އައިޖީއެމްއެޗުން އާންމުންނަށް އިނގިލި ދިގުނުކޮށް، އާންމުންގެ އިތުބާރު ހޯދުން މާ އައުލާންބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު، ޑޮކްޓަރަށް ދައްކަން ނުދާ މީހުންގެ އަދަދު ގިނަ ކަމަށް ބުނެ އެ އަދަދާއެކު، އެ ހޮސްޕިޓަލުން ޓުވީޓް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އައިޖީއެމްއެޗުން ކުރަމުންދާ ޓުވީޓުތަކަށް ފާޑުވިދާޅުވެ ވައްޑެ ވިދާޅުވީ އާންމުންނަށް ފާޑުނުކިޔައި، އިތުބާރު ހޯދައި، ކުރެވޭ ކަންކަމުގެ ވާހަކަ ދެއްލުން މާ ރަނގަޅުވާނެކަމަށެވެ.
އާއްމުންގެ މައްސަލަތަކަށް އިނގިލި ދިއްކޮށްފައި ޓުވީޓް ކުރުމުގެ ބަދަލުގައި އާއްމުންގެ އިތުބާރު ހޯދަން ތިޔަތަނުގައި ކުރެވޭ މަސައްކަތުގެ ވާހަކަ ޓުވީޓް ކުރުން މާ އައުލާކަން ބޮޑު.
– ވައްޑެ ވިދާޅުވިއެވެ.
އާއްމުންގެ މައްސަލަތަކަށް އިނގިލި ދިއްކޮށްފައި ޓުވީޓް ކުރުމުގެ ބަދަލުގައި އާއްމުންގެ އިތުބާރު ހޯދަން ތިޔަތަނުގައި ކުރެވޭ މަސައްކަތުގެ ވާހަކަ ޓުވީޓް ކުރުން މާ އައުލާކަން ބޮޑު. https://t.co/OJivLW4lvt
— Waddey (@waddey_) December 9, 2021
އައިޖީއެމްއެޗުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު، ނުދާ މީހުންގެ އަދަދު މިދިޔަ ބުދަ ދުވަހު 189 އަށް އަރާ ކަމަށެވެ. އެއީ 38 ޕަސެންޓު މީހުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މިއީ މި ގޮތަށް އެ ހޮސްޕިޓަލުން މި އަދަދު ހާމަކުރި ފުރަތަމަ ފަހަރެވެ. އައިޖީއެމްއެޗުގެ ޓުވީޓަށް ގިނަ ބަޔަކު ރައްދު ދީފައިވާއިރު، މިއީ އާންމުންނަށް ކުރި ޖެއްސުމެއް ކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ.
އާބާދީގައި ލައްކައަކަށް ވުރެ ގިނަ މީހުން ހިމެނޭ މާލެ އިން ހިލޭ ބޭސްފަރުވާ ލިބޭ ހަމައެކަނި ހޮސްޕިޓަލަކީ އައިޖީއެމްއެޗެވެ. އެ ހޮސްޕިޓަލަށް ދައްކަން އަތޮޅުތަކު ތެރެއިން ވެސް ގިނަ ބަޔަކު މާލެ އަންނަ އިރު ޓެސްޓުތައް ހައްދަން ވެސް ދިގު ކިއޫއެއްގައި ގިނަ ދުވަސްތަކެއް ވަންދެން މަޑު ކުރަން ޖެހެއެވެ. އަދި ބޮޑެތި އޮޕަރޭޝަންތައް ނުކުރެވި ލަސްވާ ކަމުގެ ޝަކުވާ ވެސް އިންތިހާއަށް އޮވެއެވެ.
އައިޖިއެމްއެޗުން ވަނި ކިއުގައި ޖެހޭ މީހުންނަށް ޚިދުމަތް ދިނުމުގައި ފަސޭހަ މަގެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ކިއުގައި ޖެހިފައިވާ މީހުންނަށް ނަންބަރު ޖެހޭނެ ދުވަހެއް ދިނުމަށް ވަނީ ނިންމާފައެވެ. މިއާއިއެކު ނަންބަރު ނަގައިގެން ގިނަ ދުވަހު މާލެ އައިސް ބޮޑެތި ޚަރަދު ކުރަންޖެހޭ އަތޮޅު ތެރޭގެ ރައްޔިތުންނަށް ލުޔެއް ލިބިގެންދާނެކަމަށް އައިޖީއެޗުން ވަނީ ބުނެފައެވެ.