ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަވަގުރާނަ ނުގޮވާ ކަމަށާއި، ބުނިއެއްޗެއް ބުނީ ހުވަދޫ ބަހުންކަމަށް ކާށިދޫ ދާއިރާގެ ހުވަދު އަތޮޅަށް ނިސްބަތްވާ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިފަދައިން ވިދާޅުވީ އިއްޔެ އޭނާ މަޖިލީހުގެ ޖަލްސާގައި ވަޒީރު އަސްލަމާއި މުޚާތަބުކޮށް އަވަގުރާނަ ގޮވާފައިވާކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ވިދާޅުވެ ދެއްކެވި ވާހަތައް މީޑިއާތަކުގައި ރިޕޯޓް ކުރުމާއި ގުޅިގެން އެކަމުގެ ތަފްސީލް ދެއްވައި މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. ޖާބިރު ވިދާޅުވީ އޭނާ ވިދާޅުވީ ހުވަދޫ ބަހުން "ހުތާ" ކަމަށެވެ. އެއީ ހަޑިއެއްޗެއް ނޫންކަމަށާއި، އެއީ ގާތްކޮށްލުމަށް ހުވަދޫ ބަހުން ބޭނުން ކުރާ ބަހެއްކަމަށެވެ.
ޖާބިރުގެ ވާހައަށް ތާއީދުކޮށް، މެމްބަރު ސަނީފްވެސް ވަނީ ޖާބިރު ވިދާޅުވި "ހުތާ" އަކީ ލޯބިން ކިޔާ ނަމެއްކަން ފާހަގަކޮށް އެއީ އަވަގުރާނައެއް ނޫންކަމަށް ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރުގެ ވާހަކަ ބައެއް މެންބަރުންނަށް އޮޅިވަޑައިގެންނެވީ ކަމަށް ވިދާޅުވެފައެވެ.
ހުތާއަކީ ސިންގަޅަ ބަހުން ޕުތާ، ހުވަދޫ ބަހުން ޕާ ހާއަށް ބަދަލުވެފަ އެވަނީ، އެކަން އަޅުގަނޑަށް ހީވަނީ ބައެއް މެންބަރުންނަށް އޮޅިވަޑައިގެން ދިޔައީހެން.
– ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ މިނިސްޓަރާ ގުޅޭ ގޮތުން އެ މޭރުމުން ޖާބިރު ވާހަކަ ނުދައްކަވާނޭ ކަމަށް ޝައްކު ނުއުފެދޭ ކަމަށް ވިދާޅުވެފައެވެ. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވަނީ ހުތާއަކީ ހުވަދޫ ބަހުން ފިރިހެނުންނަށް ލޯބިން މުހާތަބު ކުރުމަށް ބޭނުން ކުރާ ބަހެއް ކަމަށާއި ޖާބިރު މަޖިލީހުގައި ވިދާޅުވީ އެއްވެސް ގޯސް ބަހެއް ނޫންކަމުގެ ޔަގީންކަން އަރުވައިފައެވެ.