ދިވެހިރާއްޖެ ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީގައި ވެރިކަން ކުރެއްވި އެހެން ގިނަ ވެރިންނެކޭ އެއްފަދައިން، ވެރިކަމުގެ ދައުރު ނިމި ދިއުމަށްފަހު ރައީސް ޔާމިނަށްވެސް ޖެހިވަޑައިގެންފައިވަނީ، ޖަލުގެ ތޭރިތަކުގެ ފަހަތަށް ވަޑައިގެންގެންނެވުމަށެވެ.
މިގޮތުން، އެމަނިކްފާނުގެ މައްޗަށް ކުރެވިގެން ގޮސްފައިވާ މަނީ ލޯންޑެރިންގެ ދައުވާ ސާބިތުވާކަމަށް ނިންމާ، ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފީ މަރުހަލާތައްވެސް ނިމި، ދަށު ކޯޓުތަކުގެ ހުކުމުގެ ސައްޙަ ކަމާމެދު ސުޕްރީމް ކޯޓުން މިވަނީ ފައިސަލާ ކުރުވަނިވި ހުކުމް އިއްވުމަށް ތައްޔާރު ވެފައެވެ. އަދި މާދަމާގެ ވަގުތެއްގައި މިމައްސަލާގައި ހުކުމް ކުރެއްވުމުގެ މަޖިލިސް ސުޕްރީމް ކޯޓުގައި ބޭއްވުމަށް މިވަނީ ތާވަލުވެސް ކުރެވިގެން ގޮސްފައެވެ.
އެތައ ދުވަހަކަށް ދިގު ދެމިގެން ގޮސްފައިވާ މިޝަރީއަތުގެ ބޮޑުބައެއްގައި، ދުވަސްތައް ޖަލުގައި ހޭދަ ކުރެއްވުމަށްފަހު، ފާއިތުވެދިޔަ މަސްތަކުގައި ގޭ ބަންދުގައި ހުންނަވައިގެން ހުކުމް ތަމްފީޒު ކުރައްވަމުން ގެންދަވާފައި ވާއިރު، ރައީސް ޔާމިންގެ މައްޗަށް މާދަމާ ސުޕްރީމް ކޯޓުން ކުރުމަށް މިހާރު ނިންމާފައިވާ ހުކުމަކީ އެ ހުކުމަކަށް އެތައް ދުވަހެއް ވަންދެން ގިނަބަކު އިންތިޒާރު ކުރަމުން އައިސްފައިވާ ހުކުމެއްވެސް މެއެވެ.
އަދި ހަމަ އެއާއެކު، ސުޕްރީމް ކޯޓުން ރައީސް ޔާމިންގެ މައްސަލާގައި މާދަމާ އިއްވުމަށް މިހާރު ތައްޔާރު ވެފައިވާ ޝަރުޢީ ހުކުމަކީ، ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން މި މައްސަލާގައި ދައުލަތަށްވެސް އަދި ރައީސް ޔާމީނަށް އިންސާފު ހޯދުމަށް ލިބިގެންދާނެ ފަހު ފުރުސަތު ކަމަށްވާތީ، ގިނަ ބަޔަކު ދެކޭގޮތުގައި މި ހުކުމަކީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާއި ގުޅި ލާމިގެންދާނެ ހުކުމަކަށް ވެގެން ދިއުމުގެ އިތުރުން، މި ހުކުމް ވެގެންދާނީ އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން 2023ގެ ރިޔާސީ އިންތިޚާބާވެސް ގުޅި ލާމެހިގެންދާނެ ހުކުމަކަށެވެ. ސަބަބަކީ، މާދަމާ ސުޕްރީމް ކޯޓުން ރައީސް ޔާމިންގެ މައްޗަށް އިވާ ހުކުމުގެ ނަތީޖާއެއްގެ ގޮތުން، 2023ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ރައީސް ޔާމިނަށް ވާދަ ކުރެވެން ވާނޭކަމަށް އެ ޕާޓީގެ ލިޑަރޝިޕުން ކުރަމުންދާ އުއްމީދުތަކަށްވެސް މާދަމާ ފުރިހަމަ ޖަވާބެއް ލިބިގެން ދާނެތީވެސްމެއެވެ..
ސުޕްރީމް ކޯޓުގެ މިހާރުގެ ބެނޗުގެ ފުރަތަމަ ބޮޑު ތަޖުރިބާ!
ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، އަދި އޭގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާތައް ސާބިތުވެ، 5 މިލިއަންޑޮލަރުން ޖޫރިމަނާކޮށް އަދި ރައީސް ޔާމިން ޖަލަށް ލާން ދިވެހިރާއްޖޭގެ ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 8ވަނަ ދުވަހުއެވެ.
