މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލްކުރަން ނިންމި ނިންމުމަށް ޢަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ޢަމުރެއް ނެރެފިއެވެ.
ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލުން ބާތިލްކޮށްފައިވަނީ މިމަހުގެ 8 ގައެވެ. މިމައްސަލާގައި އެޗްޑީސީން ބުނެފައިވަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ރަޖިސްޓަރީ ބާޠިލް ކޮށްފައިވާކަން އަންގާ މާލެ ސިޓީ ކައުންސިލުން ވަނީ ސިޓީއަކުން އަންގާފައިކަމަށެވެ.
ހުޅުމާލެ ރަޖިސްޓްރީ ބާޔިލްކުރި މައްސަލަ ސިވިލް ކޯޓަށް ހުށައެޅީ އެޗްޑީސީންނެވެ.
މި މައްސަލާގައި ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ހުޅުމާލޭގެ ބިން އެޗްޑީސީއަށް މިލްކުވެފައި އޮތީ ހުޅުމާލެ ހިއްކަން ސަރުކާރުން ކުރި ޚަރަދާއި ނެގި ލޯނުތަކަށް އެ ކުންފުނިން ޒިންމާވާ ގޮތަށް ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް އެ ކުންފުންޏަށް ލިބިގެން ހިނގައިދާނެ ކަމަށް ސިވިލް ކޯޓުގެ ޢަމުރުގައިވެއެވެ.، އެ މައްސަލަ ނިމެންދެން މާލޭ ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަންގާކަމަށްވެސް ސިވިލް ކޯޓޫގެ ޢަމުރުގައިވެއެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ގެނައި ބަދަލާއިއެކު ކައުންސިލްތަކަށް ވަނީ ބޮޑެތި ބާރުތަކާއި އިޚްތިޔާރުތައް ލިބިދީފައެވެ. ލާމަރުކަޒީ ޤާނޫނުގެ 2-56ވަނަ މާއްދާގައި ވާގޮތުން، ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ ކައުންސިލަށެވެ. އަދި އެނޫން އެފަދަ ތަންތަނަކީ ދައުލަތުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކެވެ.
މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި، ޤައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށް ކަމުގައެވެ.
ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީވެސް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ހުންނަވައިގެންނެވެ.