މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ، ވުޖޫދަށް އައީ 18 ޑިސެމްބަރު 1980 ގައެވެ. އެމްޓީސީސީއަށް މިއަހަރު 41 އަހަރު ފުރިގެންދާއިރު މިއަހަރަކީ އެ ކުންފުންޏަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނު އަހަރެކެވެ. މި ގޮންޖެހުންތަކުގެ ތެރޭގައިވެސް އެ ކުންފުނިން ވަނީ ގިނަ ކާމިޔާބީތަކެއް ޙާސިލްކޮށްފައެވެ.
އެމްޓީސީސީއަކީ މިއަދު ތަރައްޤީގެ މޭސްތިޔާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައިހެން އެމްޓީސީސީގެ މަސައްކަތެއް ކުރިއަށް ނުދާ ރަށެއްނެތެވެ. ނޫނީ އެމްޓީސީސީގެ މަޝްރޫޢޫއެއް ހިންގާފައިނުވާ ރަށެއް މިހާރު ރާއްޖޭގައި މަދުވާނެއެވެ. މިވަގުތުވެސް އެމްޓީސީސީގެ ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކި ރަށްތަކުގައި ދަނީ ކުރެވެމުންނެވެ.
ބަނދަރު ހެދުމާއި، މަގުހެދުމާއި، ތާރުއެޅުމާއި، އެއާޕޯޓް ތަރައްޤީ ކުރުމާއި، ކުޅިވަރު ވަސީލަތްތަކާއި، ތައުލީމީ ބިނާތަކާއި، ފެރީގެ ޚިދުމާއި، އާންމު ބަސް ދަތުރާއި މިނޫންވެސް އެތައް ޚިދުމަތެއް އެމްޓީސީސީޏް ދަނީ ފޯރުކޮށް ދެމުންނެވެ. މިމަސައްކަތް ކުރުމުގައި އެމްޓީސީސީއަށް މާލީ ގޮތުންނާއި، އިންސާނީ ވަސީލަތުގެ ގޮތުން ދިމާވާ ގޮންޖެހުންތަކާއިއެވެސް ގިނަ ކާމިޔާބީތަކެއް ވަނީ ހާސިލް ކޮށްފައެވެ.

ރައްޔިތުންގެ ކުންފުނި އެމްޓީސީސީއަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ހިއްސާއެއް އަދާކުރާ ކުންފުންޏެކެވެ. ރާއްޖޭގެ އުތުރާއި ދެކުނުން ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް އެމްޓީސީސީން ހިންގަމުންއަންނައިރު މި ކުންފުނީގެ އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ އަސާސީ ޙިދުމަތްތައް ވީހާވެސް އަވަސްކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މަގުހެދުމާއި، ބިންހިއްކުމާއި، ބަނދަރުހެދުން، ދަތުރުފަތުރުގެ ޙިދުމަތާއި، އެއަރޕޯޓުހެދުމުގެ މަސައްކަތްތަކަކީ އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތަކެވެ.
ދެހާހާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން އެމްޓީސީސީގައި މަސައްކަތްކުރަމުން އަންނައިރު ދިވެހިންނަށް ޙާއްސަ އިސްކަމެއްވެސް އެމްޓީސީސީން އަންނަނީ ދެމުންނެވެ. އެގޮތުން އެމްޓީސީސީއިން ވަނީ އެ ކުންފުނީގެ ކޮންނަ ބޯޓު "މަހާޖައްރާފު" ގެ ފަޅުވެރިން 100 އިންސައްތަ ދިވެހިންނަށްވެސް ބަދަލުކޮށްފައެވެ.

އެމްޓީސީސީން ވަނީ ޒުވާނުން ބިނާ ކުރުމަށާއި، އެކުންފުނީގެ ވަޒީފާތަކަށް ތަމްރީން ލިބިފައިވާ ޒުވާނުން އުފެއްދުމަށްވެސް ޚާއްސަ ޕްރޮގުރާމެއް ފަށާފައެވެ. އެގޮތުން ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ފަންނީ 100 ޒުވާނުން ތަމްރީން ކުރުމަކީ އެމްޓީސީސީގެ އަމާޒެކެވެ.
މި ޕްރޮގްރާމްގެ ދަށުން، ވެލްޑިންގް، ޕްލަމްބަރިންގ، އިލެކްޓްރިކް މަސައްކަތް، އޮޓޮމޯޓިވް މެކޭނިކް މަސައްކަތް، ވަޑާންކުރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވިގެންދާނެއެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް 3000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ލިބޭނެ ކަމަށާއި، އަދި ވޯރކް ސައިޓްގެ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭނަމަ ހުރުމާއި ކެއުން ހަމަޖައްސާދޭނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. އަދި އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ޚަރަދުވެސް ދޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
އެއްދުވަނުން އަނެއްދުވަހަށް ދެވޭ ޚިދުމަތް ފުޅާކުރުމަށް އެމްޓީސީސީންވަނީ އެއް ނަންބަރަކުން ކުންފުނީގެ ހުރިހާ ޚިދުމަތްތަކުގެ މަޢުލޫމާތު ލިބޭނެހެން ހޮޓްލައިން ނަންބަރެއްވެސް ތަޢާރަފްކޮށްފައެވެ. އެމްޓީސީސީން ހޮޓްލައިން ނަންބަރެއް ތަޢާރަފްކޮށްފަވަނީ އެކުންފުންޏަކީ ގިނަ ތަފާތު ވިޔަފާރިއެއްގައި ޝާމިލުވާ ކުންފުންޏެއްކަމުން، އެއް ނަންބަރަކުން ކުންފުނީގެ އެންމެހާ ޚިދުމަތްތަކާއި އޮޕަރޭޝަންތަކުގެ މަޢުލޫމާތު ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. މީގެތެރޭގަ އެމްޓީސީސީގެ ހުރިހާ ޑިވިޝަންތަކާ ގުޅުންހުރި ސުވާލުތަކަށް، މި ހޮޓްލައިން މެދުވެރިކޮށް ޖަވާބު ހޯދޭނެއެވެ.

ހޮޓްލައިން ނަންބަރު "1650″އާއެކު، އެ ކުންފުނިން ވަނީ ކޯލް ސެންޓަރެއްވެސް ޤާއިމުކޮށްފައެވެ. ކޯލް ސެންޓަރުގަ މަސައްކަތްކުރާ މުވައްޒަފުންނަކީ އެކަމަށް އެކަށީގެންވާ ތަމްރީން ދީފަވާ މުވައްޒަފުންނެވެ. އެމްޓީސީސީގެ ކޯލް ސެންޓަރުގެ ޚިދުމަތް 24ގަޑިއިރު ލިބޭނެއެވެ.
އެމްޓީސީސީން ރާއްޖޭގައި ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް ހިންގާ އިރު އެކުންފުނީގެ އަމާޒަކީ މިހާރު ހިންގާ ކުދި ޕްރޮޖޮކެޓްތަކާއިއެކު ބޮޑެތި ބިޔަ ޕްރޮޖެކްޓައް ހިންގުމެވެ. އެގޮތުން އެއާޕޯޓް އެޅުމާއި، ބްރިޖުއެޅުންފަދަ ބިޔަ މަޝްރޫއުތަކަށް އެމްޓީސީސީން ވަނީ އަމާޒުހިފާފައެވެ.
ކޮމެންޓު ފޮނުވާ