އެއަށްފަހު މި ހުކުމްގެ އިސްތިއުނާފްގެ މަރުހަލާތައް ކަޑައްތުކޮށް، ސުޕްރީމް ކޯޓުން މިހުކުމާމެދު މާދަމާ ގޮތް ނިންމަވާއިރު، މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދަށު ކޯޓުން މިމައްސަލާގައި އިއްވި ހުކުމަށް މިވަނީ 2 އަހަރު ފުރިގެން ގޮސްފައެވެ.
މިގޮތުން ފާއިތުވި ދެއަހަރުގެ ތެރޭގައި، އިސްތިއުނާފްގެ މަރުހަލާތަކުގައި، މިމައްސަލާގައި ރައީސް ޔާމީނަށް ނާކާމިޔާބީއާއި ކުރިމަތި ލައްވަން ޖެހިވަޑައިގެންފައިވާއިރު، މިއީ މިސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު އެކީ ބަދަލު ކުރުމަށްފަހު، މިހާރު އައްޔަން ކުރެވިފައިވާ އާ ފަޑިޔާރުންނަށް ސުޕްރީމް ކޯޓުގައި ފައިސަލާ ކުރަން ޖެހިފައިވާ އެންމެ "ހައި ޕްރޮފައިލް" މައްސަލަކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ. ސަބަބަކީ، ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް، އަދި ހުކުމެއް ތަންފީޒު ކުރައްވަމުން ދިއުމާ ގުޅިގެން، ރައީސް ޔާމިންގެ ދައުރުގައި ގާނޫނަށް ގެނެވުނު އިސްލާހަކާއި އެއްގޮތްވާ ގޮތުން، ގާނޫނީ ގޮތުން ޕާޓީގެ ލީޑަރަށް ވެވަޑައި ނުގެންނެވުނު ނަމަވެސް، ހަގީގަތަކީ މާދަމާ ހުކުމް ކުރެވިގެން ދަނީ، ކުރީގެ ރައީސެއްގެ އިތުރުން، އިދިކޮޅު ލީޑަރުގެ މައްޗަށް ކަމެވެ.
އެހެންކަމުން، މާދަމާގެ ހުކުމުން ދައްކުވައިދޭނެ ނަތީޖާއަކީ، ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމްއިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާވެސްމެއެވެ. އޭގެ އިތުރަށް، މަނީ ލޯންޑަރ ކުރުން ފަދަ ސީރިއަސް ތުހުމަތެއްގައި ބޮޑު ހުކުމަކާއި އަދި އާދަޔާ ޚިލާފު ބޮޑު ޖޫރިމަނާއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ކުރީގެ ރައީސެއްގެ މައްޗަށް އިންސާފު ގާއިމް ކުރެވިގެންދާ ގޮތާއި މިންވަރެވެ.
އަދި މި ނަތީޖާ ނުކުމެދާނެ ގޮތަކާ ގުޅޭގޮތުން މިއަދުވެސް އެއް ބަޔަކު މާޔޫސްކަމުގެ ނަޒަރަކުން ދެކެމުންދާއިރު، އަނެއްބަޔަކު އުއްމިދީ ނަޒަރަކުން ދެކެމުންދަނީ ސަބަބަތަކެއް ނެތިއެއް ނޫންކަމުގައި ދަންނަވަން ޖެހެއެވެ..
ސަބަބަކީ މިފަދަ ގިނަ މައްސަލަތަކުގައި މާޒީވެ ދިޔަތަނުގައި ކަން ހިގާފައިވާ ގޮތެވެ. ޚުދު ރައީސް ޔާމިންގެ ދައުރުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުން ސިޔާސީ މީސްމީހުންގެ މައްޗަށް ކޮށްފައިވާ ސިޔާސީ ހުކުމްތަކެވެ. އަދި ވަކީން ޚާއްސަކޮށް އޭރުގެ ސުޕްރީމް ކޯޓުން، ސިޔާސީ އެތައް ބައެއްގެ މައްސަލަތައް ނިންމުމުގައި ކަން ކޮށްފައިވާ ގޮތާއި އަދާ ކޮށްފައިވާ ދަރުގެ ސަބަބުން، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާއިމެދު އާންމު ރައްޔިތުންގެ ހިތްތަކުގައި އުފެދިގެން ގޮސްފައިވާ ޝައްކުތަކާއި ވަހުމްތަކާއި އަދި ގެއްލިގެން ގޮސްފައިވާ އިތުބާރު މިއަދާ ހަމައަށްވެސް އިއާދަ ކުރެވިގެން ގޮސްފައި ނުވާތީވެސްމެއެވެ.
