1،700 ހައުސިން ޔުނިޓް އަޅަން ބޭންކް އޮފް ޗައިނާ އިން ލޯނު ނުދޭން ނިންމައިފި

1،700 ހައުސިން ޔުނިޓް އަޅަން ބޭންކް އޮފް ޗައިނާ އިން ލޯނު ނުދޭން ނިންމައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން މާލޭ މީހުންނަށް ހާއްސަކޮށްގެން 1،700 ހައުސިން ޔުނިޓް އަޅަން ފެށި މަޝްރޫއަށް ބޭންކް އޮފް ޗައިނާ އިން ދޭން އެއްބަސްވި ލޯނު ނުދޭނެކަން އެ ބޭންކުން އަންގައިފިއެވެ.

ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ބިންގާ އެޅީ މާޗް 10، 2020 ގައެވެ. މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން އަޅަން ނިންމާފައިވާ އެ ފްލެޓްތަކުގެ މަޝްރޫއަށް ހަރަދުވާ 308.2 މިލިއަން ރުފިޔާގެ ތެރެއިން 85 ޕަސަންޓް ލޯނުގެ ގޮތުގައި ހަމަޖައްސައިދިނުމަށް ބޭންކް އޮފް ޗައިނާ އިން ކުރިން އޮތީ އެއްބަސްވެފައެވެ.

މަޝްރޫއަށް ފައިސާ ހޯދުމަށް ކޮންޓްރެކްޓަރު އެހެން ބޭންކުތަކާ މިހާރު ގެންދަނީ ވާހަކަދައްކަމުންނެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ އައިލްސް ވެބްސައިޓްގައިވާ ގޮތުން 1،700 ހައުސިން ޔުނިޓަށް ފައިނޭންސް ކުރާނެ ކަމަށް އަންގާ ބޭންކް އޮފް ޗައިނާ އިން ދޫކޮށްފައިވާ ފައިނޭސިން އޮފަ މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏެވެ. މި މަޝްރޫއަށް ބޭނުންވާ 308،177،181ރ. ގެ ތެރެއިން 85 އިންސައްތަ ބޭންކް އޮފް ޗައިނާ އިން ދޭނެ ކަމަށް ކުރިން އެއްބަސްވެފައި އޮތަސް އެ ބޭންކުން މިހާރު ވަނީ ފައިނޭސިން އޮފަ ވިތުޑްރޯކޮށްފައެވެ.

ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ހާމަކުރާ އައިލްސް ވެބްސައިޓްގައިވާ ގޮތުން މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި ކޮންޓްރެކްޓަރަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އަދި މިވަގުތު ކޮންޓްރެކްޓަރާ އެހެން ބޭންކަކާއި މަޝްވަރާ ކުރަމުން ދާކަމަށް ވެސް އޭގައިވެއެވެ.

އެޗްޑީސީއާ ހަވާލުކޮށްގެން ކުރީ ސަރުކާރުން އަޅަން ނިންމި 2،500 ފްލެޓްގެ ޑިޒައިނަށް ގެނައި ބަދަލާ އެކު މި ސަރުކާރުން ނިންމީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ދަށަށް މަޝްރޫއު ބަދަލުކޮށް 1،700 ފްލެޓް އަޅާށެވެ. މި މަޝްރޫއުގައި ހިމެނޭނީ 900 އަކަ ފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 650 އަކަފޫޓުގެ 680 އެޕާޓްމަންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *