ރާއްޖެއިން އިތުރު 107 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާހަމައަށް މި ބައްޔަށް ޕޮޒިޓިވްވި 107 މީހުންގެ ތެރެއިން 74 މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 24 މީހުންނެވެ. އަދި ރިސޯޓްތަކުން 9 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 91،650 އަރާފައެވެ.
ކޯވިޑް ޖެހިގެން މިވަގުތު 1،613 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 11 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރު 227 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 89،774 އަށް އަރާފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،561 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 250 މީހަކު ވަނީ ނިޔާވެފައެވެ.
ކޯވިޑްގެ އައު ވޭރިއެންޓެއް އެފްރިކާގެ ޤައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަތީ ދުނިޔޭގެ އެކި ކަންކޮޅުގައި އަންނަނީ އަނެއްކާވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ރާއްޖެއިންވަނީ އެފްރިކާގެ 7 ޤައުމަކުން މީހުން އެތެރެވުން މަނާކޮށްފައެވެ.
އެފްރިކާއިން އަލަށް ފެނުނު ވޭރިއަންޓަށް "އޮމިކްރޯން"ގެ ނަން ދީ މިއީ ކޯވިޑްގެ ކަންބޮޑުވާންޖެހޭ ބާވަތެއްގެ ވޭރިއަންޓެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ.