ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ޙައްޤައް ހުރަސް އެޅި، އެކުދިންގެ ޢަރަބި އިސްލާމީ މަންޙަޖުގެ ތަޢުލީމު އެކީއެކަށް ފުނޑުފުނޑު ވެގެން ދާނެހެން އެޑިއުކޭޝަނުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި ޢިބާރާތުންކުށްވެރި ކުރާކަމަށްބުނެ، ޢަރަބިއްޔާ ދަރިވަރުން އިއްޒުއްދީނަށްބަދަލުކުރުމަށް ބެލެނިވެރިން ދެކޮޅު ހަދައިފިއެވެ.
ޢަރަބިއްޔާ ސްކޫލް ޢިމާރާތުގައި ރެނދުލައި ބައެއް ތަންތަން ވެއްޓެމުންދާތީ އެއީ ރައްކާތެރި ޢިމާރާތެއްކަމަށް ނުވާތީ، އެޑިއުކޭޝަނުން ވަނީ ބެލެނިވެރިންގެ ނިންމާއި ދެކޮޅަށް ޢަރަބިއްޔާ ސްކޫލް ދަރިވަރުންގެ ކިޔެވުން ޢިއްޒުއްދީނަށް ބަދަލުކުރަން ނިންމާފައެވެ.
އެޑިއުކޭޝަންގެ އެ ނިންމުން ކުށްވެރިކޮށް ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ނެރުނު ބަޔާނުގައި ވަނީ، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޢިމާރާތް ހަލާކުވެ، އެ ޢިމާރާތުގެ ތަނބުތައް ފަޅައިގެން ގޮސް އޭގެ ބައިތައް ވެއްޓި ކުދިންގެ ހަށްޓަށާއި ފުރާނައަށް ނުރައްކާވާ ހިސާބަށް ތަނުގެ ޙާލަތު ގޮސްދާނެ ކަމަށްޓަކައި، 2018 ވަނަ އަހަރުން ފެށިގެން ގެންދިޔައީ އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަމުންކަމަށެވެ.
ނަމަވެސް އެއިން އެއްވެސް ކަމަކަށް އިޖާބަ ދެއްވުމެއް ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތް މަރާމާތު ކުރުމަށް ބަޖެޓު ނެތް ކަމުގެ ބަހަނާ ދެއްކެވުމަށް ފަހު، މިއަދާ ހަމައަށް ވެސް އެޑިއުކޭޝަނުން ޢަރަބިއްޔާގެ ޢިމާރާތް މަރާމާތު ނުކުރައްވައި ލަސްކުރައްވަމުން ގެންދެވިކަމީ ޢަރަބިއްޔާ ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން ޤަސްތުގައި އިހުމާލުވެލައްވާފައިވާ ކަމުގެ ސާފު ހެއްކެއްކަމަށް ޕީޓީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ހަމައެއާއެކު، 2021 ވަނަ އަހަރުގެ ކުރީކޮޅު ޢަރަބިއްޔާގެ ޢިމާރާތާ ގުޅޭ ގޮތުން ހެދުނު ވިޝުއަލް (Visual) އެސެސްމަންޓްގައި ދީފައިވާ ލަފަޔަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރެއްވުމެއް ނެތި، ޢަރަބިއްޔާ ދަރިވަރުން ޢިމާރާތަކަށް ބަދަލު ކުރުމުގެ ޢަމަލީ އެއްވެސް މަސައްކަތެއް ނުކުރައްވައި ތިބެ، އެކުދިންނަށް މިވަގުތު އެއްވެސް ކަހަލަ ނުރައްކަލެއް ނެތް ކަމަށް ރައްޔިތުންގެ މަޖްލީހުގައި، ދިވެހި އެންމެހާ ރައްޔިތުންގެ ކުރިމަތީގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވާކަން ފާހަގަކުރަމެވެ.
