ނުރައްކާތެރި ދަރަޖައަކަށް ޖައްވު ނުސާފުވެ، އަދި ނުސާފުކަމަށް ހައްލެއް ނުލިބި ދާތީ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ސްކޫލްތައް ބަންދު ކޮށްފައި ހުރި ހުރުން ވަކި މުއްދަތެއް ނެތްގޮތަށް ދިގު ދަންމާލުމަށް ޑިރެކްޓަރ އޮފް އެޑިއުކޭޝަން އަމުރު ކޮށްފިއެވެ.
އަދި މި މުއްދަތުގައި ކުރިޔަށްދާނީ ހަމައެކަނި އޮންލައިން ކްލާސްތައް އެކަނި ކަމުގައިވެސް ވަނީ ނިންމާފައެވެ.
"އެންވިރޮންމެންޓް ޑިޕާޓްމަންޓުންވަނީ، އެއަރ ކޮލިޓީ މެނޭޖްމަންޓުން ވަކިގޮތެއް އަންގަންދެން ސްކޫލްތައް ބަންދު ކޮށްފައި ބެހެއްޓުމަށް އަމުރު ކޮށްފައި، އެހެންކަމުން، ސަރުކާރާ އަދި އަމިއްލަ ހުރިހާ ސްކޫލްތަކެއްވެސް އިތުރު އެންގުމެއް އަންގަންދެން ހުންނަންވާނީ ބަންދު ކޮށްފަ،" އެޑިޝަނަލް ޑިރެކްޓަރ އޮފް އެޑިއުކޭޝަން ރިޓާ ޝަރުމާ ވިދާޅުވެފައި ވެއެވެ.
ދިއްލީގެ ޗީފް މިނިސްޓަރ އަރުވިންދު ކެޖްރިވާލް ނޮވެމްބަރުމަހުގެ 13ވަނަ ދުވަހުވަނީ އެހަފްތާގެ ހޯމް ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށް ސްކޫލްތައް ބަންދު ކުރުމަށް ނިންމަވާފައި ވާކަމަށް ވިދާޅުވެފައެވެ. އޭގެ އެއް ދުވަސްފަހުން ހަރިޔާނާ ސްޓޭޓްގެ ސަރަހައްދީ ސަރުކާރުންވެސް ވަނީ އެ ސްޓޭޓްގެ 4 ސިޓީއެއްގައި ސްކޫލްތައް ބަންދުކުރުމަށް ނިންމާފައިވާކަން އިއުލާން ކޮށްފައެވެ.
ނިއު ދިއްލީގައި ޖައްވު ނުސާފު މިންވަރު މިއަދު ހެނދުނު 9 ޖެހިއިރު ހުރެފައިވަނީ އެއަރ ކުއަލިޓީ އިންޑެކްސް (AQI)ގެ މިންގަޑުން 382 ގައެވެ. މިއީވެސް ޖައްވުގެ ނުސާފު މިންގަޑުގެ ވަރަށް ދަށް ގިންތިއެކެވެ. އަދި މިމަހުގެ ކުރީކޮޅު ހިންދޫންގެ ދީވާލީ އިދު ފާހަގަ ކުރަން ފެށިފަހުން ޖައްވު ނުސާފުވެފައިވާ މިންވަރު ވަނީ މި މިންގަޑުގައި ހިފެހެއްޓިފައެވެ.
އެއަރ ކުއަލިޓީ އިންޑެކްސް (AQI)ގެ މިންގަޑުން 0 އިން 50 އާއި ދެމެދަކީ "ރަގަޅު" ގިންތީގެ ގޮތުގައި ބަލާއިރު، 51 އާއި 100 އާއި ދެމެދަކީ "ފުދޭ" ގިންތި ކަމުގައި ބަލާ މިންގަޑެވެ. އަދި 101 އާއި 200 އާއި ދެމެދަކީ "އާދައިގެ" މިންގަޑުގެ ގޮތުގައި ބަލާއިރު 301 އާއި 400 އާއި ދެމެދަކީ "ވަރަށް ދަށް" މިންގަޑެކެވެ. 401 އާއި 500 އާއި ދެމެދަކީ އެންމެ ޖައްވު ނުސާފު ވުމުގެ އެންމެ ގޯސް ހާލަތެވެ.
20 މިލއަންގެ އާބާދީއެއް އޮންނަ ނިއު ދިއްލީގެ ފެކްޓަރީތަކުން ބޭރުކުރާ މާއްދާތަކުގެ ސަބަބުންނާއި، ކާރުތަކުން ބޭރުކުރާ ދުމުންނާއި އަދި އަދި ފިނި މޫސުމުގައި އަންދާ އަލިފާނުގެ ދުން ޖައްވަށް އަރާ، އިންޑިއާގެ ވެރިކަން ކުރާ ސިޓީ ހިމެނިގެންދަނީ ދުނިޔޭގެ އެންމެ ޖައްވު ނުސާފު ސިޓީ ކަމުގައެވެ.
ސުވިސް އޯގަނިޒޭޝަނެއް ކަމުގައިވާ، IQAir އިން އެކުލަވާލާފައިވާ ޖައްވު އެންމެ ނުސާފު ދުނިޔޭގެ 30 ސިޓީތަކުގެ ތެރެއިން 22 ސިޓީއަކީ އިންޑިއާގެ ސިޓީތަކެވެ. އޭގެތެރެއިންވެސް އެއްވަނާގައި އޮތީ ނިއު ދިއްލީއެވެ.
ކޮމެންޓު ފޮނުވާ