ލެޖިސްލޭޓިވް އެޖެންޑާގެ 76 ބިލެއް މިހާތަނަށް މަޖިލީހަށް ހުށައަޅާފައިވޭ: އޭޖީ

ލެޖިސްލޭޓިވް އެޖެންޑާގެ 76 ބިލެއް މިހާތަނަށް މަޖިލީހަށް ހުށައަޅާފައިވޭ: އޭޖީ

Author
މުޙައްމަދު ޖިމީ
04 ނޮވެމްބަރ 2020 10:27
0

ވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށްޓަކައި، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން 76 ބިލެއް ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށައަޅާފައިވާކަމަށް އެޓަރނީ ޖެނެރަލް އަލްއުސްތާޛް އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

އދ.ގެ މެންބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަތުމަށް ބާއްވާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު)ގެ ސެޝަންގައި ޖަސްޓިސް އެންޑް ލީގަލް ސެކްޓަރ ރިފޯމްއާ ގުޅޭ އިންޓަރވެންޝަނެއް އެޓަރނީ ޖެނެރަލް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، އެ އިންޓަރވެންޝަންގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ތަޞައްވުރުކުރަނީ ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާނެ މިނިވަން ޖުޑިޝަރީއެއްކަމުގައި ވީނަމަވެސް، ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ ނިޒާމުގެ ތެރެއަށް ކޮރަޕްޝަނާއި، ސިޔާސީ ނުފޫޒު ފޯރުވާފައިވާތީ، ޖުޑީޝަރީ މިނިވަންކަމާއެކު މަސައްކަތްކޮށްފައި ނުވާކަން އެޓަރނީ ޖެނެރަލް ފާހަގަކުރެއްވިއެވެ.

އަދި ޖުޑިޝަރީ ރިފޯމްކުރުމަކީ މި ސަރުކާރުގެ ވަޢުދެއްކަމާއި، 2019 ވަނަ އަހަރު ޖުޑީޝަލް ރިފޯމް ޕްރޮޕޯސަލް އެކުލަވައިލާފައިވާއިރު، ޖުޑިޝަލް ރިފޯމް ޕްލޭން ބިނާވެފައިވަނީ މައިގަނޑު 3 (ތިނެއް) ދާއިރާއަށްކަމާއި، އެއީ، ކޯޓުތަކުގެ އޮނިގަނޑާއި އިޙްތިޞާޞް ރިފޯމްކުރުމާއި، އިދާރީ ހިންގުން ހަރުދަނާކުރުމާއި، އަދި ފަނޑިޔާރުން ޒިންމާދާރުކުރުވައި އެ ފަރާތްތަކުގެ ނަޒާހާތްތެރިކަން ދެމެހެއްޓުމުގެ މައްޗައްކަމަށް އެޓަރނީ ޖެނެރަލް ވިދާޅުވިއެވެ.

 

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގެ ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި ބަންޑާރ ނާއިބު އިބްރާހީމް ރިފްޢަތު ބައިވެރިވެ ވަޑައިގެންނެވުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޖުޑިޝަރީ ޖަވާބުދާރީކުރުވުމުގެ ޒިންމާއޮތީ ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މައްޗަށްކަމާއި، ކޮމިޝަނަކީ މުސްތަޤިއްލު އަދި މިނިވަންކަމާއެކު މަސައްކަތްކުރަންޖެހޭ ކޮމިޝަނެއްކަމުގައި ވީނަމަވެސް، އެކި ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން ކޮމިޝަން އެންމެ ފުރިހަމައަށް ކުރިން މަސައްކަތްކޮށްފައިނުވާކަން އެޓަރނީ ޖެނެރަލް ފާހަގަކުރެއްވިއެވެ. ނަމަވެސް، ކޮމިޝަންގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމާއި، އެކަމުގެ ސަބަބުން ކޮމިޝަނަށް ޢާންމުންކުރާ އިތުބާރު އިތުރުވެފައިވާކަން ކޮމިޝަނަށް މިހާރު ހުށަހެޅެމުންދާ މައްސަލަތަކުގެ ޢަދަދަށް ބެލުމުން އެނގޭކަމަށްވެސް އެޓަރނީ ޖެނެރަލް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށްޓަކައި، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން 200 އަށްވުރެ ގިނަ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަމާއި، އޭގެތެރެއިން 76 ބިލެއް ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހެޅިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެ ބިލުތައް ހުށަހެޅުމުގެ ބޭނުމަކީ ޤާނޫނީ ނިޒާމް އިތުރަށް ހަރުދަނާކޮށް ދިވެހިރާއްޖެއިން އުފުލަންޖެހޭ ބައިނަލްއަޤްވާމީ އިލްތިޒާމްތަކާ އެއްގޮތަށް ޢަމަލުކުރުމަށް މަގުފަހިކުރުންކަން އެޓަރނީ ޖެނެރަލް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.