ރައީސް ޔާމިން މިނިވަން ވުމުގެ ފުރުސަތު އޮތީ ކިހާވަރަކަށް؟
ރައީސް ޔާމިންގެ ހުކުމާއި ގުޅޭގޮތުން އެކި ފަރާތްތަކުގެ އުދާސްތައް އެކި ގޮތަށް ހުރި ކަމުގައި ވިނަމަވެސް، އަދި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާ ގުޅޭގޮތުން އިއްޔެއާއި މިއަދުވެސް ކިތަންމެ ބޮޑު ޝަކުވާތަކެއް ހުރިކަމުގައި ވިނަމަވެސް، މިއަދު ގަބޫލުރަން ޖެހިފައިވާ އެއް ހަގީގަތަކީ، ރައީސް ޔާމިންގެ މައްޗަށް އިއްވިފައިވާ ހުކުމުގެ އެންމެ ފަހުބަސް އިވާ، މިހާރުގެ ސުޕްރީ ކޯޓުގައި އޮތީ މި ސަރުކާރު ވެރިކަމަށް އައިސް، މަޖިލިހުގެ ސުޕަރމެޖޯރިޓީ ލިބުމައެކު އައްޔަން ކޮށްފައި އޮތް އާ ބެންޗެއް ކަމެވެ. އަދި މި ބެންޗުގައި، މީގެ ކުރިން ސިޔާސީ މަސްރަހުގައި ވަރަށް އިސްކޮށް، އެމްޑީޕީގެ ހަރަކާތަތްތަކުގައި އެކްޓިވިސްޓުންގެ ގޮތުގައި އުޅުއްވާފައިވާ ބޭފުންނާއި، އަދި ކުރިމިނަލް ކޮޓުގައި ރައީސް ޔާމިންގެ މައްޗަށް ހުކުމް ކުރި ބެންޗުގައި އިސް ފަނޑިޔާރެއްގެ ގޮތުގައި އިންނެވި ފަނޑިޔާރު އިންނެވި ނަމަވެސް، މި ބޭބޭފުޅުން ރައީސް ޔާމިންގެ މައްސަލަ ބައްލަވަމުންދާ 3 ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައެއް ނުގަންނަވައެވެ. އަދި ރައީސް ޔާމިންގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންދާ މި ބެންޗުގައި ތިއްބަވާ 3 ފަނޑިޔާރުންނަކީ، އިސްވެ ދެންނެވުނު ބީދައިން މަސްލަހަތުގެ ފުށުއެރުން ހުރި ބޭފުޅުންގެ ގޮތުގައިވެސް ފާހަގަ ކުރެވޭކަށް ނެތްވެސް މެއެވެ.
އެހެންކަމުން މި އުސޫލުން ބަލާއިރު، ޖުމްލަކޮށް ޝަރުއީ ދާއިރާގެ މައްޗަށް އިތުބާރު ގާއިމް ކުރެވިފައި ނުވާ ނުވުން ފިޔަވާ، ރައީސް ޔާމިންގެ މައްސަލަ ސުޕްރީމް ކޯޓުގެ މިމައްސަލަ ބަލަމުންދާ ބެންޗުން މާދަމާ ސިޔާސީ ވިސްނުމެއްގައި ނުވަތަ އެއުސޫލުން ބޭއިންސާފުން މައްސަލަ ނިމިގެން ދިއުމަށް ފުރުސަތު އޮތްކަމަކަށް ބެލެވޭނެ ޖާގައެއް ނެތެވެ.
މާނައަކީ، ރައީސް ޔާމިންގެ ދައުރުގައި ހިގި އެތަކެއް ސިޔާސީ ގަޑުބަޑެއްގެ ތެރޭގައި އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ގެއްލި، އޭރުގެ ސުޕްރީމް ކޯޓާމެދު އޮތް އިތުބާރު ގެއްލިގެން ގޮސްފައިވި ނަމަވެސް، އެމޭރުމުން މިހާރުގެ ސުޕްރީމް ކޯޓާމެދު ނުދެކި، މި މައްސަލާގައި އިންސާފުވެރި ނިންމުމަކާ ހަމައަށް ސުޕްރީމް ކޯޓުގެ ހުކުމާ ހަމައިން ދެވޭނެކަމާމެދު އޮތް އުއްމީދު ދޫކޮށްނުލާ، މިއީ މިހާރުގެ ސުޕްރީމް ކޯޓުގެވެސް ހަގީގީ ފުރަތަމަ އިމްތިހާނުކަމުގައި ދެކި، ސިޔާސީ ތަފާތު ފިކުރުގެ ފަރާތްތަކާއި، އަދި އެނޫން އެތައް ބަޔަކުވެސް ތިބީ މި ހުކުމުގެ އިންތިޒާރީގެއެވެ.