– ޢަރަބިއްޔާ ޕީޓީއޭ
ޕީޓީއޭގެ ބަޔާނުގައި ހަމަ އެދުވަހުގެ ހަވީރު ޢަރަބިއްޔާގެ ޕީ.ޓީ.އޭ ގެ އެކްސްކޯ އާ ބައްދަލު ކުރެއްވި ޖަލްސާގައި، މިހާރުން މިހާރަށް ވެސް ޢަރަބިއްޔާގެ ދަރިވަރުން ނުކުންނަން ޖެހިދާނެ ކަމަށާއި، އެކަމަށްޓަކައި ޢިއްޒުއްދީން ސްކޫލުން ޖާގަ ހައްދަވައިދެއްވާނެ ކަމުގައި މިނިސްޓަރ ވިދާޅުވުމުން، ޢިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމާމެދު ވަކި ގޮތެއް ނިންމޭނީ ޢަރަބިއްޔާގެ ބެލެނިވެރިންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ޕީ.ޓީ.އޭ ގެ އެކްސްކޯ އިން ދެންނެވުމުން، މިނިސްޓްރީން ނިންމަވާނީ ބެލެނިވެރިން ވެސް އެދޭ ގޮތަށް ކަމަށް ބުނެފައިވެއެވެ.
ބެލެނިވެރިންގެ މެދުގައި މަޝްވަރާކުރުމަށް ފުރުޞަތު ދެއްވާނެ ކަމަށް ވިދާޅުވުމަށްފަހު ދިމާ އިދިކޮޅަށް އެޑިއުކޭޝަން މިނިސްޓްރީން ޢަމަލުކުރައްވާފައިވާކަމީ، އެޑިއުކޭޝަން މިނިސްޓަރު ދައްކަވާ ވާހަކަފުޅުތަކުގެ ތެދުވެރިކަމާއި އަމާނާތްތެރި ކަމެއް ނެތްކަން ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.
ޢަރަބިއްޔާ ބެލެނިވެރިންނާއި މެނޭޖްމަންޓުގެ ފުރިހަމަ އިއްތިފާޤުން އެއްބަސްވެ، ޢިއްޒުންދީން ޢަރަބިއްޔާގެ ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ، ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމަށާއި، އެކަން އެހެންކޮށްފި ދަރިވަރުންގެ ކިޔެވުމަށާއި ސުލޫކަށާއި އެންމެހާ ކަންކަމަށް ބޮޑެތި ނުރައްކަލާއި ފޫނުބެއްދޭވަރުގެ ގިނަގުނަ ގެއްލުންތައް ވާނެކަމަށް ބެލެނިވެރިންނަށް ޔަޤީން ކުރެވޭކަމަށްވެސް ބަޔާނުގައިވެއެވެ. އެހެނީ، މާޒީގައި ޢަރަބިއްޔާގެ ދަރިވަރުންނާއި މުވައްޒަފުން ވަނީ ނުހަނު ހިތްދަތި ތަޖުރިބާތަކެއް ކޮށްފައިކަމަށްވެސް ބުނެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނިންމަވާފައިވާ ގޮތަށް، ޢިއްޒުއްދީން ސްކޫލުގެ ޢިމާރާތަށް ޢަރައްބިއްޔާގެ ދަރިވަރަކު ކިޔަވަން ގެންދެވެން ނެތް ކަމަށާއި، މި މައްސަލައަށް ހަމައެކަނި އޮތް ޙައްލަކީ، ޢަރަބިއްޔާގެ ދަރިވަރުންނާ އެކު އެހެން ދަރިވަރުން މައްސުނި ނުވާނެ ހެން، މާލޭގައި ހުރި އެތައް ބައިވަރު ބިންތަކާއި ޢިމާރާތްތަކުން ކޮންމެވެސް އެއް ތަނެއްގައި، ޢަރަބިއްޔާ ވަގުތީ ގޮތުން ނަމަވެސް ހިންގޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމެވެ.
