މައްސަލަ ހޫނުވެ ސިޓީ ކައުންސިލުން ހުޅުމާލެ ރަޖިސްޓްރީ ބާޠިލްކޮށްފި

މައްސަލަ ހޫނުވެ ސިޓީ ކައުންސިލުން ހުޅުމާލެ ރަޖިސްޓްރީ ބާޠިލްކޮށްފި

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި މާލެ ސިޓީ ކައުންސިލްގެ ކޯޅުން ބޮޑުވެ އެންމެ ފަހުން ހުޅުމާލޭގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާޠިލްކޮށްފިއެވެ.

ހުޅުމާލެ ރަޖިސްޓްރީ ބާޠިލްކުރުމަށް ހުށައެޅުއްވީ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝްއެވެ. މިއަދު އޮތް ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ހުޅުމާލެ ރަޖިސްޓްރީ ބާޠިލްކުރުމަށް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ވޯޓު ދެއްވި ކައުންސިލް މެންބަރުންގެ ތެރޭގައި އެމްޑީޕީގެ 2 ކައުންސިލަރަކުވެސް ހިމެނެއެވެ. އެގޮތަށް ފާސްކުރަން ވޯޓު ދެއްވި އެމްޑީޕީ ކައުންސިލަރުންގެ ތެރޭގައި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދާއި މައްޗަށް ގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ޟަމީރު ހިމެނެއެވެ.

މި މައްސަލައާއި ގުޅޭގޮތުން އޮންލައިން ނޫސް އަވަސްއަށް ނަރީޝް ވިދާޅުވެފައިވަނީ، ހުޅުމާލެ ރަޖިސްޓްރީ ބާތިލުކުރަން ނިންމީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހުޅުމާލެ ކަނޑައަޅާފައި އޮތް ނަމަވެސް ހުޅުމާލޭގެ އާންމު ހިދުމަތްތަކާއި މުނިސިޕަލް ހިދުމަތްތައް އެޗްޑީސީގެ ސަބަބުން ހުޅުމާލޭގައި ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް އެއްވެސް ކުރިއެރުމެއް ނުލިބުމުންކަމަށެވެ.

މި މައްސަލައަށް ރައީސް އޮފިހާއި އެލްޖީއޭއިންވެސް އަދި މަޖިލީހުންވެސް ހައްލު ހޯދަން ކުރި މަސައްކަތަށް އިޖާބަ ލިބިފައިނުވާކަމަށް ނަރީޝް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލާއި އެޗްޑީސީން ޚިޔާލު ތަފާތުވެފައިމިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިދިކޮޅު ޕީޕީއެމް އިން އަންނަ ހުކުރު ދުވަހު ބާއްވަން އުޅޭ ޖަލްސާއާއި ގުޅިގެންނެވެ. އެޗްޑީސީން ބުނީ އެކުންފުނީގެ ހުއްދަ ނެތި ޖަލްސާ ނުބޭއްވޭނެކަމަށެވެ. ނަމަވެސް އެ ޖަލްސާ ބާއްވަން ސިޓީ ކައުންސިލުން ވަނީ ޕީޕީއެމްއަށް ހުއްދަ ދީފައެވެ.

އެގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ "ކޮތަރުކޮށި" ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ އެޗްޑީސީގެ އެއްވެސް ހުއްދައެއް ނެތިކަމަށް އެޗްޑީސީން ބުންޏެވެ. ހުކުރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ޖަލްސާއާއި ގުޅޭގޮތުން އެޗްޑީސީން ބުނެފައިވަނީ މިޖަލްސާ ބާއްވާކަން އެނގިފައިވަނި މީޑިއާއިން ކަމަށެވެ. ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެޗްޑީސީއަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު އެޗްޑީސީން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިން މިކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނެފައިވަނީ މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެކޯޕަރޭޝަނަށް ހުށައަޅައިގެން އެހެން ފަރާތްތަކުންވެސް އަމަލު ކުރައްވާ އުސޫލުގެތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުޞަތު އޮންނާނެ ކަމުގައެވެ. އެހެންކަމުން އެގޮތަށް އަމަލު ކުރުމަށް ހުރިހާ ފަރާތްތަކަށްވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ނަމަވެސް ލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ސޮއިކުރައްވައި ޕީޕީއެމްގެ ރައީސް ޔާމީނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހުޅުމާލޭގެ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި "ކޮތަރުކޮށި" ނަމުގައި ބޭއްވުމަށް އެދިފައިވާ ޖަލްސާ ބޭއްވުމަށް މާލެ ސިޓީ ކައުންސިލްގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށެވެ.

މާލެ ސިޓީ ކައުންސިލާއި އެޗްޑީސީއާއިމެދު މިހާރުވެސް ހުޅުމާލޭގެ އިހްތިސާސްއާއި ގުޅޭގޮތުން ދެބަސްވުންތަކެއް އުޅޭއިރު، ޤާނޫނުގައި ބުނާގޮތުން ހުޅުމާލޭގެ އެންމެހައި ކަންކަން ބަލަހައްޓަން ޖެހޭނީ މާލެ ސިޓީ ކައުންސިލުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އެޗުޑީސީ މީހުންނަށް ތިއޮތީ ރާކަނިމަސް ކެވިފައެވެ. އަދިވެސް ބުނޭ ހުއްދަ ނުނަގައޭ ޖަލްސާ ބާއްވަނީ. ވަރަށް ތާހިރުވެއްޖެއެންނު. ދެން ލަލަލާ.

Leave a Reply

Your email address will not be published. Required fields are marked *