އޮސްޓްރިއާ އާއި، އަފްޣާނިސްތާނުގައި ދިން ޙަމަލާތައް މިނިސްޓަރ ޝާހިދު ކުށްވެރިކުރައްވައިފި

އޮސްޓްރިއާ އާއި، އަފްޣާނިސްތާނުގައި ދިން ޙަމަލާތައް މިނިސްޓަރ ޝާހިދު ކުށްވެރިކުރައްވައިފި

Author
މުޙައްމަދު ޖިމީ
03 ނޮވެމްބަރ 2020 11:07
0

އޮސްޓްރިއާގެ ވެރިރަށް ވިއެނާގެ އެކި ސަރަހައްދުތަކުގައި ރޭ ދިން ބަޑީގެ ހަމަލާތައް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ކުށްވެރިކުރައްވައިފިއެވެ.

މި ޙަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އޮސްޓްރިއާ އާއެކު ކަމަށް، މިނިސްޓަރ ޝާހިދު ވަނީ އޮސްޓްރިއާގެ ޚާރިޖީ ވަޒީރު އެލެގްޒެންޑަރ ޝެލެންބަރގްއަށް ދަންނަވާފައެވެ. އަދި ދިވެހިރާއްޖެއިން ހުރިހާ ބާވަތެއްގެ ޓެރަރިޒަމް ކުށްވެރިކުރާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކާބުލް ޔުނިވަރސިޓީއަށް ހަތިޔާރު އެޅި ބަޔަކު ވަދެ ހަމަލާ ދީ، އެތައް ބަޔަކު މަރާލި ހާދިސާ ކުށްވެރިކުރައްވައި، އަފްޣާނިސްތާނުގެ ވަގުތީ ޚާރިޖީ ވަޒީރު މުހައްމަދު ހަނީފު އަތުމާރް އަށް މިނިސްޓަރ ޝާހިދު ވަނީ މެސެޖެއް ފޮނުއްވާފައެވެ. މި މެސެޖްގައި، ހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެން، ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ރާއްޖެއިން ކުށްވެރިކުރާކަމަށް ވިދާޅުވިއެވެ. އަދި އަފްޣާނިސްތާނުގައި އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމަށް އެގައުމުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރާއި ރައްޔިތުން، އަފްޣާނިސްތާން ސަރުކާރާއެކު އޮތްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އޮސްޓްރިއާގެ ވެރިރަށް ވިއެނާގެ އެކި ސަރަހައްދުތަކުގައި ރޭ ދިން ބަޑީގެ ހަމަލާތަކުގައި  4 މީހަކު މަރުވެ، 17 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަދި އަފްޣާނިސްތާނުގައި ދިން ޙަމަލާގައި 19 މީހުން މަރުވެފައިވެއެވެ. މިއީ އަފްޣާނިސްތާނުގައި ތައުލީމީ މަރުޒަކަށް 1 ހަފްތާ ތެރޭ ދިން މިފަދަ ދެވަނަ ޙަމަލާއެވެ. މީގެ ކުރިން ދިން ޙަމަލާއާއި ގުޅިގެންވެސް މިނިސްޓަރ ޝާހިދު ވަނީ ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.