ރައީސް ސާލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ދިވެހިރާއްޖޭގެ 2ވަނަ ޖުމުހޫރިއްޔާގެ 6ވަނަ ރައީސްގެ ގޮތުގައެވެ. ވެރިކަމުގެ ހުވާ ކުރެއްވީ 2018ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17ވަނަ ދުވަހުއެވެ.
ރައީސް ޔާމިންގެ ވެރިކަމުގެ ހަަލަބޮލި، އަދި ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ގޮންޖެހުން ބޮޑު 5 އަހަރަށްފަހު، އެވެރިކަން ބަދަލުކޮށް، ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވީ، ކޯލިޝަން ޕްލެޓްފޯމެއްގައި، އެންމެން ގޮވައިގެން ވެރިކަން ކުރައްވާނޭކަމުގެ ވައުދުތަކަކާއެކީ އެވެ. އޭރު ގައުމުގައި އޮތް ސިޔާސީ ބޮޑެތި ކޯޅުންތަކާއި، ނަފްރަތާއި އަދި މުޅި ދައުލަތުގެ ތެރޭގައި ވަކި ހިތްޕާލާފަ އޮތް ކޮރަޕްޝަނާއި ފަސާދައިގެ ވަބާ ނެތިކޮށް، ރައްޔިތުންގެ ހާލަތު ބަދަލު ކޮށްދެއްވާނޭކަމުގެ ބޮޑެތި ވައުދުތަކާ އެކީވެސްމެއެވެ.
މިގޮތުން، ރައީސް ޔާމިންގެ ވެރިކަން ބަދަލުކޮށް، އެވެރިކަމުގައި ނުހައްގުން ޖަލަށްލެވުނު އެތައް ބަޔަކަށް މިނިވަންކަން ހޯއްދަވާ ދެއްވާ، އަދި އޭގެ އިތުރުންވެސް އޭރު ހިފެހެއްޓިފައި އޮތް މީޑިއާގެ މިނިވަންކަމާއި، ގެއްލިފައިއޮތް މިނިވަން މުވައްސަސާތަކުގެ މިނިވަންކަންވެސް އިއާދަ ކޮށްދެއްވާނޭކަމުގެ ވައުދުތަކާވެސް އެކީގައެވެ.
ހަމަ އެފަދައިން، އިގްތިސާދީގޮތުން ގައުމު ކުރިއަރުވާ، ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ފައްޓަވާ، ރައްޔިތުންނަށް ކުރިމަވެފައިވާ ބޯހިޔާވަހި ކަމުގެ ގައުމީ މައްސަލައަށް ދައިމީ ހައްލެއް ހޯއްދަވާ ދެއްވުމުގެ އިތުރުން ރައްޔިތުން އިޖުތިމާޢީ ދުވަޅުހެޔޮކަމާއި އަދި ސިއްޙީ ނިޒާމުގެ ތެރޭގައި ޒަމާނުއްސުރެ އޮންނަމުންދާ ބުރަހެލިކަން ފިލުއްވާލާ ދެއްވާ، ރައްޔިތުންގެ ހާލަތު ބަދަލު ކޮށްދެއްވާނޭކަމުގެ ވައުދުތަކަކަކީ 2018ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ކޯލިޝަން ޕާޓީތަކާއެކީ ރައީސް ސާލިހު ވެވަޑައިގެންފައިވާ މުހިންމު ވައުދުތައް ކަމުގައި މިފުސަތުގައި ފާހަގަ ކޮށްލަންޖެހެއެވެ.
އެހެންކަމުން، ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގެ 3 އަހަރު ފަހަތަށް ދޫކޮށް، ވެރިކަމުގެ ނާ ހޭރިޔާކޮށް 4ވަނަ އަހަރާ ކުރިމަތި ލާއިރު، ފާއިތުވެދިޔަ މުއްދަތުގައި، ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ގޮންޖެހުންތަކާ އެކީވެސް ތަރައްގީއާއި ތަމައްދުނުގެ ރޮގުން، އަދި ގައުމުގެ ހަމަޖެހުމާއި އިގްތިސާދީ ކުރިއެރުމުގެ މަގުން ހާސިލްކުރެވުނު ކަންކަމާއި ނުކުރެވުނު ކަންކަމުގެ މައްޗަށް އަވަސް ކަޅިއަކުން ނަޒަރެއް ހިންގާލުމަކީ މުހިންމު ކަމެކެވެ.
