ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއިއެކު، މީގެކުރިން ފެނިގެން ނުދާ އެތައްކަމެއް މިއަދު ރާއްޖެއިން ދަނީ ފެންނަމުންނެވެ. ޚާއްސަކޮށް، ސިޔާސީ ވާދަވެރިކަމުގައި މައި ދެޕާޓީގެ މެދުގައި އޮތް ވާދަވެރިކަން ބޮޑެވެ، ސިޔާސީ ބޮޑު ނުތަނަވަސް ކަމަށް ވަނީ ގޮސްފައެވެ.
ރާއްޖެއަކީ އަމިއްލަ ބާރުގައި އަމިއްލަ ފައްޗަށް ތެދުވެ އުޅެވޭ ޤައުމަކަށް ނުވާއިރު، އަވަށްޓެރި ޤައުމުތަކާއި އޮންނަ ގުޅުމަކީ ރާއްޖޭގެ ރައްޔިތުންނަށް އެކަމުން ވަރަށްބޮޑެތި ފައިދާތަކެއް ކުރާނެ ކަމެކެވެ. ނަމަވެސް ރާޢްޖޭގެ މިނިވަން ކަމާއި ސިޔާސަތާއި އިސްތިޤުލާލަށް އެކަމުން އަސަރު ނުކުރާނޭ ފަދަ ގޮތަކަށެވެ. 2008 ވަނަ އަހަރު މަލްޓި ޕާޓީ ޑިމޮކްރަސީގެ ތެރެއިން އެމްޑީޕީގެ ފުރަތަމަ އިންތިޚާބު ކާމިޔާބުކޮށް، ވެރިކަމާއި ހަވާލުވިތާ ދެ އަަހަރާއި ބައި ނުވަނީވެސް އޭރުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ރައީސް ނަޝީދުގެ ވެރިކަން ނިމުމަށްފަހު ދެން ރާއްޖޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި، ރާއްޖޭގެ އިޤްތިޞާދު އިދަޖައްސާލުމަށްޓަކައި، ފަތުރުވެރިކަން ހަލާކުކޮށްލުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް މަސައްކަތެއްވަނީ ކޮށްފައެވެ. ރާއްޖެއަކީ ފަތުރުވެރިން އައުމަށް އަމާން މަންޒިލެއް ނޫންކަމަށް ދުނިޔޭގެ އެތައް ޤައުމެއްގައި މިއަދު ވެރިކަން ކުރާ މައި ޕާޓީގެ އިސްވެރިން ދިޔައީ ގޮވަމުންނެވެ.
މިގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ 2016، 2017 ގައި ރާއްޖޭގެ ފަރުވެރިކަން ހަލާކުކޮށް ލުމަށް، ރާއްޖޭގެ ޓުވަރިޒަމް ބޮއިކޮޓް ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ދިޔައީ ނުހަނު ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މިމަސައްކަތަށް ބޮޑެތި ކާމިޔާބީތަކެއް 2016 ވަނަ އަހަރު ލިބުނުކަން ތަފާސް ހިސާބުތަކުން ދެއްކިއެވެ. ރާއްޖެއަށް އެންމެ ގިނައިން ޓުވަރިސްޓުން އައި ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އައި ނިސްބަތްވެސް ބޮޑުތަނުން ދަށަށް ދިޔައެވެ.
ރާއްޖެއަށް ފަތުރުވެރިން ނައުމަށް އޭރުގެ އިދިކޮޅު ލީޑަރު އަދު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މުޅި ދުނިޔެެއަށް ވިއްކި އެއްވާހައަކީ ރާއްޖެއަކީ "ޓެރިސްޓުން" އުޅޭ ތަނެއްގެ ގޮތުގައެވެ. އަދި މިކަން ކުރަނީ އޭރުގެ ސަރުކާރާއި ސަރުކާރާއި ގުޅުންހުރި ފަރާތްތަކުން ގުޅިންކަމަށް ރައީސް ނަޝީދާއި، އެމްޑީޕީގެ އިސްބޭފުޅުން ދިޔައީ ތުހުމަތު ކުރަމުންނެވެ. މިސަބަބުތަކަށްޓަކައި ރާއްޖެއަކީ އަމާން މަންޒިލެއް ނޫންކަމަށް ވިދާޅުވެ، ރާއްޖެއަށް ނައުމަށް ވަރުގަދަ ކެމްޕެއިނެއް ވަނީ ކޮށްފައެވެ.
އެދުވަހު އެކުރި މަސައްކަތާއިއެކު މިއަދު ތަގުދީރު ނިޔާކުރި ގޮތުން ވެރިކަމުގައި އޮތީ އެމްޑީޕީއެވެ. ރައީސް ނަޝީދަކީ އަދިވެސް އެމްޑީޕީގެ ރައީސެވެ. އަދި މަޖިލިސް ރައީސްވެސް މެއެވެ. މިއަދުގެ ހާލަތު ނިޔާކުރާ ގޮތުން އިދިކޮޅު ލީޑަރަކީ ރައީސް ޔާމީނެވެ. ރައީސް ޔާމީންގެ މިއަދުގެ އެންމެ ވަރުގަދަ ސިޔާސީ ކެމްޕެއިނަކަށް ވެފައިވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިކަހަ ކެމްޕެއިނެކެވެ. ނަމަވެސް ތަފާތަކީ ރައީސް ޔާމީނާއި، ޕީޕީއެމްގެ ހަރަކާތް ގުޅިފައިވަނީ ރާއްޖޭގައި އެހެން ޤައުމެއްގެ އަސްކަރުއްޔާއަށް ޖާގަ ނުދިނުމަށެވެ.
