ޑިޖިޓަލް ވެކްސިން ކާޑު ރަސްމީކޮށް މާދަމާއިން ފެށިގެން ރާއްޖޭގައި ބޭނުންކުރަން ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިކާޑު ބޭނުންކޮށްގެން އެންމެ ފުރަތަމަ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރަށެވެ. ހެލްތު މިނިސްޓްރީން ބުނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ރާއްޖެއިން ސިންގަޕޫރާ ދެމެދު ކަރަންޓީންވުމަކާއި ދަތުރުކުރެވޭނެ އިންތިޒާމު ވަނީ އެކަމަށް ޚާއްސަ ޓްރެވެލް ލޭނެއް މެދުވެރިކޮށް މިހާރު ހަމަޖެހިފައިކަމަށެވެ. މިގޮތަށް ދަތުރުކުރެވޭނީ މިނިސްޓްރީ އޮފް ހެލްތުން ޤާއިމުކޮށްފައިވާ ކޯވިޑްސޭފް ޕޯޓަލް މެދުވެރިކޮށް ލިބޭ ރަސްމީ ކޯވިޑް-19 ޑިޖިޓަލް ވެކްސިން ސެޓްފިކެޓް އޮންނަ ފަރާތްތަކަށްކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ، މި ޕޯޓަލްއިން ކޯވިޑްސޭފް ސެޓިފިކެޓް ހޯދުމަށް ކޯވިޑްސޭފް.ގަވް.އެމްވީ އަށް އެމީހެއްގެ އައިޑީކާޑު ނަމްބަރާއި މޯބައިލް ނަމްބަރު ނުވަތަ އީމެއިލް މެދުވެރިކޮށް ލިންކަށް ވަނުމުން އެމީހެއްގެ ކޯވިޑްގެ ހާލަތު ފެނިގެންދާނެކަމަށެވެ. އެގޮތުން ޕީސީއާރް ޓެސްޓުގެ ނަތީޖާއާއި ކަރަންޓީނުގައި ހުރިނަމަ އެމަޢުލޫމާތާއި ވެކްސިންޖަހާފައިވާ ޑޯޒުގެ މަޢުލޫމާތުވެސް މިލިންކުން ލިބޭނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ، މިގޮތަށް ސިންގަޕޫރަށް ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކުން ޑިޖިޓަލް ވެކްސިން ސެޓިފިކެޓުގައި ހިމެނޭ ޝަރުތުތައް ފުރިހަމަވުމާއެކު 48 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓު ނަތީޖާއަކާއެކު ދަތުރުކުރެވޭނެކަމަށެވެ. އަދި ވެކްސިން ނުޖަހާ 12 އަހަރުގެ ނުވަތަ 12 އަހަރުން ދަށުގެ ކުޑަކުދިންނަށް މިޓްރެވެލް ލޭންގެ ދަށުން ދަތުރުކުރެވޭނީ އެކުދިންނަށް ކަނޑައެޅޭ ޝަރުތުތަކަށް އެއްބަސްވުމާއެކު ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ބޮޑު މީހަކާއެކުގައިކަމަށް އެމިނިސްޓްރީން ބުންޏެވެ.
މިއީ ހެލްތު މިނިސްޓްރީއިން ޤާއިމުކޮށްފައިވާ ޑިޖިޓަލް ވެކްސިން ކާޑު ރަސްމީކޮށް ބޭރު ޤައުމެއްގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރުކަމަށް އެމިނިސްޓްރީން ބުންޏެވެ.
ކަރަންޓީންވުމަކާ ނުލާ ދިވެހިރާއްޖެއިން ސިންގަޕޫރަށް ދަތުރުކުރެވޭނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ދޫކޮށްފައިވާ ކޯވިޑް19 ޑިޖިޓަލް ވެކްސިން ސެޓްފިކެޓެއް އޮންނަ ކޮންމެ ދިވެއްސަކަށްވެސް، ކަނޑައެޅިފައިވާ ވީ.ޓީ.އެލް ފްލައިޓްތަކުން ކޯވިޑް19 ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރެވޭނެއެވެ. މިދަތުރުތަކަށް ކޯވިޑް ޓެސްޓުކުރަންޖެހެނީ ދަތުރަށް ފުރާ ގަޑީގެ 48 ގަޑިއިރުގެ ތެރޭގައެވެ.
މި އުސޫލުގެދަށުން ސިންގަޕޫރަށް ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރީ ކުރަން ޖެހޭނެއެވެ.
އޮކްޓޯބަރުމަހު ސިންގަޕޫރުގައި ކޯވިޑްގެ ކޭސްތައް އިތުރުވުމަށްފަހު މިހާރު އަންނަނީ މަޑުމަޑުން އަދަދު ދަށަށްދަމުންނެވެ. އެގޮތުން ދުވާލަކު ރިޕޯޓްކުރި ކޭސްތަކުގެ އަދަދު 3000 އިން މަތީގައި ހުރުމަށްފަހު މިހާރުވަނީ 500 އަށް ތިރިވެފައެވެ.
ސިންގަޕޫރުގައި ވެކްސިން ޖެހޭ އާބާދީގެ %80މީހުން މިހާރުވަނީ ވެކްސިންވެސް ފުރިހަމަކޮށްފައެވެ. އަދި %10މީހުންވަނީ ވެކްސިންގެ ބޫސްޓަރ ޑޯޒްވެސް ޖަހާފައެވެ.
ކޮމެންޓު ފޮނުވާ