ކޯލިޝަންގެ ވެރިކަމެއް ދެމެހެއްޓެވުނު ހަމައެކަނި ރައީސްތަ؟
2008ވަނަ އަހަރު ދިވެހިން ބަލައިގައި އާ ގާނޫނު އަސާސީއަށްފަހު މިހާރު ވެރިކަން ކުރެވެމުންދާ ރިޔާސީ ނިޒާމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވާން އޮތް އެއްކަމަކީ، ފާއިތުވި ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް، ވެރިކަން ކުރުމުގެ ފުރުސަތު ރައްޔިތުން ކޯލިޝަން ސަރުކާރަކަށް ދީފައިވާކަމެވެ.
މިގޮތުން 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ނަޝީދު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރުމަށް ނުކުތް ކޯލިޝަންއަކާއެކީއެވެ. އެހެންނަމަވެސް ނަޝީދު ވެރިކަމުގެ ހުވާ ކުރެއްވިދާ އެންމެ 22 ދުވަހުގެ ތެރޭގައި ކޯލިޝަން އެންމެ މުހިންމު ޕާޓްނަރު، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ކޯލިޝަނާ ދުރަށް ޖެހިވަޑައި ގެންނެވީއެވެ. އެއަށްފަހު، ކޯލިޝަން ޕާޓްނަރުން ދުރަށް ލައްވާ، އެކި އުޒުރުތައް ދައްކަވާ ނަޝީދު މުޅި ކެބިނެޓް އެމްޑީޕީގެ ކެބިނެޓަކަށް ހައްދަވާ، ކޯލިޝަން އެކީ ރޫޅާލެއްވީއެވެ.
އެއަށްފަހު އައީ 2013ގެ ރިޔާސީ އިންތިޚާބެވެ. ރައްޔިތުން ފުރުސަތު ދިނީ ހަމަ ކޯލިޝަން ސަރުކާރަކަށެވެ.
އެހެންނަމަވެސް، ރައީސް ޔާމިންގެ ވެރިކަމުގައިވެސް ވެރިކަމުގެ ދައުރު ފެށުނުތަނާ ކަހަލަ ގޮތަކަށް، ވެރިކަން ކުރަމުން އައި ކޯލިޝަނަށް ކުރަންޖެހުނީ ހަމަ އެއް ތަޖުރިބާއެކެވެ. ސިޔާސީ ބޮޑެތި ޚިޔާލުތަފާތުވުން ތަކެއް އުފެދި، ކޯލިޝަންގައި އޮތް ގިނަ ޕާޓީތައް ބައިބައިވެ، ކޯލިޝަން ރޫޅިގެން ދިޔައީއެވެ. ހަމައެއާއެކު، އެ ކޯލިޝަން ރޫލިގެން ދިއުމަށްފަހު އުފެދިގެންދިޔަ ސިޔާސީ ބައިބައިވުން ތަކުގައި ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންއައި ގިނަ ސިޔާސީ ލީޑަރުން ޖަލަށްލެވި، ގައުމުގައި ފިތުނަވެރިކަމުގެ އަލިފާނުގެ ހުޅު ރޯވެ، ބޮޑެތި ބައިބައި ވުންތަކެއްވެސް އުފެދިގެން ދިޔައީއެވެ.
އެއަށްފަހު، ރައީސް ޔާމިންގެ ވެރިކަމަށް ނިމުން ގެނައުމަށް ހުރިހާ އިދިކޮޅު ޕާޓީތައް އެކުވެ އުފެއްދި ކޯލިޝަނުން 2018ގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް، ކޯލިޝަންގެ ކެނޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ކޯލިޝަން ވެރިކަމަށް 3 އަހަރު ފާއިތުވެގެން ދިޔައީއެވެ. އެހެންނަމަވެސް ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ކޯލިޝަންގެ ވެރިން ރައީސް ސާލިހުގެ ވެރިކަމުގައި ދެމި ތިއްބެވިއެއްކަމަކު، ކޯލިޝަން އުފެއްދުމަށް އެންމެ ފުރަތަމަ ވީވައުދުގެ މައްޗަށް ގިނަ ކަންކަން ިހިގައިގެން ގޮސްފައި ނުވާކަމެވެ.
