ރައީސް ޔާމީނަކީ މަޖުބޫރު ކުރުމުންވެސް ޤައުމުދޫކޮށް ވަޑައިނުގެންނެވި ބޭފުޅެއް: ޝިޔާމް

ރައީސް ޔާމީނަކީ މަޖުބޫރު ކުރުމުންވެސް ޤައުމުދޫކޮށް ވަޑައިނުގެންނެވި ބޭފުޅެއް: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2021 10:45
0

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ އެމަނިކުފާނަށް ޖަލުހުކުމެއް ކޮށްގެން ޖަލުގައި ދުވަސްތައް ހޭދަ ކުރެއްވި ދުވަސްތަކުގައިވެސް ބޭރަށް ފުރައިގެން ދިއުމަށް މަޖުބޫރު ކުރުވިއިރުވެސް ރާއްޖެ ދޫކޮށް ފުރައިގެން ދިޔަ ބޭފުޅެއް ނޫންކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖެ ދޫކޮށް ފުރައިގެން ދާން އުޅޭ ކަމުގެ ހެކި ލިބިފައިވާ ކަމަށް ދައުލަތުން ވަނީ މިއަދު ބޭއްވި ރައީސް ޔާމީންގެ އަޑު އެހުމުގައި ބުނެފައެވެ. ދައުލަތުން ދެއްކި މިވާހަތަކާއި ގުޅިގެން ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަކީ ފިލައިގެންދާނޭ ބޭފުޅެއް ނޫންކަމަށް ޖަލުގައި ހޭދަ ކުރެއްވި 2 އަހަރު ދުވަހު ހާމަ ކޮށްދެއްވާފައިވާކަމަށެވެ.

ރައީސް ޔާމީނުވެސް އަދީބު ފިލައިގެން ދިޔަ ގޮތަށް ފިލައިގެން ގޮސްދާނެކަމަށް ވިދާޅުވަނީ އެއްވެސް ހަމަޔަކުން ނޫންކަމަށާއި، މިއީ ވަކި ނުފޫޒެއްގެ ދަށުން ދައްކަމުންދާ ވާހަކަތަކެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިއަދު ދައުލަތުން ކަންކަން ކުރަމުންދާ ގޮތުން ދިވެހި ރައްޔިތުން ނުހަނު ބޮޑަށް ލަދު ގަންނަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ދަޢުލަތް އުޅޭގޮތުން ރައްޔިތުން އެބަ ބޮޑުކޮށް ލަދުގަނޭ. ރައީސް ޔާމީންއަށް މަޖުބޫރުކުރުމުންވެސް ޤައުމުދޫކޮށް ވަޑައިނުގެންނެވި. އަދީބު ވަގަށް ފިލަންއެރީ ޓަގު ބޯޓަކަށް. އެއްހަމަ އަކުން މިނީ ސިޔާސީ އޯޑަރަށް. ދަޢުލަތެއް ސަރުކާރުވާނީ މިހާވަރަށް.

– ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމުގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވިދާޅުވީ ޝަރީއަތް ނިމެން ދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވަނީ ކުށެއްކޮށްފައިވާ ކަމުގެ ހެކި އެކަށީގެންވާ ވަރަށް ހުރުމުން ކަމަށެވެ. އަދި ރާއްޖެ ދޫކޮށް ފިލައިގެން ދިއުމުގެ ހެކި ވެސް ހުރި ކަމަށާއި ކުރީގެ ރައީސްކަން ވެސް ކުރައްވާފައި ވާތީ ފިލައިގެން ހިނގައްޖެނަމަ އަނބުރާ ގެންނަން އުނދަގޫވާނެ ކަމަށެވެ. އަދި ކުރީގެ ރައީސްކަން ކުރައްވާފައި ވުމުން ބޭރުގެ ފަރާތްތަކާއި ގުޅުންތައް އޮންނާނެ ކަމަށް ވެސް ދައުލަތުގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

ޕީޖީގެ ވަކީލް ވިދާޅުވީ, ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދިފައިވަނީ, އެކަން ކުރަން ޖެހޭ ހުރިހާ ސަބަބުތަކެއް ހުރުމުން ކަމަށެވެ. ކުށެއްކޮށްފައިވާ ކަމުގެ އެކަށީގެންވާ ހެކި ލިބިފައިވޭ ކަމަށް ވިދާޅުވިއެވެ.

އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅޭ ކަމުގެ ހެކި ލިބިފައިވޭ.

– ޕީޖީގެ ވަކީލް ވިދާޅުވިއެވެ.

މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މިއަދު ހަވީރު 4:00 ޖަހާއިރު މި މައްސަލައާ ގުޅޭ ގޮތުން އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެއީ ގޮތެއް ނިންމަވާފައި އިއުލާން ކުރައްވަން ބާއްވާ އަޑުއެހުމެކެވެ.

ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި މި ވަނީ، މީގެ ކުރިން ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާގައި ދަށު ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވެފައިވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.