ރާއްޖެއިން އިތުރު 149 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)އިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 149 މީހުންގެ ތެރޭގައިވެސް ގިނައީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވީ މީހުންނެވެ. އެގޮތުން އަތޮޅުތަކުން 111 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މާލޭ ސަރަހައްދުން 18 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 20 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 90،266 އަށް އަރާފައެވެ. އަދި މިވަގުތު މިބައްޔަށް 2،150 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 9 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރު 152 މީހުން މިބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 87،855 އަށް އަރާފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،045 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.
ބަލީގައި މިހާތަނަށް 248 މީހަކު ވަނީ ނިޔާވެފައެވެ.