މިގޮތުން ރައީސް ސާލިހުގެ ވެރިކަން ފެށިގެން އައުމަށްފަހު، ކޯލިޝަން ޕާޓްނަރުން ވައުދުވީ ބީދައިން 2019ގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ކޯލިޝަން ޕާޓީތަކަށް ލިބިދީފައެއް ނުވެއެވެ. ވަޒީފާތައް ދިނުމުގައި ހުރިހާ ޕާޓީއެއްގެ ޝަކުވާތައްވެސް އެބަހުއްޓެވެ. މީގެ އިތުރުންވެސް އެންމެ ބޮޑަށް ފާހަގަވާން އޮތް އެއްކަމަކީ، ރައީސް ސާލިހުގެ ކެބިނެޓަށް ފާއިތުވެދިޔަ މުއްދަތުގައި އައިސްފައިވާ ބޮޑެތި ބަދަލުތަކެވެ.
ކޯލިޝަން ޕާޓީތަކުގެ ތެރެއިން ކެބިނެޓްގައި މިއަދު، ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންގެ ގޮތުގައި ގިނައިން ތިއްވެނީ ޕާޓީތަކުގެ ލީޑަރުންގެ "އަނބި ދަރިން" ކަމުގައި ދެންނެވިދާނެއެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި ރައީސް ސާލިހު މިއަދާހަމައަށް ކޯލިޝަންއަކާ އެކީ ވެރިކަން ކުރައްވަމުން ވަޑައިގެންނެވިއެއްކަމަކު، ކޯލިޝަން ދެމިއޮތް ހަމެކަނި ސަބަބަކީ މިއީއެވެ.
އެހެންނަމަވެސް، މި ސަބަބުތައް މިގޮތުގައި ހުރިނަމަވެސް، މިހާތަނަށް ކޯލިޝަން ވެރިކަމެއް އެންމެ ދިގު މުއްދަތަކަށް ކުރެއްވި ވެރިއެއްގެ ގޮތުގައި ތާރީޚު ލިޔުންތެރިންގެ ގަލަމުން، ރައީސް ސާލިހުގެ ނަން ލިޔަން ޖެހިގެން ދާނޭކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
ތަރައްގީ!
ރައީސް ސާލިހުގެ ވެރިކަމަށް 3 އަހަރު ފާއިތުވެގެން ދިޔައިރު، ގިނަބަޔަކު ރައީސް ޔާމިންގެ ވެރިކަމާއި ރައީސް ސާލިހުގެ ވެރިކަމާ އަޅާކިޔަމުންދާ އެއްކަމަށް ވެގެން މިދިޔައީ ގައުމީ ތަރައްގީއެވެ. އެވެރިކަމުގައި ހިންގާފައިވާ ތަރައްގީގެ ބައެއް ބިޔަ ބޮޑެތި މަޝްރޫޢުތަކާއެވެ. ސިންމާލެ ބްރިޖެވެ. ހިޔާ ފްލެޓްތަކެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ފަންގިފިލާގެ އިމާރާތެވެ.
މިގޮތުން ބަލާއިރު، ރައީސް ޔާމިންގެ ވެރިކަމުގެ 4 ވަނަ އަހަރު (2017ވަނަ އަހަރު) ހިޔާ މަޝްރޫއުގެ ބިންގާ އަޅުއްވާ، މަސައްކަތުގެ ބޮޑުބައި 2018ގެ ރިޔާސީ އިންތިޚާބުގެ ކުރިން ނިންމަވާ ލެއްވިއެވެ. ވެރިކަމުގެ 3 ވަނަ އަހަރު (2016ވަނަ އަހަރު) ބްރިޖް މަޝްރޫޢު އިފްތިތާހުކޮށް، 2018ގެ ރިޔާސީ އިންތިޚާބުގެ ކުރިން ބުރިޖުގެ ބޭނުން ކުރަން ފެށިގެން ދިޔައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ބޮޑު މަޝްރޫޢު، ދައުރުގެ 3 ވަނަ އަހަރު (2016ވަނަ އަހަރުގެ ޖޫންމަހު) ފެށި، 2018ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ހުޅުވިގެން ދިޔައެވެ.
