ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބޭއްވުމަށް ނިންމާފައިވާއިރު އެ ޖަލްސާއަށް ނުގޮސް ޖަލްސާ ބޮއިކޮޓް ކުރަން އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.
މިއަދު ޖަލްސާ ބާއްވަނީ މިހާރު ތިއްބެވި އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ކުރުމަށްޓަކައެވެ. އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުންތަކާއެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހުއެވެ.
މިއަދު ބޭއްވުމަށް މަސައްކަތް ކުރާ ޖަލްސާއާއި ގުޅޭގޮތުން އިދިކޮޅުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީސް މިދައުރުގެ މަސައްކަތްތައް ނިންމާ ޗުއްޓީގައިވަނިކޮށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވަކިކުރުމަށް ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށެވެ.
ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވަނީ މަޖިލިސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަ މެމްބަރުން މާލެއިން ބޭރުގައިވަނިކޮށް އެ މެމްބަރުންނަށް ބައިވެރި ވުމުގެ ފުރުސަތުވެސް ނުލިބޭ ގޮތަށް އަދި މަޖިލީހުގައި އިދިކޮޅު ތަމްސީލުކުރާ މައިނޯރިޓީއާއި މަޝްވަރާވެސް ކުރުމެއްނެތިކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
މައިނޯރިޓީގެ ބަހެއް ނުހޯދާ ޖަލްސާ ބާއްވައިގެން މިފަދަ ބޮޑެތި ނިންމުންތައް ނިންމުމަކީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ޚިލާފު ކަމެއް. މިއީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް މިނިވަން މުއައްސަސާތަކަށް އޮތްކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއްކަމަށް މިކޯލިޝަނުން ދެކެން.
– އިދިކޮޅުން ބުނެފައިވެއެވެ.
އިދިކޮޅުން ބުނެފައިވަނީ އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމަކީ އެ މުއްއަސަސާގެ ބާރު ކަނޑުވާލާ، ޑިމޮކްރެޓިކް ހަމަތަކަށް މިސަރުކާރުން އެއްވެސް ކަހަލަ އިޙްތިރާމެއް ނުކުރާކަމުގެ ވަރަށް ބޮޑު ހެއްކެއްކަމަށެވެ. އަދި މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ތަޙްޤީޤީ އިދާރާއަކަށް ސަރުކާރުން މިހާރަށްވުރެވެސް ބޮޑަށް ނުފޫޒު ފޯރުވުމަށް ހިންގާ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް ކަމުގައެވެ.
އެހެންކަމުން މިކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މި ޖަލްސާ ބޮއިކޮޓް ކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.
– އިދިކޮޅުން ބުނެފައިވެއެވެ.