އިންޑިއާއާއި ރާއްޖޭގެ ގުޅުމާމެދު އުފައްދާ ތުހުމަތުތަކަކީ އަސްލެއް ނެތް ޙަޤީޤަތާ ޚިލާފު ތުހުމަތުތަކެއްކަމަށް ބުނެ ދިވެހި ސަރުކާރުން އެކަން ކުއްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ"އިންޑިއާ އައުޓް" ސްލޯގަން ބޭނުން ކޮށްގެން މީޑިއާއާއި ސޯޝަލް މީޑިއާގައި ކުރަމުން އަންނަ މަސައްކަތަކީ އިންޑިއާއެކު ރާއްޖެއިން އޮތް ގުޅުމަށް ބުރޫއަރުވައި ދެގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންދީ ރާއްޖޭގެ ސިޔާދަތައް ގެއްލުން ދިނުމުގެ މަޤްޞަދުގައި ބަޔަކު ހިންގާ ޙަރަކާތެއްކަމަށް ބުނެފައެވެ. އެބަޔާނުގައިވަނީ ރާއްޖެއިން ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ބާއްވާ ގުޅުމަކީ އިޙްތިރާމާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޤައުމުތަކުން ބޭނުންކުރާ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ބާއްވާ ގުޅުންތަކެއްކަމަށެވެ. އެ ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލަށް އަދި ސަރަހައްދީ ރައްކާތެރިކަމަށް އެއްވެސް އުނިކަމެއް ނާންނާނެކަމަށްް އެބަޔާނުގައިވެއެވެ. އަދި އެ ގުޅުންތައް ބިނާވެފައިވަނީ ރާއްޖޭގެ މަސްލަޙަތުތައް ޙިމާޔަތްކޮށް ދިވެހިންނަށް އެންމެ ފައިދާހުރި ގޮތަށްކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރާއްޖެއަށް ހުރިހާ ކަމެއްގައިވެސް އެންމެ ފައިދާ ހުރި ގޮތަށްކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުމާމެދު އުފައްދާ ތުހުމަތުތަކަކީ އަސްލެއް ނެތް ޙަޤީޤަތާ ޚިލާފު ތުހުމަތުތަކެއްކަމށާއި، އެއީ ފިތުނަ ފަސާދައިގެ އަމަލެއްގެ ގޮތުގައިވެސް ސަރުކާރުން ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން އެ ތުހުމަތުތަކަކީ ޢާންމު ރައްޔިތުންގެ ޝުޢޫރު ނޫންކަން ފާހަގަކުރައްވާ އެބަޔާނުގައިވަނީ އެއީ މަދު ބަޔަކު ދެޤައުމުގެ ގުޅުން ހީނަރުކުރުމަށް ކުރާ މަސައްކަތްތަކެއްކަމަށެވެ.
???? Statement by the Government of Maldives on spreading false information using the “India Out” slogan
Read Statement: https://t.co/JVOD7W9pCv pic.twitter.com/I37rLQr4pf
— Ministry of Foreign Affairs ???????? (@MoFAmv) November 17, 2021
ރާއްޖެއިން އިންޑިއާއެކު ބާއްވާ ގުޅުމަކީ ޒަމާންވީ ތާރީޚީ އަދި ސަޤާފީ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށާ، އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖެއާ އެންމެ ކައިރީގައި އޮންނަ އެންމެ އިތުބާރު ކުރެވޭ ބައިވެރިއެއްގެ ގޮތުގައިކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި ރާއްޖެއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އިންޑިއާއިން އަބަދުވެސް ލިބޭނެކަން ޔަޤީންކުރައްވާކަމަށް ވިދާޅުވެ އެ ބަޔާނުގައި ވަނީ އިންޑިއާއިން ފޯރުކޮށްދޭ ކަނޑުމަތީގެ ސަލާމަތާ ގުޅޭ އެހީތެރިކަމަކީ ދެޤައުމުގެ އިސްތިރާޖީ ގުޅުން ވަރުގަދަކޮށް އިންޑިއާ ކަނޑުގެ ހަމަޖެހުން ކަށަވަރުކުރުމަށް ފޯރުކޮށްދޭ އެހީތެރިކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް އިންޑިއާ އާއިއެކުގައި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެ ބަޔާނުގައި ދީފައިވެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ރާއްޖެއަށް ކުރިމަތިވި 1988ގެ ނޮވެމްބަރު 3 ގެ ހަމަލާއާއި، 2004ގެ ސުނާމީ ކާރިޘާއާއި، 2015ގެ ފެނުގެ ކާރިޘާއާއި ކޯވިޑްގެ ބަލިމަޑުކަމުގައިވެސް އިންޑިއާއިން ފޯރުކޮށްދޭ އެހީ ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެއެވެ. މީގެ އިތުރުން ޓެރަރިޒަމާއި ކަނޑު ފޭރުމުގެ މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކާއި، ތިމާވެއްޓާއި ންސާނީ ވަގުފާރީގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއި އެކުގައި ކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރާކަމަށްވެސް ބަޔާނުގައިވެއެވެ. މިއީ އެއްނެމ ޤައުމަކަށް އެކަނި ހައްލުކުރެވޭނެ މައްސަލަތަކެއް ނޫންކަމަށް ޤަބޫކުކުރާކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެހެންކަމުން އަވަށްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ދޭދޭ ގުޅުންދަކާއި ގުޅޭގޮތުން ދޮގު މަޢުލޫމާތު ނުފެތުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޤައުމުތަކާމެދު އޮންނަ ގުލުމަށް ހީނަރުކަން އަންނަ ކަންކަން ނުކުރުމަށް ގޮވާލާ ބަޔާނުގައިވަނީ އިންޑިއާ އަބަދުވެސް އޮންނާނި ރާއްޖޭގެ އިތުބާރުކުރެވޭ ބައިވެރިއެއްގެ ގޮތުގައިކަމަށް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