މިއީ ރައީސް ޔާމިންގެ ދައުރުގައި ކުރިޔަށް ގޮސްފައިވާ، ގައުމީ ތަރައްގީއާއި ގުޅުންހުރި، އަދި މިހާރުވެސް އިދިކޮޅު ޕީޕީއެމްއަށް ތާޢީދުކުރާ ފަރާތްތަކުން އެވެރިކަމުގެ ލެގަސީއެއްގެ ގޮތުގައި ފާހަގަކުރާ އެންމެ މުހިންމު ކަންކަމެވެ.
އެހެންނަމަވެސް، ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގެ 3 އަހަރު ނިމި، 4 ވަނަ އަހަރާއި ކުރިމަތިލާއިރު، އެމަނިކްފާނު 2018ގެ ރިޔާސީ އިންތިޚާބުގައި ވައުދުވެ ވަޑައިގެންނެވި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް އަމަލީ ސިފަ އަދި މިހާތަނަށް ގެނެވިފައިވާ ނުވާކަން ފާހަގަ ކޮށްލަންޖެހެއެވެ.
މީގެތެރޭގައި އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލަންޖެހެނީ މިސަރުކާރުން އެޅުމަށް ނިންމާފައިވާ ތިލަމާލެ ބްރިޖް މަޝްރޫއެވެ. ތިލަމާލެ ބުރިޖް މަޝްރޫއަކީ މިސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ޚުދު ސަރުކާރުގެ ވަޒީރުންވެސް ސިފަކުރައްވަމުން ގެންދަވާއިރު، މަޝްރޫގެ އަމަލީ އެއްވެސް މަސައްކަތެއް އަދި އަދާހަމައަށް ކުރިޔަށްދާ ތަނެއް ފެންނާކަށް ނެތެވެ.
ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވާ ދެއްވުމަކީ ރައީސް ސާލިހުގެވެސް އެންމެ މުހިންމު އެއްވައުދެވެ. އެހެންނަމަވެސް ދައުރުގެ 3 އަހަރު ފާއިތުވެގެން ދިޔައިރު، ބޯހިޔާވަހި ކަމުގެ ބޮޑު އެއްވެސް މަޝްރޫއެއް ސަރުކާރުން އިފްތިތާހު ކޮށްފައެއް ނުވެއެވެ. ދާދިފަހުން، ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި 4000 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ އިކުއިޓީ، ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ހަމަޖެއްސުމުގެ ގޮތުން އެފައިސާ ބަޖެޓުގައި ހިމެނިފައިވާކަމަށް ބަޖެޓް ބަޔާން މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ހަމައެފަދައިން މިސަރުކާރުން ކުރިޔަށް ގެންދާނެ އެންމެ ބޮޑު އެއް މަޝްރޫއުގެ ގޮތުގައި ފާހަގަވެގެންދާ މާލޭ ޕޯޓު ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫ މިއަހަރު ފަހުކޮޅު ފެށިގެންދާނެކަމަށް ސަރުކަރުގެ ކަމާގުޅުންހުރި ކުންފުނިތަކާއި ވުޒާރާތަކުން ބުނެފައިވި ނަމަވެސް، އަހަރު ނިމިގެންދާއިރު، މިމަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިޔަށްދާތަން އަދި ފެނިގެނެއް ނުދެއެވެ. އެހެންނަމަވެސް، ޕޯޓު ގުޅީފަޅަށް ބަދަލުކުރުމަށް ބޭނުންވާ ގުޅީފަޅުގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ސަރުކާރުން މިހާރު ނިންމާފައިވާކަން މިފުރުސަތުގައި ފާހަގަކޮށްލަން ޖެހެއެވެ.
އެހެންކަމުން، ތަރައްގީގެ ނިސްބަތުން ބަލާއިރު، މިސަރުކާރުންވެސް ރަށަށް ބޭނުންވާ ތަރައްގީގެ ގިނަ މަޝްރުއުތަކެއް ކުރިޔަށް ގެންދިޔަ ނަމަވެސް، ތަރައްގީގެ ލެގަސީތައް އެމަޝްރޫއުތަކާ ގުޅިލާމެހިގެންދާ ތަރައްގީގެ ބިޔަ މަޝްރޫއުތައް ދައުރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ރައީސް ސާލިހުގެ ސަރުކާރަށް ފަށާގަނެވިފައެއް ނުވެއެވެ. އެހެންނަމަވެސް މަޝްރޫއުތައް ޕްލޭންކުރުމުގެ މުހިންމު ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންދެވި، ބިޔަ މަޝްރޫއުތައް މިވަނީ ދައުރުގެ ފަހު ދުވަސްކޮޅަށް ފުނިޖެހިފައެވެ.
