ކޯވިޑް-19 އިން ރައްކާތެރިވުމަށާއި، ބަލި ހުރި މިންވަރު ދެނެގަތުމަށް، ރެންޑަމް ސާމްޕަލް ނަގަމުންދާއިރު ބައެއް ފަރާތްތަކުން ސާމްޕަލް ނެގުމަށާއި، ޞައްޚަ މައުލޫމާތު ދިނުމަށް ދެކޮޅު ހަދަމުންދާކަމީ ކަންބޮޑުވާ ކަމެއްކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަލާމަތްތައް ހުންނަ މީހުންވެސް ސުންކު ނުދޭ މައްސަލަ ކަމަށެވެ. ޑރ.އަފްޒަލް ވަނީ ވޭދަނަތައް މަދު ކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މިފަދަ ބައްޔެއް ކޮންޓްރޯލް ކުރުމާއި ބަލީގެ ހާލަތުން މުޅި ގައުމު އަރައިގަތުމަށްޓަކައި ފަރުދީގެ ޒިންމާއެއް ވަރަށް ބޮޑު ބައެއްވޭ. މި ދަނޑިވަޅަކީ ހަގީގަތުގައި މި ވޭދަނަތައް މި އޮތީ ވަރަށް ބޮޑަށް މަދުކޮށްލެވިފައިތާ، އެއަށްވުރެވެސް މަދުކޮށް ޒީރޯ ލެވެލްއަކަށް. ނޫނީ އެންމެ ދަށް ހިސާބަކަށް ދެވޭނީ އެންމެންގެ އެއްބާރުލުމަކާއި އެކީގައި.
– ޑރ. އަފްޒަލް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ އެޓޯލް ކްލަސްޓަރގެ ފަރާތުން ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޢަބްދުﷲ މައުރޫފް ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ނޮވެމްބަރުމަހު އިތުރުވެފައިވާކަމަށެވެ. އަދި މީގެތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަޙައްދު ފިޔަވައި އަތޮޅުތެރޭގެ 69 ރަށެއްގައި ކޯވިޑަށް ޕޮޒިޓިވްވެފައިވާ 1136 މީހުން އެބަތިބިކަމަށް މައުރޫފް ވިދާޅުވިއެވެ. މީގެތެރެއިން 8 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. އަދި 19 ރަށެއް އޮތީ މޮނީޓަރިންގެ ޙާލަތުގައެވެ.
އެތައް ބަޔަކު އަތޮޅުތެރޭގައި ޕޮޒިޓީވްވަމުން އަންނައިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އައްޑޫ ސިޓީއިން. އައްޑޫގައި އެކަނިވެސް 291 ކޭސް މިވަގުތު އެބައޮތް.
– މައުރޫފް ވިދާޅުވިއެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވަމުންދާ މީހުން އަތޮޅުތެރޭގައި އިތުރުވަމުންދާއިރު ކުރިއަށް އޮތީ ޗުއްޓީ ދުވަސްވަރުކަމުން ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ދޫކޮށްނުލާ، ސަމާލުވުމަށް އެޗްއީއޯސީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޚާއްސަކޮށް މާސްކު އެޅުމަށް ސަމާލުވުމަށް އެ ސެންޓަރުން އިލްތިމާސްކުރައްވައެވެ.
ކޮމެންޓު ފޮނުވާ