ދުނިޔޭގެ އެއްވެސް ޤައުމެއްގައި ރައްޔިތުން ދިއިއުޅޭ ސަރަހައްދު ތަކުގައި އެހެން ޤައުމުތަކުނެ ސިފައިން ހަތިޔާރާއިއެކު އުޅުމުގެ ހުއްދަ ނޯންނައިރު، ރާއްޖޭގައި މިއަދު ވަނީ އެފުރުސަތުވެސް ތަނަވަސް ވެފައެވެ. ރާއްޖޭގެ އެންމެ ދެކުނު އައްޑޫ ސިޓީގައާއި، ހަނިމާދޫއާއި، ކައްދޫފަދަ ތަންތަނުގައި އިންޑިއާގެ ސިފައިން މިއަދު ތިބި އަދަދަކީ ދިވެހިން ނުހަނު ކަންބޮޑުވާ އަދަދެކެވެ. ވަކިން ޚާއްސަކޮށް މީހުން ދިރިއުޅޭ ސަރަހައްދުގައި ގޭގޭގައި ކުއްޔަށް އިންޑިޔާގެ އެތައް ސިފައިންނެއް ހަތިޔާރާއިއެކު ދިރިއުޅެމުންދާކަމުގެ ތުހުމަތު އެރަށްތަކުގެ އެތައް ރައްޔިތުންނެއްދަނީ ކުރަމުންނެވެ.
އިންޑިއާ އައުޓްގެ ނަމުގައި ފެށުނު ކުޑަކުޑަ ހަރަކާތް މިއަދު ބޮޑުވެ، ޚާއްސަކޮށް އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލުން މިނިވަންވުމާއިއެކު މިވަނީ ރަސްމީކޮށް އެހަރަކާތް އިއުލާންކޮށް، އިންޑިއާ ސިފައިން ބޭލުމުގެ ވަރުގަދަ މަސައްކަތްތަކެއް ފަށާފައެވެ. މިމަސައްކަތަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރަން ފެށުމުން ސަރުކާރަށް "ހަޖަމް" ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. ރައީސް ނަޝީދުގެ ނުސީދާ ރައްދު ރައީސް ޔާމީނަށް ވަނީ އަމާޒުކޮށްފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިިވަނީ ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރާއި، އިންޑިއާ ކަނޑުގައި އޮތް އިންޑިއާގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫންކަމަށެވެ. އިންޑިއާ އުޓް ކަމަށް ނުބުނެވޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު ރައީސް ޔާމީން ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިޤައުމުން ބާލާނެކަމަށެވެ. އިންޑިއާ ސިފައިން ބޭލުމަށް މަސައްކަތް ކުރަމުންދަނީ ވަކި ފަރުދުންތަކެއް ނޫންކަމަށާއި، އެކަމަކީ ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތީން ޕީޕީއެމްއިން ކުރަމުންދާ މަސައްކަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އިންޑިއާގެ އަސްކަރީ ސިފައިން ޖެހޭނީ މިޤައުމުން ފައިބަން. އަޅުގަނޑު މިރޭ ރަސްމީކޮށް މި ދަންނަވަނީ، މިކަމަކީ އަޅުގަނޑު ދަންނަވައިގެން ޕީޕީއެމްއިން އިސްނަގައިގެން ކުރާ ކަމެކޭ. މިއީ އިންޑިޔާގެ ޓައުނެއްނޫޏް. ރައީސަކީ އިންޑިޔާގެ ގަވަރުނަރެއްނޫން.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ސިޔާއީ އޮއިވަރުގެ ތެރެއިން މިއަދު ރާއްޖެ ދަތުރުކުރަމުން މިދާ މިސްރާބަށް ބަލާއިރު، ކުރިއަށް އޮތް ދެ އަަހަރަކީ ގޮންޖެހުން ބޮޑު 2 އަހަރަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްސަކޮށް ސިޔާސީ ވާދަވެރިކަމުގައި މިކުރެވޭ މަސައްކަތުން ރާއްޖެއަށް ޚާރިޖީދާއިރާއިން ބޮޑެތި ހުރަސްތަކާއި ކުރިމަތިލާން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. އިދިކޮޅު ފަރާތްތަކުން އިންޑިއާ އައުޓް ހަރަކާތް މެދު ކަނޑާނުލާނެކަމަށް ބުނަމުންދާއިރު، ސަރުކާރަށް މިކަމުގައި މިހާތަނަށް އަދި މާބޮޑު ވާހަކަތަކެއް ހާމަކުރެވިފައި ނުވެއެވެ.
އަދި އިދިކޮޅު ފަރާތްތަކުންނާއި ދިވެހި ގިނަ ރައްޔިތުން ސުވާލު އުފައްދަމުންދާ އެއްބަސްވުންތަކާއި، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި އަދަދުވެސް ސަރުކާރުން ވަނީ ހާމަކުރަން ފަސްޖެހިފައެވެ.
ކޮމެންޓު ފޮނުވާ