އެހެންކަމުން ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގެ ކާމިޔާބީއާއި ނާކާމިޔާބީ ވަޒަން ކޮށްލަން ލިބިފައި އޮތް ހަމައެކަނި ފުރުސަތަކީ ކުރިޔަށް އޮތް ދެއަހަރު ކަމުގައި ދަންނަވަން ޖެހެއެވެ.
ކޯވިޑް19އަކީ ބަހަނާއެއްގެ ގޮތުގައި ބެލޭކަށް ނެތް!
ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި، ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާ ކުރަންޖެހެނީ މިފަސްއަހަރަށްވީ ވަޢުދުތަށް ފުއްދާ ނިންމުމަށް ކަމަށާއި، ކޯވިޑް-19 އިން ގެއްލުނު ދިގުމުއްދަތަކީ ބަހަނާ އެއްގެ ގޮތުގައި ބެލޭކަށް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުވެސް ވަނީ ޖުމުހުރީ ދުވަހު ގައުމާ މުޚާތަބު ކުރައްވަމުން ވިދާޅުވެއެވެ.
އެހެންމަވެސް ގަބޫލުކުރަން ޖެހޭ އެއް ހަގީގަތަކީ ކޯވިޑް19އާއި ދެކޮޅަށް ކުރަންޖެހުނު އުދަގޫ އަދި ގެއްލުން ބޮޑު ހަގުރާމާގައި ދޮޅު އަހަރު ފާއިވެގެން ގޮސްފައިވާކަމެވެ. މި ދޮޅު އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫޢުތަކަށް ލަސްކަން އައިސް، އިގްތިސާދީ ގޮތުން ގައުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ.
އަދި މިއީ މުޅި ދުނިޔެއަށް ކުރިމަތިވެގެންދި ސިއްޙީ އާލަމީ ވަބާއަކަށް ވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، މި ހަގުރާމާގައި ސަރުކާރުގެ ގިނަ ހަކަތައެއް މިކަމަށް ހުސްކުރަން މަޖުބޫރުވެ، މިއީ ހުރިހާ ގޮތަކުން ބެލިކަމުގައިވި ނަމަވެސް، ތަރައްގީގެމަގުން ރައީސް ސާލިހަށް ގެއްލިގެންދިޔަ މުއްދަތެއްކަމުގައި ބެލެވެން އެބައޮތެވެ.
އެހެންނަމަވެސް، ކޯވިޑް ކާރިސާގެ ނަތީޖާއެއްގެ ގޮތުން ރައްޖޭގެ ސިއްޙީ ނިޒާމަށް ބޮޑެތި އިންވެސްޓްތަކެއް ކުރެވި، އުމްރާނީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުންވެސް ސިއްޙީ ނިޒާމަށްވަނީ ބޮޑެތި ކުރިއެރުންތަކެއް ގެނެވިފައެވެ. އެހެންކަމުން މި ބޮޑެތި ހޭދަތަކުގެ ކުރިއެރުން ސިއްޙީ ނިޒާމުގެ ތެރެއިން ފެންނާން ޖެހޭކަން މިއީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.
ކޮންމެއަކަސް، ރައީސް ސާލިހުވެސް ވިދާޅުވިފަދައިން ކޯވިޑަކީ ބަހާނައެއް ނޫނެވެ. ސަބަބަކީ، ރައްޔިތުންގެ ހާލަތު ބަދަލު ކުރަން ލިބުނު ފުރުސަތުގައި، ރައްޔިތުންގެ ހާލަތަށް އެދެވޭ ބަދަލު ނާންނަނަމަ ރައްޔިތުން އަބަދުވެސް ބަލައިގަންނާނީ ނުކުރެވި އޮތްކަންކަން މިއީ ދިވެހު މުޖުތަމައުން ސާފުވާން އޮތް އަދި ސިޔާސީ ފަރާތްތަކުން ގަބޫލުކުރަން ޖެހޭ އެންމެ ބޮޑު އެއް ހަގީގަތްކަމުގައި ވާތީއެވެ.