ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާރވިސް ލިމިޓެޑް (އައިއޭއެސް) އިން އަހަރީ ފީގެ ގޮތުގައި ދައްކަން ކަނޑައަޅާފައި އޮންނަ ފައިސާ ދައްކަން އޮންނަ މުއްދަތުގައި ދައްކާފައިވާނެކަމަށް އެކުންފުނިން ބުނެފިއެވެ.
އައިއޭއެސްއިން މިހެން ބުނެފައިމިވަނީ، އަހަރީފީ ނުދައްކައިގެން އުވާލާ ކުންފުނިތަކުގެ ލިސްޓުގައި ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި އައިލެންޑް އޭވިއޭޝަން ހިމެނިފައިވަނިކޮށެވެ. އައިއޭއެސްއިން ބުނީ، ކުންފުނިތަކުގެ އަހަރީ ފީގެ ގޮތުގައި ދައްކަން ކަނޑައަޅާފައި އޮންނަ ފައިސާ ދައްކަން އޮންނަ މުއްދަތުގައި އެކުންފުނިން ދައްކާފައިވާނެކަމަށެވެ. އެހެންކަމުން އެކަން އެންމެހާ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާކަމަށްވެސް ބުނެފައިވެއެވެ.
ކުންފުނިތަކުގެ އަހަރީ ފީގެ ގޮތުގައި ދައްކަން ކަނޑައަޅާފައި އޮންނަ ފައިސާ ދައްކަން އޮންނަ މުއްދަތުގައި މިކުންފުނިން ވާނީ ދައްކާފައެވެ. މިކަން އެންމެހާ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާލީމެވެ.
— Maldivian (@MaldivianAero) December 2, 2021
އިއްޔެ އިކޮނޮމިކް މިނިސްޓްރީން އާންމު ކުރި ލިސްޓުގައި އަހަރީފީ ނުދައްކާ 3،967 ކުންފުންޏެއް އުވާލުމަށް ނިންމާފައިވާ ކަމަށެވެ. އުވާލުމަށް ނިންމާފައިވާ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް ހިންގުމަށް ބޭނުންވާނަމަ އެކުންފުންޏަކުން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިލްތިމާޒްތަކެއް ފުރިހަމަ ކުރުމަށްފަހު އަންނަ އަހަރުގެ ޖެނުއަރީ 31ގެ ކުރިން އެކަން އަންގައިދޭ ލިޔެކިޔުންތަކާއެކު ކުންފުނި ހިންގަން ބޭނުންވާކަން އަންގައި އެ މިނިސްޓްރީގެ ބިޒްނަަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށްވެސް މިނިސްޓްރީން މިހާރުވަނީ އަންގާފައެވެ.
އުވާލަން ކަނޑައަޅާފައިވާ ލިސްޓުގެ 1754 ވަނާގައި އައިލެންޑް އޭވިއޭޝަންގެ ނަން ހިމަނާފައިވެއެވެ. މިކަމާއި ގުޅިގެން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒުވެސް ވަނީ އައިލެންޑް އޭވިއޭޝަންގެ ނަން މިލިސްޓުގައި އޮތުމުން އެއީ އޮޅުމަކުން ވީކަމެއްތޯ ސުވާލު އުފައްދާފައެވެ.
Aharee fee nudhakkaigen uvaalaa kunfuni thakuge list iyye gazette kuri iru, eyge thereygai “Island Aviation Services Ltd” himeney! Mee olhumehbaa?! @MaldivianAero pic.twitter.com/TvhMQlJcFH
— Ahmed Muizzu (@AhmedMuizzu) December 2, 2021
އައިލެންޑް އޭވިއޭޝަން އުވާލާ ކުންފުނިތަކުގެ ލިސްޓުގައި އޮތްއިރު، އެކުންފުނީގެ ހިންގުން ގޯސްވެފައިވާކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވެއެވެ. މީގެ އިތުރުން އެ ކުންފުނީގައި މަސައްކަތްކުރާ ޕައިލެޓުންގެ މުސާރަ ކުޑަވެގެންވެސް އެ މުވައްޒަފުން ހިތްހަމަ ނުޖެހުންވެސް ފާޅުކޮށްފައިވެއެވެ.