ޑޯޓްމަންޑް ބަލިކޮށް ބަޔާނުން އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި

ޑޯޓްމަންޑް ބަލިކޮށް ބަޔާނުން އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި

ޖަރުމަނު ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް، ޗެމްޕިއަން ބަޔާން މިއުނިކުން އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބުކުރީ ފަހަތުން އަރައި 2-3 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޑޯޓްމަންޑުންނެވެ. މެޗު ފަށައިގެން 5 ވަނަ މިނެޓުގައި ޑޯޓްމަންޑަށް މި ލަނޑު ކާމިޔާބުކޮށްދިނީ، ހޫލިއަން ބްރަންޑްޓްއެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ބަޔާނުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ބަޔާންއަށް ކާމިޔާބުކޮށްދިނީ، ރޮބަޓް ލެވަންޑޯސްކީއެވެ. އަދި ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކިންގްސްލީ ކޯމަން ވަނީ ބަޔާންގެ ދެވަނަ ލަނޑު ޖަހައި، އެޓީމަށް ލީޑު ނަގައިދީފައެވެ.

ނަމަވެސް މެޗުގެ ދެވަނަ ހާފް ފަށައިގެން ތިންވަނަ މިނެޓުގައި ޑޯޓްމަންޑުން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޑޯޓްމަންޑަށް ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑް، އާލިން ބްރައުޓް ހާލަންޑްއެވެ. މި މެޗުން ބަޔާން މޮޅުކޮށްދިން ލަނޑު މެޗުގެ 77 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ، ލެވަންޑޯސްކީއެވެ.

މި މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ބަޔާނުން ހަތަރު ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 14 މެޗުން 34 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ޑޯޓްމަންޑަށް 14 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *