ވައިގެ މަގުން، ރާއްޖެއަށް 18 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް، ހައްޔަރުކުރި ބްރެޒިލް ދެމަފިރިންގެ ތެރެއިން އަންހެން މީހާ ދޫކޮށްލައިފިއެވެ.
މިއަންހެން މީހާއާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ބްރެޒިލްގެ އުމުރުން 28 އަހަރުގެ ފިރިހެނަކު މިދިޔަ ނޮވެމްބަރު ދެވަނަ ދުވަހު 2 ވަނަ ދުވަހު ހައްޔަރުކުރީ އެމީހުން ރާއްޖެ އައި ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިބި ކަސްޓަމްސް އޮފިސަރުން އެ މީހުންގެ ލަގެޖު ބަލައި ފާސްކުރުމަށްފަހުއެވެ.
މިތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ޓެސްޓުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންކަން ވަނީ ޔަގީން ވެފައެވެ. މި މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގައި ބަރުދަނުގައި 18.857 ކިލޯގެ ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގު 94 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރައްވައެވެ.
އަންހެންމީހާގެ ބަންދާއިމެދު ގޮތެއް ނިންނުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައެވެ. ކޯޓުން މިއަދު އެއްވެސް ޝަރުތަކާ ނުލައި އެ އަންހެން މީހާ ދޫކޮށްލާފައި މިވަނީ އޭނާ ބަންދުގައި ހުންނަތާ 29 ދުވަސް ފަހުންނެވެ. މިމައްސަލާގައި ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މީގެކުރިން އޭނާ ކޯޓަށް ހާޒިރުކުރުމުން ފިރިހެން މީހާ ވެސް ވަނީ ލަގެޖުގައި ހުރި ތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް އިންކާރުކޮށްފަ އެވެ. އެކަމަކު މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓުން ވަނީ ފިރިހެން މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.