ޤާނޫނު އަސާސީއަށް ގެންނަންޖެހޭ ވަރަށް ގިނަ އިޞްލާހުތައް އެބަހުރިކަމަށާއި، ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިޞްލާހުކުރާނީ އެއްފަހަރާ އެ އިޞްލާހު ގެންނަވަގުތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށްފަހު ބާއްވާ އާސްކް ސްޕީކާގެ 4 ވަނަ ޕްރޮގްރާމްގައި އަޙްމަދު ޙައިލަމް ކިޔާ ބޭފުޅަކު ވަނީ ޖޭއެސްސީ އިޞްލާހުކުރުމުގެ ވަޢުދަކީ ޕާޓީއަށް ވެރިކަން ގެއްލޭ ހިސާބަށް ދިއުމުން ފުއްދަން ވީ ވަޢުދެއްތޯ ސުވާލުކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އަސާސީ ވަރަށް ގިނަ ކަންކަމާއި، ތަނަވަސްކަމާއި އިންސާފުވެރި ޝަރީޢަތެއް ރައްޔިތުން ބޭނުންވާކަމަށެވެ. ވާދަވެރިންވެސް ޚާއްޞަކޮށް ރައީސް ޔާމީން މިނިވަންކުރުމަށް މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމުގެ ގަޒިއްޔާއާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ކޯޓްތައް އިޞްލާހުވަމުން އަންނަކަމަށް ޤަބޫލުކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ބޭނުންވާ ވަަރަށް ގިނަ ސަބަބުތައް އެބަހުރިކަމަށާއި، އޭގެ ތެރޭގައި ޖޭއެސްސީވެސް އިޞްލާހުކުރުމާއި، ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށާއި، ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާގޮތް ބަދަލުކުރުމަށްވެސް އަދި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށްވެސް ވަރަށް ގިނަ ބަޔަކު ބޭނުންވާކަމަށެވެ. ޤާނޫނު އަސާސީއަށް އެއްފަހަރާ ގިނަ ބަދަލު ތަކެއް ގެންނަ ވަގުތު ޖޭއެސްސީއަށްވެސް ބަދަލު ގެންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ދައުރު ނިމުމުގެ ކުރިން އެ ކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ރައީސް ނަޝިދުވެސް ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ އެމްޑީޕީ އެޖެންޑާ 19ގެ ވަޢުދެއްކަން ފާހަގަކުރައްވާ އެ ވަޢުދު ފުއްދާނެކަމަށްވެސް ވިދާޅުވެފައެވެ.
ޖޭއެސްސީ އިޞްލާހުކުރުމުގެ ވަޢުދު މިހާތަނަށް އައި އިރު ވެސް ޖޭއެސްސީގެ އެކުލެވުން އެ އޮތް ގޮތަށް ބާއްވައިގެން ކުރިއަށް ދާތީ އާންމުންގެ ގިނަ ފާޑުކިއުމެއް އެމްޑީޕީއަށާއި ސަރުކާރަށް ދަނީ އަމާޒު ކުރެވެމުންނެވެ. އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަނީ އެއީ ޖުޑިޝަރީ އިސްލާހު ކުރުމުގެ އެޖެންޑާގެ އެންމެ ފަހަށް އޮތް މަސައްކަތް ކަމުގައެވެ.
ކޮމެންޓު ފޮނުވާ