ޖިންސީ ގޯނާގެ މައްސަލައެއްގައި އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން 30 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ޖިންސީ ގޯނާގެ މައްސަލައެއްގައި އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން 30 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

Author
ހުސެއިން
13 ޑިސެމްބަރ 2021 05:30
0

ވ. ގާތިފް، ޙަސަން ޢަތޫފް، 2019 ވަނަ އަހަރުން ފެށިގެން އެކިދުވަސްމަތިން އިތުބާރު ކުރެވޭ މަޤާމެއްގައިހުރެ ކުޑަކުދިންތަކަކާމެދު ޖިންސީ ޢަމަލު ހިންގި މައްސަލައިގައި އޭނާގެ މައްޗަށް ކުރެވުނު ދައުވާތަކުގައި، ދައުލަތާމެދު ވެވުނު އިއުތިރާފްގެ އެއްބަސްވުމުގެ މައްޗަށް، 75 އަހަރުގެ ޖަލުހުކުމްގެ ބަދަލުގައި އޭނާ 30 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިތުބާރު ކުރެވޭ މަޤާމެއްގައިހުރެ އެކިދުވަސްމަތިން ކުޑަކުދިންތަކަކާމެދު ޖިންސީ ޢަމަލު ހިންގި މައްސަލައިގައި ޙަސަން ޢަތޫފްގެ މައްޗަށް 05 (ފަހެއް) ދަޢުވާއެއްކުރުމަށް 28 ޖޫން 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މިގޮތުން އޭނާގެ މައްޗަށް އެންމެ ފުރަތަމަ އފުލި ދައުވާތަކަކީ:

  1. އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން
  2. އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން
  3. ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުން
  4. މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން
  5. ގްރޫމްކުރުން

ޕީޖީ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ދަޢުވާލިބޭ މީހާ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވެ، ދައުލަތާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވެއެވެ. މި ގޮތުން ދަޢުވާލިބޭ މީހާއާއެކު ޝަރީޢަތުގައި ދައުލަތުން އެއްބަސްވެފައިވާނީ، މިމައްސަލާގައި ކޮށްފައިވާ 05 (ފަހެއް) ދަޢުވާގެ ތެރެއިން 02 (ދޭއް) ދަޢުވާއަކަށް އިޢުތިރާފުވެ، ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފު ދަމަހައްޓައިފިނަމަ، މި ފަސް ދަޢުވާގެ ތެރެއިން 03 (ތިނެއް) ދަޢުވާ އަނބުރާ ގެނައުމަށެވެ.

ދައުލަތާއެކު ހެދުނު އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމި ދަޢުވާތަކަކީ:

  1. ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުން
  2. މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން
  3. ގްރޫމްކުރުން

އަދި މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމި ދަޢުވާތަކަކީ:

  1. އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން
  2. އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން

ޕީޖީ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ ކުރިން 5 ދަޢުވާއަށް އެކު ޖުމްލަ ޖުމްލަ 76 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމުގެ ފުރުސަތު އޮތް ނަމަވެސް، އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅުނު އަދަބު ވަނީ، 2 ދަޢުވާއަށް އެކު ޖުމްލަ 30 އަހަރުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމަށް ބަދަލު ކުރެވިފައެވެ.

މި މައްސަލާގައި ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަފްސީލު ބަޔާން ކުރަމުން ޕީޖީ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމާއެއްގޮތަށް މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި އަދި ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާލިބޭ މީހާ ކުށަށް އިޢުތިރާފުވެފައިވާ ކަމުގައެވެ. އަދި ދައުލަތާ ދަޢުވާލިބޭ މީހާއެކު ވެވުނު އެއްބަސްވުމާ އެގޮތަށް، 13 ޑިސެންބަރު 2021 ދުވަހު ކްރިމިނަލް ކޯޓުގެ ޤާޟީ ދީބާނާޒް ފަހުމީ، ވ. ގާތިފް، ޙަސަން ޢަތޫފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، ޙަސަން ޢަތޫފް 30 އަހަރު ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމަށް ޙުކުމްކުރައްވާފައި ވާކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، މިމައްސަލަ ޢާންމު އުޞޫލުން ކުރިއަށްގެންގޮސްގެން ދަޢުވާތަށް ސާބިތުކޮށްދެވުންނަމަ 76 އަހަރުގެ ޙުކުމެއް އައީސް ކަމުގައެވެ. ނަމަވެސް އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން އަދަބު ވަނީ 30 އަހަރަށް ކުޑަކުރެވިފައި ކަމަށާއި، މި ނިޒާމަކީ ހުޅުވާލެވިފައިވާ މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި ވަރަށް ފުރިހަމައަށް ތަންފީޛްކުރަމުންދާ ނިޒާމެއްކަންވެސް ޕީޖީ އޮފީހުން ފާހަގަ ކޮށްފައި ވެއެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި، އެ އޮފީހުގެ އަމާޒަކީ ޕްލީ ބާރގެއިންގެ ތެރެއިން ވީހާވެސް ގިނަ މައްސަލަތައް ކުރިއަށްގެންގޮސް އަވަހަށް ނިންމުމެވެ. ސަބަބަކީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާއި، ކުށްތަކާގުޅިގެން އަނިޔާލިބޭ މީހުން އަދި މުޅި މުޖުތަމަޢުގެ މަޞްލަޙަތުވެސް ބޮޑީ މިފަދަ ނިޒާމަކުން އަވަހަށް މައްސަލަތައް ނިންމުމުގައި ކަމަށްވެސް އެއޮފީހުގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.