– ޕީޓީއޭ ގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ފުރަމާލޭގެ އެހެނިހެން ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް ލިބިދީފައިވާ ފަދަ ހަމަހަމަ ފުރުޞަތެއް ޢަރަބިއްޔާގެ ދަރިވަރުންނަށް ކަށަވަރުވާނީ
ޢަރަބިއްޔާގެ ދަރިވަރުންނަށް ވެސް އެކަށީގެންވާ ފަދަ ދާއިމީ ބިމެއް، ރަސްމީ ލިޔެކިއުމުން ދެއްވުމުން ކަމުގައި ޕީ.ޓީ.އޭ އިން ނިންމައި، އެނިންމުން އެޑިއުކޭޝަން
މިނިސްޓްރީއަށް ސިޓީއަކުން ފޮނުވުމާ އެކު، ޖެހިގެން އައި ދުވަހު މިވަނީ ބެލެނިވެރިންގެ ނިންމުމާ ދިމާ އިދިކޮޅަށް މިނިސްޓްރީން ފައިޞަލާކޮށް ޢިއްޒުއްދީން
ޢަރަބިއްޔާގެ ދަރިވަރުން ބަދަލުކުރަން ނިންމަވާފައިކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން، ޢަރަބިއްޔާގެ ދަރިވަރުންގެ ޙައްޤުގައި، ބެލެނިވެރިން ކުރަމުންދާ މަސައްތަކާ ދެކޮޅަށް، ބެލެނިވެރިންގެ ނިންމުމަށް ގޮންޖައްސަވައި، ޢަރަބިއްޔާގެ ދަރިވަރުން ޢިއްޒުންދީން ސްކޫލަށް ގަދަކަމުން ބަދަލުކުރަން އުޅޭ ކަމުގެ ޚަބަރު ލިބުމާ އެކު، އެކަމުގެ ކަންބޮޑުވުން ރިވެތި ގޮތުގައި ފާޅުކޮށް، ޢިއްޒުންދީނަށް
ބަދަލުވުމުގައި ހުރި ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތައް ތަފްޞީލީ ގޮތެއްގައި ބަޔާންކޮށްދީ، މިކަމުގައި ރަނގަޅު ޙައްލަކަށް ވާޞިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖައްސަވައި ދެއްވުން އެދި ސިޓީ ލައިގެން އޭގެ ޖަވާބު ނުލިބި ލަސްވާތވެސް ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދެވަނަ ސިޓީއެއް ރައީސަށް އެރުވުމުން ވެސް އެއަށް ޖަވާބެއް ނުދެއްވައި، ދެން ފެނުނީ ޢަރަބިއްޔާގެ ދަރިވަރުންނާއި ޢިއްޒުއްދީން ސްކޫލުގެ ދަރިވަރުން އެއް ވަގުތެއްގައި ކިޔަވާ ގޮތަށް އެޑިއުކޭޝަނުން ނިންމެވި ކަމުގެ ބަޔާން ޢާއްމު ކުރެއްވި ތަނެވެ.
– ޕީޓީއޭގެ ބަޔާނުގައިވެއެވެ.
އެހެންކަމުން، ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ޙައްޤައް ހުރަސް އެޅި، އެކުދިންގެ ޢަރަބި އިސްލާމީ މަންޙަޖުގެ ތަޢުލީމު އެކީއެކަށް ފުނޑުފުނޑު ވެގެން
ދާނެހެން އެޑިއުކޭޝަނުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ބަޔާނުގައިވެއެވެ. އަދި އެއީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ނިންމެވުމެއް ނޫންކަމަށާއި، އެފަދަ އަނިޔާވެރި، ބޭއިންސާފު ނިންމެވުމަކަށް ކިޔަމަންވެ ޅަދަރިންގެ ޢަރަބި އިސްލާމީ ތަޢުލީމު ފަނާވެ ދިއުމަށް ޖާގަ ދެވެން ނެތް ކަމަށާއި، އެނިންމެވުމާ އެއްގޮތަށް ޢަމަލު ކުރެވެން ނެތް ކަމުގައިވެސް ބަޔާނުގައިވެއެވެ.
2 Responses
މިނިސްޓަރު މަޤާމުން އެއްފަރާތްވާންޖެހޭ.
މިނިސްޓަރު ދީނަށް ލޯބިނުކުރާކަމުގެ އެންމެ ފާޅުކަންބޮޑު ހެއްކަކީ، ބުރުގާއެއްގެ މިންވަރުވެސް އަޅުއްވަން ނޭނގުން.
ދިވެހިންގެ ދީނަށް ޚިދުމަތްކުރަން މިޒާތުގެ ބަޔަކު އެއްގޮތަކަށްވެސް ކަމުކުވާނުދޭ.
މަކަރާހީލަތުން އުފައްދާފާވާ ސަރުކާރެއްގާ ތެދުވެރި ކަމެއް އޮންނާނެތޯ؟ ވަޒީރަކަސް އަމީރަކަސް ރައީސަކަސް ވާނީ ދޮގުވެރީންނަށް.