އިންޑިއާއެކު ރާއްޖެއިން ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަނުކުރާނަމަ ކޯޓަށް ވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުވުމަސް ފައިސާ ޗާޕްކުރުމަށް ހުއްދަ ހޯދުމަސް ހުށައަޅަފައިވާ މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، އިންޑިއާއަށް ދަރައިންގެ ދިވެހި އަސްކަރިއްޔާ "ކޮމްޕްރައިޒް" ކުރަން ނުޖެހޭނެކަމަށާއި، ދިވެހި ސަރުކާރުން އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރަންޖެހޭކަމަށެވެ.
އޭނާ ވިދާޅުވީ އެއްބަސްވުންތައް ހާމަކުރުން ނޫންގޮތެއް ނޯންނާނެކަމަށާއި، އެހެން ނޫންނަމަ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން އިސްތިއުފާދެއްވަން ޖެހޭނެކަމަށެވެ. ޖާބިރު ވިދާޅުވީ އެމީހުން ގޮވައިގެން ކޯޓަށްވެސް ވަޑައިގަންނަވާނެކަމަށެވެ.
މެންބަރުން ވަރަށް ބިރު ގަނޭ އަސްކަރީ އެގްރިމެންޓެއް އިންޑިއާއެކު ހެދުމުން! އިންޑިއާ އައުޓް! ނިކަން ބާރަށް އިންޑިއާ އައުޓް! މަޖިލީހުން އެބަ ކިޔަން ޖެހޭ އިންޑިއާ އައުޓް! އިންޑިއާއިން މި މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް އެބަކުރޭ. އަޅުގަނޑުމެންގެ ހާރިޖީ އަދި ދާހިލީ ކަންތައްތަކުގެ ތެރެއަށް އިންޑިއާ ވަދެއްޖެ!
– ޢަބްދުﷲ ޖާބިރު
ޖާބިރު ވިދާޅުވީ އިންޑިއާއިން ފައިސާ ނަގައިގެން މިޤައުމު ހިންގަމުން އަންނަނީ ޤައުމު ހިންގަން ނޭނގޭތީކަމަށެވެ. ޖާބިރު މިހެން ވިދާޅުވެފައިވާއިރު،އިންޑިއާއާއި ރާއްޖެއާއި ދެމެދު ވެފައިވާ އަސްކަރީ އެއްބަސްވުންތަކުގައި ޤައުމީ ސަލާމަތަށް ނުރައްކަލެއް ނެތްކަމަށް ސަލާމަތީ ޚިދުމަތުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ރާއްޖެއިން އިންޑިއާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގެ ދަށުން އިންޑިއަ ސިފައިން ރާއްޖޭގައި ތިބޭތީ އިންޑިއާ އައުޓްގެ ނަމުގައި ޤައުމީ ހަރަކާތެއް އިދިކޮޅުންވެސް ދަނީ ހިންގަމުންނެވެ.
ކޮމެންޓު ފޮނުވާ