އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވަރލްޑް ކަޕަށް ނެދަލެންޑްސް އާއި އާޖެންޓީނާވެސް ކޮލިފައިވެއްޖެއެވެ.
ވަރލްޑް ކަޕްގެ ޔޫރަޕް ކޮލިފައިންގައި ރޭ ނެދަލެންޑްސް ވަނީ ނޯވޭގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. އަދި ދެކުނު އެމެރިކާގެ ކޮލިފައިންގައި ބްރެޒިލް އާއި އެއްވަރުކޮށް އާޖެންޓީނާވެސް ވަނީ ވަރލްޑް ކަޕުން ސީދާ ޖާގައެއް ކަށަވަރުކޮށްފައެވެ.
ނެދަލެންޑްސް އާއި ނޯވޭ ބައްދަލުކުރި މެޗުގައި ނެދަލެންޑްސްއިން ޖެހި 2 ލަނޑުވެސް އެޓީމުން ޖެހީ މެޗުގެ ދެވަނަ ހާފުގައެވެ. އެގޮތުން މެޗު ނިމެން 6 މިނެޓަށް ވެފައި ވަނިކޮށް ނެދަލެންޑްސްއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ، ބާގްވެއިނެވެ. އަދި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ، މެމްފިސް ޑިޕާއިއެވެ.
މި މޮޅާއެކު ގްރޫޕް ޖީގެ އެއްވަނަ ނެދަލެންޑްސްއިން ހޯދީ ކުޅުނު 10 މެޗުން ލިބުނު 23 ޕޮއިންޓާއެކުއެވެ.
ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިވިއިރު، މިހާތަނަށް ޖުމްލަ 13 ގައުމެއް ވަނީ މި މުބާރާތަށް ކޮލިފައިވެފައެވެ. އޭގެ ތެރެއިން 10 ގައުމަކީ ޔޫރަޕުގެ ގައުމުތަކެވެ.
މީގެ އިތުރުން ވަރލްޑް ކަޕްގެ ދެކުނު އެމެރިކާގެ ކޮލިފައިންގައި ރޭ ބްރެޒިލް އާއި އާޖެންޓީނާ ވާދަކުރި މެޗު ވަނީ އެއްވަރުވެފައެވެ. މި ނަތީޖާއާއެކު އާޖެންޓީނާއަށް ވަރލްޑް ކަޕުން ޖާގައެއް ލިބުނީ، ކޮލިފައިންގައި ރޭ ޗިލީ އަތުން 2-0 ގެ ނަތީޖާއަކުން އެކުއެޑޯ މޮޅުވުމުންނެވެ.
ދެކުނު އެމެރިކާ ކޮލިފައިންގެ ގަދަ ހަތަރު ޓީމަށް ވަރލްޑް ކަޕުގެ ޖާގަ ލިބޭއިރު، ކޮލިފައިންގެ އެއްވަނައިގައި ބްރެޒިލް އޮތީ ކުޅުނު 13 މެޗުން ލިބުނު 35 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާޖެންޓީނާއަށް 13 މެޗުން 29 ޕޮއިންޓް ވަނީ ލިބިފައެވެ.
ކޮމެންޓު ފޮނުވާ