުގައި ވަނީ އިންޑިއާ އައުޓް ކެމްޕޭންގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކެއް ހުންނާނެތީ ރައްޔިތުން އެކަމަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ.

ނާޒިމް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮންނަންވާނީ ހުރިހާ ގައުމުތަކާ ގުޅުން އޮންނަ ގޮތަށް ކަމަށެވެ. އެގޮތަށް ބަލާއިރު މިހާތަނަށް ރާއްޖޭގައި އެންމެ ރަނގަޅު ހާރިޖީ ސިޔާސަތެއް އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މި ޕްރެސްކޮންފަރެންސްގައި ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު އުޝާމްވެސް ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތަކީ ހެޔޮ ނިޔަތުގައި ހިންގާ ހަރަކާތެއް ނޫންކަމަށެވެ. އިންޑިއާ ސިފައިން ބޭރުކުރަން ބޭނުންފުޅުނަމަ ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެކަން ކުރެވުނީސްކަމަށް އުޝާމް ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ އެއީ އަމިއްލަ ކަންތައްތަކެއް ފޮރުވަން ހިންގާ ހަރަކާތެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.