އެމްއެންޕީގެ މެނިފެސްޓޯ ތައްޔާރުކުރުމަށް ތ.އަތޮޅަށް ކުރި ދަތުރު ނިންމާލައިފި

އެމްއެންޕީގެ މެނިފެސްޓޯ ތައްޔާރުކުރުމަށް ތ.އަތޮޅަށް ކުރި ދަތުރު ނިންމާލައިފި

Author
މުޙައްމަދު ޖިމީ
13 ޑިސެމްބަރ 2021 11:29
0

ތ. އަތޮޅުގެ 6 ރަށަކަަށް ޒިޔާރަތްކުރުމަށް ފަހު އެމްއެންޕީގެ ރައީސް އަދި ލީޑަރޝިޕް ބައިވެރިވެވަޑައިގަންނަވާ ތ. އަތޮޅު ދަތުރު ނިންމާލައިފިއެވެ. މިމަހު ސެމްބަރ 9 ވަނަ ދުވަހު ފެށި 3 ދުވަހުގެ މިދަަތުރުގައި އެމްއެންޕީގެ ޓީމުންވަނީ ތ. އަތޮޅު ތިމަރަފުށި، ވޭމަންޑޫ، ކިނބިދޫ، އޮމަދޫ، ވަންދޫ އަދި ކަނޑޫދޫއަށް ޒިޔާރަތްކޮށްފައެވެ.

މި ދަތުރުތަކުގެ ތެރެއިން މަސްވެރިންގެ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އެޕާޓީގެ ރައީސް ވަނީ އެމްއެންޕީގެ ސަރުކާރެއްގައި މަސްވެރިކަމުގެ ތަޞައްވަރު އޮންނާނެ ގޮތް ވިދާޅުވެފައެވެ. ތިމަރަފުށީގައި ބޭއްވުނު މިބައްދަލުވުމުގައި ތ. އަތޮޅު ތިމަރަފުށި، އޮމަދޫ، ވަންދޫ، ވޭމަންޑޫ އަދި ވިލުފުށި ހިމެނޭހެން 5 ރަށަކުން މަސްވެރިން ވަނީ ބައިވެރިވެފައެވެ.

މިދަތުރުގައި އެމްއެންޕީގެ ޓީމުން ޒިޔާރަތްކުރި 6 ރަށުގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކޮށް، އެރަށްރަށުގެ ބައެއް ކަންކަމުގެ ޙާލަތު އޮޅުންފިލުވައި އެރަށްތަކުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ކޮންމެ ކައުންސިލަކީ ވެސް ފުދުންތެރި ކައުންސިލަކަށް ވުމަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ. އޭގެ އިތުރުން ބައެއް ރަށްރަށުގެ ޒުވާނުންނާއި ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އެރަށްރަށުގެ އިސްރަށްވެހިންނާ ބައްދަލުކުރެއްވިއެވެ.

މިބައްދަލުވުންތަކުގެ އިތުރުން، އެމްއެންޕީގެ ލީޑަރޝިޕުން ވަނީ ތ. ކަނޑޫދޫގެ ދަނޑުވެރި އާއިލާތަކާ ބައްދަލުކޮށް ދަނޑު ހެއްދުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ކައިރި މުސްތަޤުބަލެއްގައި އެމްއެންޕީގެ މެނިފެސްޓޯގައި ދަނޑުވެރިކަމުގެ ޞިނާޢަތް ބައްޓަން ކުރާނެ ގޮތް ޚިއްޞާކުރާނެ ކަމުގައި ޕާޓީގެ ލީޑަރޝިޕުން ފާހަގަކުރިއެވެ.

އެމްއެންޕީން މިވަގުތު މިކުރާ ދަތުރުތަކަކީ ޕާޓީގެ މެނިފެސްޓޯ ތައްޔާރުކުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތު އެއްކުރުމަށް ކުރާ ދަތުރުތަކެކެވެ. ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިފަދަ ދަތުރުތައް ބާއްވާ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވީހާވެސް ބޮޑަށް ހިމަނައިގެން ފުރިހަމަ މެނިފެސްޓޯއެއް ތައްޔާރުކުރުންކަމަށް އެޕާޓިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.